ހަބަރު

ރައީސްގެ އަމާޒު ޔަގީން ކުރަން ޑަބްލިޔޫޓީއެމް އެހީވެދޭނެ: އަނިލް

ލަންޑަނުން: Mundoo Adam Halym
Nov 6, 2017

ރައީސް އަބްުދުﷲ ޔާމީންގެ ބޭނުންފުޅުވާ ޓޫރިޒަމް ތަރައްގީއަށް ވާސިލްވުމަށް މި އަހަރުގެ ވޯލްޑް ޓްރެވެލް މާކެޓް (ޑަބްލިޔޫޓީއެމް) ފެއާ މުހިންމު ދައުރެއް އަދާކޮށްދީ ޓޫރިޒަމްގެ އާ މިސްރާބަށް އަމާޒު ހިފައިދޭނެ ކަމަށް ރާއްޖޭގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.

އިނގިރޭސި ވިލާތުގެ، އެކްސެލް ލަންޑަން، ވިކްޓޯރިއާ ޑޯކް، ގައި މިއަދު ފެށި ދުނިޔޭގެ ދެ ވަނައަށް އެންމެ ބޮޑު ޓޫރިޒަމް ފެއާ، ވޯލްޑް ޓްރެވެލް މާކެޓް (ޑަބްލިޔޫޓީއެމް) ގައި ރާއްޖެއިން ގާއިމްކުރި، ދިވެހި ޓޫރިޒަމާއި އެ އިންޑަސްޓްރީ ރަމްޒްކޮށްދޭ ސްޓޭންޑް އިފްތާހު ކޮށްދެއްވުމަށްފަހު ރާއްޖޭގެ ނޫސްވެރިންނާ ބައްދަލު ކުރައްވާ ރާއްޖޭގެ ބަންޑާރަ ނައިބު މިއަދު ހެނދުނު ވިދާޅުވީ މި ފެއާއަކީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރަން ރަސްމީ ޝެޑިއުލްގައި ހިމަނައިގެން މި އަހަރު ހިންގާ ފަހު ހަރަކާތަށްވުމާއި މި ފެއާ ތިން ދުވަހަށް ކުރިޔަށް ދަނީ އިނގިރޭސި ވިލާތުގައި ކަމަށް ވުމުން އިނގިރޭސި ވިލާތުން ރާއްޖެއަށް ޒިޔާރާތް ކުރާ ޓޫރިސްޓުން އިތުރު ކުރުމުގައި މިއަހަރު ބޮޑު ކާމިޔާބީއެއް ހޯދޭނެ ކަމަށެވެ.

އޭޖީ، އަނިލް ވިދާޅުވީ ޑަބްލިޔޫޓީއެމްގެ ސަބަބުން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އަބަދުވެސް އިތުރުވާ ކަމަށާއި މިހާރު ވެސް އެއްދުވަހުން އަނެއް ދުވަހަށް ނަމްބަރު އިތުރުވާއިރު ސަރުކާރާއި ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވެ ވަޑައިގަންނަވާ އަމާޒު ހާސިލް ކުރުމުގައި ކާމިޔާބު ހޯދަން މި ފަހަރުގެ ފެއާ ވަރަށް ބޮޑަށް އެހީ ވެދޭނެ ކަމަށެވެ.

"އަޅުގަނޑުމެން މި ފެއާގައި ދެވޭ މައުލޫމާތުތަކުގެ ތެރޭގައި ވެސް ހިމެނޭނެ، ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން ރާއްޖޭގެ އިގްތިސޯދަށް އައި ބަދަލުތަކުގެ ވާހަކަ، ޓޫރިޒަމަށް ވިޔަފާރިއަށް ހުޅުވާލެވިފައިވާ ފަހި ފުރުސަތާއި މާހައުލުގެ ވާހަކަ އެހެންވީމާ މި ފެއާއިން ޓޫރިޒަމަށް ބޮޑު ކާމިޔާބީއެއް އަހަރު ނިމިގެންދާއިރުގަ އާއި އަހަރު ފަށާއިރު ހޯދޭނެ،" އަނިލް ވިދާޅުވި އެވެ.

އަނިލް ވިދާޅުވީ ރާއްޖޭގެ ތަރައްގީ އާ ހަރުފަތަކަށް ގެންދިއުމުގައި ރައީސް އަބްދުﷲ ޔާމީންގެ އަމާޒް ގެންގުޅުއްވަނީ ރާއްޖޭގެ ޓުއަރިޒަމް ވެސް ބިނާ ކުރަނިވި ގޮތަކަށް ތަރައްގީކޮށް ބަދަލެއްގެ ތެރެއަށް ގެންދިއުމަށް ކަމަށާއި އަލަށް ތަރައްގީކުރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރާ ބޮޑު އިންވެސްޓްމެންޓަކީ އޭގެ ހެއްކެއް ކަމަށެވެ.

"އޭގެ [ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް] ގެ ސަބަބުން ދިވެހި ރާއްޖޭގެ ޓުއަރިޒަމް މާކެޓަށް އަދި ޖުމްލަކޮށް ރާއްޖޭގެ ތަރައްގީ އާއި އިގްތިސޯދީ ކުރިއެރުން ހަލުއިވެގެން އަންނާނެ،" އަނިލް ވިދާޅުވިއެވެ.

މިއަދުން ފެށިގެން ތިން ދުވަހުގެ ނިޔަލަށް ލަންޑަން އެކްސެލް އެގްޒެބިޓް ހޯލްގައި މި ފެއާ ކުރިޔަށްދާއިރު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އިނގިރޭސިވިލާތުން 72،606 ޓޫރިސްޓުން އިނގިރޭސި ވިލާތުން ރާއްޖެއަށް ޒިޔާރާތްކޮށްފައިވެ އެވެ.