ވިޔަފާރި

ބީއެމްއެލްއަށް ގިނަ ދުވަހު ހިދުމަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށްފި

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްއަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް އެ މުވައްޒަފުންނަށް އެވޯޑް ހަވާލުކޮށްފި އެވެ.

އެކަން ފާހަގަ ކުރުމުގެ ގޮތުން ޗަމްޕާ ސެންޓްރަލް ހޮޓެލްގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލަށް 15 އަހަރާއި 20 އަހަރާއި 25 އަހަރުގެ އިތުރުން 30 އަހަރު އަދި 35 އަހަރު ހިދުމަތްކޮށްފައިވާ މުވައްޒަފުންނަށް އެވޯޑް ދީފައިވެ އެވެ. އެފަރާތްތަކަށް އެވޯޑް ހަވާލުކޮށްދެއްވީ ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީއެވެ. ރަސްމިއްޔާތުގައި ޖުމްލަ 24 ފަރާތަކަށް ވަނީ އެވޯޑް ދީފަ އެވެ.

ބީއެމްއެލަށް 35 އަހަރު ހިދުމަތްކޮށްފައިވާ ތިން މުއައްޒަފުންނަށް ހާއްސަ އެވޯޑެއް ވަނީ ދީފައެވެ. އެ ތިން ފަރާތަކީ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީނާއި އިސްލާމިކް ބޭންކިންގެ ޑިރެކްޓަރު ފާތިމަތު މަނިކެ އަދި ސީނިއަ ފެސިލިޓީސް އޮފިސަރު މޫސާ މުހައްމަދެވެ.

ރަސްމިއްޔާތުގައި އެންޑްރޫ ހީލީ ވިދާޅުވީ، އެތައް އަހަރެއްވަންދެން އެބޭފުޅުން ދައްކަވާފައިވާ ހީވާގިކަމަށާއި ފަރުވާތެރިކަމަށްޓަކައި އެ ބޭފުންނަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި އެފަރާތްތަކުން ކުރާ ގިނަ ގުނަ ހިދުމަތުގެ އަގުވަޒަންކޮށް ޝުކުރުގެ އިނާމެއް ދެވޭކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އެންޑްރޫ ވިދާޅުވި އެވެ. އެންޑްރޫ ވަނީ ވޭތުވެދިޔަ 35 އަހަރު ބޭންކަށް ހިދުމަތްކޮށްދިން ކަމަށް ޓަކައި ހާއްސަ ޝުކުރެއް ދަންނަވާފަ އެވެ.

ދިގު މުއްދަތަށް ބޭންކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް އެކަން ފާހަގަކުރަން އެވޯޑް ދީފައިވަނީ މީގެ ދެއަހަރު ކުރިންނެވެ. އޭގެފަހުން ކޮންމެ އަހަރަކުވެސް އެކުންފުނިން އަންނަނީ އެފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން އެވޯޑް ދެމުންނެވެ. އިންސާނީ ވަސީލަތްތައް ކުރިއެރުވުމަށް އެބޭންކުން ގެންގުޅޭ ސިޔާސަތުތަކަށް "އޭޝިޔާސް ބެސްޓް އެމްޕްލޯޔަރު ބްރޭންޑް އެވޯޑް" އެބޭންކަށް މިއަހަރު ވަނީ ލިބިފަ އެވެ.