ހަބަރު

ޑަބްލިޔުޓީއެމްގައި ރާއްޖެ ފުޅާކޮށްލަން އިތުރު ޖާގަ ހޯދަނީ

ލަންޑަނުން: Mundoo Adam Halym
Nov 6, 2017

ވޯލްޑް ޓްރެވެލް މާކެޓް (ޑަބްލިޔޫޓީއެމް) ފެއާގައި އެކްސެލް ލަންޑަން، ވިކްޓޯރިއާ ޑޮކުން ރާއްޖެއަށް ލިބޭ ޖާގަ އިތުރު ކުރަން އެމްއެމްޕީއާރްސީން ލޮބީ ކުރަން ފަށައިފި އެވެ.

ޑަބްލިޔޫޓީއެމް، އެކްސެލްގެ އޭޝިއާ / ޕެސިފިކް އަދި އިންޑިއަން އޯޝަންއަށް ހާއްސަ ކޮށްފައިވާ ހޯލް ވިކްޓޯރިޔާ ޑޮކްގައި މިއަދު ހެނދުނު ފެށުމަށް ފަހު އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި އެމްއެމްޕީއާރްސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ވިދާޅުވީ ދުނިޔޭގައި ބާއްވާ ދެ ވަނައަށް އެންމެ ބޮޑު ޓޫރިޒަމް ފެއާގައި ދުނިޔޭގެ ޓޫރިޒަމްގައި އެންމެ ހާއްސަ އެއް ގައުމު، ދިވެހިރާއްޖެ ޕްރޮމޯޓް ކުރަން ލިބޭ ޖާގަ ވަރަށް ބޮޑުތަން ކުޑަވެ އެކަން އިހުސާސް ކުރެވިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގެ ފެއާގައި ރާއްޖެއަށް ލިބުނު ޖާގައަށްވުރެ ބޮޑު ޖާގައެއް ހޯދައި ޑަބްލިޔޫޓީމްގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ވިސްނުން ފުޅާކޮށް ބައެއް ކަންކަން ބަދަލު ކުރަންޖެހޭ ކަމަށެވެ.

މި ފެއާގައި ވޭތުވެދިޔަ އަހަރުތަކުގައި ވެސް ރާއްޖެއިން ގާއިމުކޮށްފައިވަނީ 276 ސްކްޔާ މީޓަރުގެ ސްޓޭންޑެކެވެ. މިފަހަރު ވެސް ރާއްޖެއަށް ލިބިފައިވަނީ އެވަރުގެ ޖާގައެކެވެ. ނަމަވެސް މިއަހަރު ރާއްޖެއިން 70 ޕާޓީއަކުން 200 އެއްހާ ބައިވެރިން ރާއްޖެ ތަމްސީލް ކުރުމަށް މި ސްޓޭންޑުން ޖާގަދީފައި ވެއެވެ. -- މީގެ ތެރޭގައި އޮފިޝަލުންނާއި ނޫސްވެރިންނަށް ދިން ޖާގައެއް ނުހިމެނެ އެވެ.

ހާރިސް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށްޓަކައި 276 ސްކްއާމީޓަރުގެ ސްޓޭންޑަކުން މިހާރު ނުފުދޭ ކަމަށާއި މިހާރަށްވުރެ ބޮޑު ޖާގައަކާއެކު ބައިވެރިވާ ފަރާތްތަކަށް ފަހި މާހައުލެއް އޮންނަ ގޮތަށް ސްޓޭންޑް ގާއިމްކުރާނެ ޖާގަ ރާއްޖެއަށް ބޭނުންވާ ކަމަށެވެ.

"އެކަމަށް އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަން ފަށައިފިން. އިރާދަކުރެއްވިއްޔާ ދެން މިއަށްވުރެ ބޮޑް ތަނަވަސް ސްޓޭންޑެއްގައި އަޅުގަނޑުމެން މިފެއާގައި ރާއްޖެ ތަމްސީލް ކުރާނީ،" ހާރިސް ވިދާޅުވި އެވެ. "އެނގި ވަޑައިގަންނަވާނެ ސްޓޭންޑްގައި އޮފިޝަލީ ގޮތުން ހިމަނަން ބޭނުންވާ ބައެއް ކަންކަންވެސް އަޅުގަނޑުމެން ގުރުބާންކޮށްލައިފިން ބައިވެރިންނަށް ޖާގަ ދިނުމަށް، އެހެންވީމާ އިތުރު ޖާގަ ހޯދަން މަސައްކަތް ކުރަން ޖެހޭ،"

ޑަބްލިޔޫ ޓީމްއެމްގައި ބައްރުތައް

  • އެފްރިކާ: 397
  • އެމެރިކާސް: 974
  • އޭސިއާ: 726
  • އޮސްޓްރަލްއޭޝިއާ: 141
  • ޔޫރަޕް:1866
  • މިޑްލްއީސް:385

ހާރިސް ވިދާޅުވީ ސްޓޭންޑް ގާއިމް ކުރުމަށް ލިބޭ ޖާގަ ބޮޑު ކުރަން މަސައްކަތް ކުރާއިރު ރާއްޖޭގެ ޓޫރިޒަމްގެ ޕްރޮޑަކްޓްތައް ފެއާގައި ހުށަހަޅައިދޭ ގޮތާއި ސްޓޭންޑް ފަރުމާ ކުރުމާއި އެޕްރޯޗް ވެސް ބަދަލު ކުރަންޖެހޭ ކަމަށާއި ވާދަވެރި ބައެއް ގައުމުތަކުން އެ މަސައްކަތް މިހާރުވެސް ފަށައިފި ކަމަށެވެ.

"މިފެއާއަށް ބަލާއިރު ވެސް ފެންނާނެ އިންޑާ އެއޮތީ ހޯލްގެ އެއްކޮޅުން އަނެއްކޮޅަށް ހުރަހަށް އެމީހުންގެ ސްޓޭންޑް ދަމާލާފައި، އެމީހުންގެ އެޕްރޯޗްވެސް އެ ވަނީ ބަދަލުކޮށްލާފައި، ބައެއް އެހެން ގައުމުތައް ވެސް އެބަދަލު ގެނެސްފި، އަދި މީޓިންތައް ހެދުމަށާއި ޕްރޮޑްކްޓް ޕްރޮމޯޓް ކުރުމުގައި އަޅުގަނޑުމެން މިހާރު ގެންގުޅޭ ފަރުމާއާ ހިލާފަށް ތަނަވަސް ގޮތަކަށް މިކަންކުރެވޭނެ މާހައުލެއް އަޅުގަނޑުމެންވެސް ހޯދަން ޖެހޭ،" ހާރިސްވިދާޅުވި އެވެ.

ޑަބްލިޔޫޓީއެމްގައި ރާއްޖެއަށް އޮތް ޖާގަ އިތުރު ކުރަން އެމްއެމްޕީއާރްސީން މަސައްކަތް ފެށިއިރު ފެއާއަށް ސްޕޭންގެ ޑައިލޫނިއޯ އިން ފަރުމާކޮށްދިން ސްޓޭންޑަށް ގިނަ އަދަދެއްގެ ބައެއްގެ ތަރުހީބު ލިބުނެވެ. ފެއާގައި ގާތްގަނޑަކަށް 5000 މަންދޫބުންނަށް ގާތް ކުރާ މިންވަރަކަށް ޓޫރިޒަމާ ގުޅުންހުރި ފަރާތްތައް ބައިވެރިވި އެވެ. މިއަދުން ފެށިގެން ތިން ދުވަހަށް ކުރިޔަށް ގެންދާ ފެއާއަށް މިއަދު ހަވީރާ ހަމައަށް އެކަނިވެސް އެތަކެއްހާސް މީހުން ޒިޔާރަތް ކުރި އެވެ.