ކުޅިވަރު

ބިލިޗް ވަކިކޮށް ވެސްޓްހަމްގެ މަގާމު މޮޔެސް އަށް

Nov 6, 2017
1

ވެސްޓްހަމް ޔުނައިޓަޑްގެ ކޯޗް ކަމުން ކޮރޭޝިއާގެ ސްލޭވަން ބިލިޗް ވަކި ކޮށްފި އެވެ. ވެސްޓްހަމްއާ ބިލިޗް ހަވާލުވީ 2015 ވަނަ އަހަރު އެވެ.

ބިލިޗް ކޯޗް ކަމުން ދުރު ކުރީ، މިދިޔަ ހޮނިހިރު ދުވަހު ލިވަޕޫލް އަތުން 4-1 ން ބަލިވި މެޗަށް ފަހު އެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓުމުން ނެވެ. އެޓީމު އޮތީ އެންމެ ނުވަ ޕޮއިންޓާއެކު 20 ޓީމު ވާދަ ކުރާ ލީގްގެ 18 ވަނައިގަ އެވެ.

ވެސްޓްހަމްއިން ބުނީ، ޓީމުގެ ކޯޗިން ސްޓާފުންނަށް ބަދަލު ގެނައީ ކޮންމެހެން ގެންނަން ޖެހިއްޖެ ބަދަލެއް ކަމުގައި ފެނިގެން ކަމަށާއި އެއީ އެ ޓީމުގެ މަގްސަދުތައް ހާސިލު ކުރުމަށް ނެގި ޕޮސެޓިވް ފިޔަވަޅެއް ކަމަށެވެ.

ކޮރޭޝިއާގެ ގައުމީ ޓީމަށްވެސް ކޯޗް ކޮށްދީފައިވާ ބިލިޗް ވެސްޓްހަމްއާ ހަވާލުވީ ތުރުކީގެ ބެސިކްޓަސްއަށް ކޯޗް ކޮށްދީ އެ ޓީމަށް ކާމިޔާބު ހޯދައި ދިނުމަށް ފަހު އެވެ.

ބިލިޗް ގެ ބަދަލުގައި ވެސްޓްހަމްގެ ކޯޗް ކަމަށް ގެންނާނީ، އެވަޓަން އާއި މެންޗެސްޓާ ޔުނައިޓަޑްގެ ކޯޗުކަން މީގެ ކުރިން ކުރި، ޑޭވިޑް މޮޔެސް އެވެ. އިނގިރޭސި ބައެއް މީޑީއާތަކުން މިހާރުވެސް ބުނެފައި ވަނީ، މޮޔެސް އާ މަގާމު ހަވާލު ކޮށްފި ކަމަށާއި އެކަން ރަސްމީ ކޮށް މާދަމާ އިއުލާން ކުރާނެ ކަމަށެވެ.