ކުޅިވަރު

އިޓަލީގެ ލެޖެންޑް ޕިރުލޯ ކުޅުން ހުއްޓާލައިފި

Nov 6, 2017

ފަހުގެ ތާރީހްގައި ދުނިޔޭގައި އުފެދުނު އެންމެ މޮޅު މިޑްފީލްޑަރުގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރާ އިޓަލީގެ ފުޓްބޯޅަ ލެޖެންޑް އަންދުރެއާ ޕިރުލޯ އުމުރުން 38 އަހަރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލައިފި އެވެ.

އިޓަލީގެ ފުޓްބޯޅައިގެ ގަދަ ބާރުތައް ކަމަށްވާ، ޔުވެންޓަސް، އޭސީ މިލާން އަދި އިންޓަ މިލާންއަށް ވެސް ކުޅުނު، ޕިރުލޯ ކުޅުން ހުއްޓާލިކަން އިއުލާން ކުރީ، އޭނާގެ މިހާރުގެ ކުލަބު އެމެރިކާގެ ނިއުޔޯކް ސިޓީ އެފްސީ އަށް އޭނާގެ އެންމެ ފަހު މެޗު ކުޅުމަށްފަހު އެވެ. އެ މެޗުގައި އެމެރިކާގެ މޭޖާ ލީގްގެ ޕްލޭއޮފްއިން ނިއުޔޯކް ވަނީ ކަޓާފަ އެވެ. ނަމަވެސް އެ މެޗުގައި އޭނާ ކުޅެން ނިކުތީ މެޗުގެ އެންމެ ފަހު ވަގުތުގަ އެވެ.

ޖަރުމަންގައި ބޭއްވި 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް އިޓަލީއަށް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާ ކުރި، ޕިރުލޯ، އޭނާގެ ސީނިއާ ކެރިއާ ފެށީ، އުމުރުން އެންމެ 16 އަހަރުގައި އިޓަލީގެ ބްރެޝިއާ އިން ނެވެ. އޭނާ އަކީ އެ ޓީމުގެ ސީނިއާ ޓީމަށް ކުޅެން ފެށި އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. އެއީ 1995 ވަނަ އަހަރު އެވެ.

"އަހަރެން ނިއުޔޯކް ސިޓީ އާއެކު ކުރަމުން އައި ދަތުރު އެކަނި ނިމުމަކަށް އައީކީ ނޫން، ފުޓްބޯޅަ ކުޅުންތެރިޔެއްގެ ގޮތުގައި އަހަރެންގެ ދަތުރު ވެސް ނިމުމަކަށް އައީ." ޓްވިޓާގައި ޕިރުލޯ ބުނެފައި ވެއެވެ.

އޭނާގެ 22 އަހަރުވީ ކެރިއާގައި ޕިރުލޯ ވަނީ އޭނާ ކުޅުނު ޓީމްތަކަށް 13 މުބާރާތެއްގެ ޗެމްޕިއަންކަން ހޯދައިދީ ރަން މެޑަލް ކަރުގައި އަޅާފަ އެވެ. ވޯލްޑްކަޕްގެ އިތުރުން އޭނާ ވަނީ އިޓާލިއަން ލީގް ހަ ފަހަރު، ކޮޕާ އިޓާލިއާ ދެ ފަހަރު އިޓަލީގެ ސްޕަ ކަޕް ދެ ފަހަރު ޔޫއެފްއާ ޗެމްޕިއަންސް ލީގް ދެ ފަހަރު ކާމިޔާބުކޮށްދީފަ އެވެ.