ބޮލީވުޑް

އައިޝްވާރިޔާގެ "ފަންނޭ ޚާން" ގެ ޑައިރެކްޓަރަކަށް އަނިޔާވެއްޖެ

ބަތަލާ އައިޝްވާރިޔާ ރާއީ އަހަރެއްހާ ދުވަސް ފަހުން ކުޅޭ ފިލްމު "ފަންނޭ ޚާން" ގެ ޝޫޓިން ފެށިގެން ކުރިއަށް ދަނީ މިދިޔަ މަހުން ފެށިގެންނެވެ.

އައިޝްވާރިޔާ އާއެކު ލީޑްރޯލުން އަނިލް ކަޕޫރާއި ރާޖްކުމާރު ރާއީ ފެނިގެންދާ މި ފިލްމުގައި ޝޫޓިން އައިޝްވާރިޔާ ފެށީ މިދިޔަ ހަފްތާގަ އެވެ.

ރާޖްކުމާރުގެ ފަޔަށް އަނިޔާވެ ޝޫޓިން މަޑުޖެހިފައި އޮތް މި ފިލްމުގެ ޝޫޓިން އާދީއްތަ ދުވަހު ކުރިއަށް ގެންދަނިކޮށް އެކްސިޑެންޓެއްގައި އެސިސްޓަންޓް ޑައިރެކްޓަރަކަށް ވަނީ އަނިޔާވެފަ އެވެ.

މުމްބައިގެ މަގެއްގެ މަތީގައި ނަގަމުން ދިޔަ މަންޒަރެއްގެ ތެރޭގައި އަންހެން އެސިސްޓެންޓް ޑައިރެކްޓަރު މަގު ހުރަސްކުރަނިކޮށް ބާރަށް ދުއްވާފައި އައި ސައިކަލަކުން ޖެހި އޭނާ އަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ.

"ފަންނޭ ޚާން" ފިލްމުގެ ފަރާތުން ނެރުނު ބަޔާނެއްގައި ވަނީ އާދިއްތަ ދުވަހު ފިލްމުގެ ޝޫޓިން ކުރިއަށް ދަނިކޮށް ހިނގި އެކްސިޑެންޓްގައި އަނިޔާ ލިބުނު ޑައިރެކްޓަރަށް ހޮސްޕިޓަލުގައި ފަރުވާފީދައިވާ ކަމަށެވެ. އޭނާގެ ހާލު ރަނގަޅު ވަމުން އަންނައިރު، ވަރަށް އަވަހަށް ފިލްމުގެ ޝޫޓިންގައި އަލުން ބައިވެރިވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ހަބަރުތައް ބުނާގޮތުން ވޯލްކީ ޓޯލްކީގެ ހެޑްފޯނު ކަންފަތަށް ޖަހައިގެން ހުރެ މަގު ހުރަސްކުރަނިކޮށް ބާރަށް ދުއްވާފައިވާ ސައިކަލަކުން އޭޏާގެ ގައިގައި ޖެހުނީ ހެޑްސެޓް ޖަހައިގެން ހުރުމުން ސައިކަލްގެ އަޑުނީވި އެވެ. އަދި ސައިކަލުން ޖެހި އޭނާ ވިއްސައިގެން ދިއުމުން ވަގުތުން ސެޓުގައި ފަސްޓް އެއިޑް ދިނުމަށްފަހު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އަންނަ އެޕްރީލް 13 ވަނަ ދުވަހު ރިލީޒްކުރާ "ފަންނޭ ޚާން" އަކީ އޮސްކާއަށް ނޮމިނޭޓްވި ޑަޗް ފިލްމު "އެވްރީބޮޑީ އިޒް ފޭމަސް" ގެ އަސްލަކަށް އުފައްދާ ފިލްމެކެވެ.

މި ފިލްމުގެ ސެޓުގައި އައިޝްވާރިޔާ ހަރަކާތްތެރިވަނިކޮށް ނަގާފައިވާ ފޮޓޯއެއް ވެސް މިހާރު ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އައިޝްވާރިޔާގެ އެންމެފަހުން ރިލީޒްވި ފިލްމު "އޭ ދިލްހޭ މުޝްުކިލް" އެކޭ އެއްގޮތަށް މި ފިލްމުގައި ވެސް އޭނާ ފެނިގެންދަނީ ވަރަށް ޒަމާނީ އަންހެނެއްގެ ރޯލުންނެވެ.

އަތުލް މަންޖްރެކަރް ޑައިރެކްޓްކުރާ މި ފިލްމު ޕްރޮޑިއުސްކުރަނީ ރާކޭޝް އޯމްޕްރަކާޝް މެހެރާ އާއި ޕްރޭނާ އަރޯރާ އެވެ.