ވާހަކަ

މިންނުގެ ޑައިރީ

(5 ނޮވެމްބަރ 2017 އާ ގުޅޭ) -- އަޒާން ކޮންމެ ގޮތަކުން ވިޔަސް އޭނާގެ މައިންބަފައިން އަހަރުމެންގެ ކައިވެންޏާ މެދު ރުއްސާނޭކަން އަހަންނަށް އެނގެއެވެ. ނަމަވެސް ކަންތައްވީ އެހެންނެއްނޫނެވެ. އަހަންނާއި ބައްދަލު ކުރާން އަޒާން އައީ އޭގެ ދެތިން ދުވަސް ފަހުންނެވެ. އައި އިރު އައީ ކަންބޮޑުވާންޖެހޭ ވަރު ޚަބަރެއް ހިފައިގެންނެވެ.

ރޭގަނޑު ދިހައެއް ޖަހާކަން ހާއިރު ގޯތިތެރޭގައި ހުރި ޖޯލިފަތީގައި އަހަންނާއި އަޒާން ތިބީމެވެ. އަޒާން ދައްކަމުން ދިޔައީ މިފަހަކަށް އައިސް އޭނާ ކުރާން ބޭނުންވާ ކަންކަން ފަސޭހަ ރަޙުމަތެއްގައި ނުކުރެވޭ ވާހަކައެވެ. އަހަންނަށް ވެސް ބަދަލުތަކެއް އަންހެން އޭނާއަށް ހީވާ ކަމުގައެވެ. އެކަމާ އޭނާގެ ހިތްބިރުގަންނަނީކަމުގައެވެ. ނަމަވެސް އަހަރެން އިނީ އަޒާންއާ ވީހާ ވެސް އަވަހަކަށް ކައިވެނި ކުރާން ބޭނުންވެފައެވެ. ކައިވެނިކޮށްގެން އަޒާންއާއެކު އޭނާގެ ގެއަށް ދާން ބޭނުންވެފައެވެ. އެހެންވެ އަހަރެންގެ ހިތް އަޒާންއާ މެދު ބަދަލުނުވާނޭކަމުގެ ޔަގީން އަހަރެން ދިނީމެވެ. އަހަރެން ކުޑަކޮށް ބަލިވެ އުޅުނީތީވެ ޠަބީޢަތަށް އައި ބަދަލެއްކަމުގައި އަހަރުމެން ދެ މީހުންގެ ދެމެދަށް ވެރިވި ހުސްކަން އަހަރެން ސިފަކުރީމެވެ. ހަމައެއާއެކު އަހަރެންގެ ޟަމީރު ވެސް އެވަގުތު އަޒާނަށް ހުރިހާ ވާހަކައެއް ކިޔައިދިނުން މުހިންމު ކަމުގައި ނުދެކުނީއެވެ.

އަޒާން: "ބައްޕަމެން ހީކުރަނީ އަހަރެން އަދިވެސް ޒަވާޖީ ހަޔާތަކާމެދު ނުވިސްނަނީއޭ. ބައްޕަ ރޭގައި ކާން އަރާފައި ދެއްކީ ބައްޕަގެ އެންމެ ގާތް ރަޙުމަތްތެރިޔާގެ ދަރިފުޅާ ގުޅޭން. އެއީ ކުރީން ވެސް އެމީހުން ހަމަޖައްސާފައިވާ ކަމެއް ކަހަލަ. މިންނު! އަހަންނަށް އެނގޭ އަހަރެން މިންނުއާ އިންނާނަން ކަމަށް ވަޢުދުވީންކަން.... ބަޓް! ހީކުރިހާ ފަސޭހައިން ހިޔެއްނުވޭ މިކަން ވާނޭހެން. މަންމައާއި ބައްޕައާ ބައްދަލުކޮށްދޭން މިވަގުތު މިންނު ގެންދިއުން ރަނގަޅުވާނެއެކޭ އަހަރެންގެ ހިތެއްނުބުނޭ. އެމީހުން ވެސް ތިބީ ވީހާ އަވަހަކަށް އަހަރެންގެ ކައިވެނި ކުރުވަން ގަސްދުކޮށްގެން"

އަޒާންގެ މޫނުމަތިން އިންތިހާ ދަރަޖައިގެ ހާސްކަން ފާޅުވިއެވެ. އޭނާގެ މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރިއަކީ އެއީއެވެ. އެ ދަރިފުޅާ މެދު އެ މީހުން އެތައް ހުވަފެންތަކެއް ދުށުމާއެކު އެތައް އުންމީދެއް ކުރާނޭކަން ޔަގީނެވެ. ވީއިރު އެމީހުންނާ ދެކޮޅަށް ތެދުވަމީ ދަރިއަކަށް ފަސޭހަކަމަކަށް ގައިމު ވެސް ނުވާނެއެވެ. އަޒާންގެ ބައްޕައާއި އެ ބައްޕަގެ އެންމެ ގާތް ރަޙުމަތްތެރިއާގެ ދެމެދުގައި ވެވިފައި އޮތް އެއްބަސްވުމުގައި އަޒާން ބައިވެރިވާކަށް އޭނާ އެއްގޮތަކަށް ވެސް ބޭނުމެއްނޫނެވެ. ދައްކަމުން ދިޔަ ވާހަކަތަކުން އަޒާން ހީވަނީ އަހަރެން ބޭނުންވާ ގޮތެއް ބުނޭތޯ އިންހެނެވެ. ނަމަވެސް އޭނާއާއި އޭނާގެ މައިންބަފައިން ދެމެދަށް އަހަރެން ވަންނާންވީތޯ ކުރި ސުވާލަށް ޚުދު އަހަރެންގެ އަމިއްލަ ޟަމީރު ވެސް ރައްދެއް ނުދިނެވެ. އެރޭގެ ބައްދަލުވުން ނިމިގެން ދިޔައީ ދެ މީހުންނަށް ވަކިގޮތެއް ނުނިންމިގެން އުޅެނިކޮށް ގޭތެރެއަށް ހައިކަލް ވަދެގެން އަންނަތަން ފެނުމުންނެވެ. އަހަރެންގެ ޠަބީޢާތް ވަގުތު ބަދަލުވިއެވެ. އަޒާން ފޮނުވާލަން އަހަރެން ބޭނުންވީ ކީއްވެކަމެއް ނޭނގެއެވެ.

އަޒާން: "އަހަރެން މިކަން ކޮޅެއްގައި ޖެއްސޭތޯ ބަލާނަން. މިންނު ވޮރީވާނެކަމެއްނެތް. އަހަރެން ބަލާނަން މަންމައާއި ބައްޕައަށް މިންނުގެ ޚަބަރު ދެވޭތޯ"

ނުކުމެގެން ދަމުން އަޒާން ބުނެލިއެވެ. އަހަރެން އަޒާނަށް ފުރިހަމަ އިތުބާރު ކުރަމެވެ. އޭނާ ކޮންމެވެސް ހައްލެއް ހޯދާނޭކަމުގެ އުންމީދު ކުރީމެވެ. އަޒާން ދިއުމުން އަހަރެން ވެސް އެނބުރި އައިސް ވަނީ ކޮޓަރިއަށެވެ. ސިޓިންރޫމުގައި ތިބިބައެއް ނުބަލަމެވެ. އަވަހަށް ކޮޓަރީގެ ދޮރު ތަޅުލީމެވެ. ނަމަވެސް އެ ދޮރު ނުހުޅުވޭނޭކަމުގެ ޔަގީންކަމެއް މިހާރު އަހަންނަކަށް ނޯވެއެވެ.

އެންމެން ނިދާ ގޭތެރެ ހަމަހިމޭން ވުމާއިއެކު ހައިކަލް އޭނަގެ ދަންވަރުގެ ވަޒީފާއަށް އައެވެ. ހައިކަލްގެ ސަބަބުން އަހަރެންގެ ރޭގަނޑުގެ ނިދިވަނީ ހަރާމްވެފައެވެ. އެ ހާދިސާއަށްފަހު ރޭގަނޑު ނިދަން އަހަންނަށް އުނދަގޫވަނީއެވެ. ފުންމައިގެން ތެދުވެ އެނދުގެ ބިއްދޮށަށް ޖެހިލާ ފާރުގައި ލެނގިލައިގެން އިނީއެވެ. ހައިކަލް ހަދާ ގޮތެއް ބަލާށެވެ. އޭނާ އައިސް އެނދުގެ މަގަތުން އަހަންނަށް ފުރަގަސް ދީގެން އިށީނެވެ. އޭނާ އަހަރެންގެ ގައިގާ އިނގިލިކުރި ވެސް ޖައްސާނުލައެވެ.

މަތީގައި އެލުވާފައި ހުރި ފަންކާގެ ފިޔަތަކުގައި ވައިއަޅާ އަޑު ފިޔަވައި އިތުރު އަޑެއް ނީވެއެވެ. އެ ހަމަހިމޭން އިރުގަނޑެއް ފަހުން ނަގާލީ ހައިކަލްއެވެ.

ހައިކަލް: "މިންނު... އަހަންނާ... އިންނަންވީނު"

ކައިވެނި ކުރާ ވާހަކަ ހައިކަލްގެ ދުލުން އިވޭ ކޮންމެ ފަހަރަކު އަހަރެން ރުޅި ގަދަވެއެވެ. އޭނާގެ ސޫރައަށް ވެސް އަހަރެން ނަފުރަތުކުރަމެވެ. ހައިކަލްއާ ދިމާއަށް ހަޅޭލަވައިގަނެވުނީ އެހެންވެއެވެ. އޭނާ ކީއްކުރަން ކުރާ ކައިވެންޏެއްތޯ އަހަރެން ސުވާލުކުރީމެވެ. އަހަރުމެން ދެމީހުންގެ ދެމެދުގައި ކައިވެންޏެއް މުހިންމެއް ނޫނޭ އަހަރެން ބުނީމެވެ. ކައިވެންޏަކާ ނުލާ ވެސް ހުރިހާ އަރާމަކާއި ލައްޒަތެއް ހައިކަލްއަށް ހާސީލުވޭނޫންހޭ ގޮވާލީމެވެ. ނަމަވެސް އޭނާއެކޭ އިހުސާސެއްނުވާ ބުދެކޭ އެއްވަރެވެ. އަހަރެން ކިތަންމެ ހަޅޭކެއް ލެވި ނަމަވެސް އޭނާ ރުޅިއެއް ނާދެއެވެ. ރައްދެއް ވެސް ނުދެއެވެ. އެހެން އިނދެ އިނދެފައި އަނެއްކާ ވެސް އޭނާ ބުނަނީ ހަމަ އެކައްޗެކެވެ. އެދެނީ އޭނާއާ ކައިވެނި ކުރުމަށެވެ. އަމިއްލައަށް މަރުވިޔަސް އޭނާއާ ނީންނާނަމޭ ބުނެ އަހަރެން ފާޅުގައި ދެކޮޅު ހެދީމެވެ.

އަހަންނާއި ހައިކަލްއާ ދެމެދުގައި ހިނގާ ދިޔަ ހާދިސާއަށްފަހު އަހަރުމެން ދެ މީހުން ވެސް މިވަނީ ބަދަލުވެފައެވެ. ކުޑަކުޑަކަމަކާ ވެސް އަހަރެން ރުޅި ގަދަވެއެވެ. އެހާ އަވަހަށް ރޮވެއެވެ. މުސްތަޤުބަލާ މެދު ހުވަފެން ދުށުން ހުއްޓާލެވިއްޖެއެވެ. ކޮންމެ ދުވަހަކު އަހަރެންގެ ސިއްރުތަކާއެކު ދިރިހުރުން ވޭނަކަށް ވެއްޖެއެވެ. ހަމައެއާއެކު ހައިކަލްގެ ކުރީން ފެންނަ ޖޯޝެއް ނުފެނެއެވެ. ދަންވަރު އަހަރެންގެ ގާތަށް އޭނާ އައެއްކަމަކު ދުވާލު ގެއަށް އަންނަލެއް މަދެވެ. އެހެންޏާ ސަކަރާތްޖެހުމާ ސަމާސާތައް ކުރުމުގެ އުޅޭ ހައިކަލްގެ އެ ގޮތް ކެނޑިއްޖެއެވެ. ކިރިޔާ ކަމެއްވާއިރަށް އޭނާއަށް އެ އަރާ ހިކިހިތްވަރެއް މިހާރަކު ނުފެނެއެވެ. ހަޤީޤަތުގައި އޭނާއަށް ބަދަލުތަކެއް އައި ކަމާމެދު އަހަންނަށް ޝައްކުކުރެވެއެވެ.

* * * *

އަހަރެން އޮފީހަށް ނުނިކުންނާތީއާއެކު އަޒާންއާ ބައްދަލުވާ ގޮތް ވަނީ ހަމައެކަނި ރޭގަނޑު އޭނާ ބައްދަލު ކުރާން އަތުވެއްޖެނަމައެވެ. އޭނާ ވެސް ގިނަ ވަގުތު ހޭދަ ކުރަނީ މައިންބަފައިން ރުއްސުމުގައެވެ. އެގޮތުގައި އިތުރު ދެ ހަފުތާ ވޭތިވެގެން ދިޔައީއެވެ. އަހަރެން ނާއުންމީދުވީއެވެ. އަޒާންއަށް އެކަން އެނގުނެވެ. ފޯނުގައި ގިނައިރު ހުރެވެނީ ހިމޭންވެފައެވެ. ފާޅުގައި މައިންބަފައިން ދޫކޮށްލާފައި އަހަރެން ބަލާ އަންނާށޭ ބުނާން އަހަރެން ބޭނުންވެއެވެ. އެކަމަކު އެހެންބުނެފިނަމަ އަހަރެންވާނީ ކޮންކަހަލަ އަންހެނަކަށް ހެއްޔެވެ. އަޒާން އަހަންނާ ބައްދަލުކުރާން އަންނާނަން ކަމުގައި ބުންޏެވެ. ނަމަވެސް އިރުއޮއްސުނު އިރު ވެހެން ފެށި ވާރޭ ހުއްޓައެއް ނުލިއެވެ. އަހަރެންގެ ސިކުނޑި ފަޅައިގެންދާ ވަރުވެއްޖެއެވެ. އަޒާނަށް ނާދެވޭކަން އެނގި އެރޭގެ ހާދިސާ މަތީން ހަނދާންވެ އަހަރެންގެ ނޭވާ ވެސް ހާސްވާން އުޅުނު ކަހަލައެވެ. ވިސްނާލުމަކާ ނުލާ އަހަރެން ކޮޓަރިން ނުކުތީއެވެ. ވެހެމުންދިޔަ ވާރޭގައި ހިލަވެފައި ހުރެވުނީއެވެ. ހޭވެރިކަމެއްވީ މީހަކު އަހަރެންގެ ގައިގާ ހިފައި ތަޅުވައިގަތުމުންނެވެ. ކަންފަތާ ހަމައަށް އެ މީހެއްގެ އަޑު ފޯރީ ވެސް އެވަގުތެވެ.

ސުހާ: "މޮޔަވީތަ؟ ކިހިނެއްތަ މިންނު މިހާރު ތި އުޅެނީ... ވާރޭގައި ހުރެހުރެ މީހާ ތުރުތުރު އަޅާއިރު ވެސް ނޭނގުނުތަ ހިޔާވާން"

ސުހައްތަ އަޑުގައިވި ކަންބޮޑުވުން އަހަންނަށް އިހުސާސް ކުރެވުނީ ދެނެވެ. ވާރޭގައި ހުންނަތާ ތިންގަނޑިއިރު ފާއިތުވެ ދިޔައީކަން އެނގުނީ ސުހައްތަ އަހަރެން ދަމާފައި ކަހަލަ ގޮތަކަށް ކޮޓަރިއަށް ވެއްދީމައެވެ. އެނދުގައި ހުރި ކުޑަކުޑަ ސޯނާ ގަޑިން އެގާރަޖަހަނީއެވެ.

އެރޭ ފުރަތަމަ ފަހަރަށް އަހަންނަށް ކަމެއްޖެކަމުގައި ސުހައްތަ ޝައްކުރާން ފެށީއެވެ. ސުހައްތަ ސުވާލު ކުރަނީ އަޒާނާ މެދުއެވެ. އަހަންނަށް އެ ގުޅުމުން އުފަލެއް ނުލިބޭނަމަ އޭނާއާ ވަކިވާން ސުހައްތަ އެދުނެވެ. އޭނާއަށްވުރެ ރަނގަޅު ކިތަންމެ ފިރިހެންނުންނެއް އަހަންނަށް ވާނެއޭ ސުހައްތަ ބުންޏެވެ. އެހެންވިޔަސް އަހަރެން ބޭނުމީ އަޒާނެވެ. ދުނިޔޭގެ އެއްވެސް ފިރިހެނަކަށް އަޒާނަކަށް ނުވެވޭނެއެވެ.

ޖެހިގެން އައި ރޭ އަހަންނާ ބައްދަލުކުރާން އަޒާން އައެވެ. ވާރޭއަށް ބެލުމެއްނެތިއެވެ. އަހަރެން އުޅެނީ ކުޑަކޮށް ބަލިކަން އެނގިގެނެވެ. އަހަރެންގެ ކޮޓަރީގައި ދެ މީހުން ވާހަކަދައްކަން ތިބީމެވެ. ނަމަވެސް ސުހައްތަ އެކަމާ ހިތްހަމަނުޖެހޭހެން އަހަންނަށް ހީވެއެވެ. ހަޤީޤަތް ނޭނގި ހުރެ ސުހައްތަ އިލްޒާމު އެ އަޅުވަނީ އަޒާންގެ ބޮލުގައެވެ.

އަޒާން: "އެކަކު ޤަބޫލުނުވިޔަސް ދެން އޯކޭ... އަހަރެން މިންނުއާ މެރީ ކުރާނަން. އޭރުން މަންމަމެންނަށް ވެސް ޖެހޭނީ އަހަރެންގެ ކައިވެނި ޤަބޫލުކުރަން. މިންނު އަހަންނާ އިންނާނަމެއްނު"

އަޒާންގެ އެ ނިންމުމުން އަހަރެން އުފާވިއެވެ. ކޮންމެ ހާލެއްގައި ވިޔަސް އަޒާން އަހަންނާ އިންނާނަން ކަމަށް ވަޢުދުވިއެވެ. މައިންބަފައިންގެ ރުހުން އިތުރަށް އޭނާއަށް މުހިންމެއްނުވިއެވެ.

އަޒާން: "އަހަރެން ހުރިހާ ކަމެއް ހަމަޖައްސާފައި މިންނުގެ ގާތަށް ފޮނުވާނަން ބަޔަކު. ރަންކިޔަން... އަހަންނަށް ލަނޑެއް ނުދެއްޗޭ. މަންމަމެންނާ ދެކޮޅަށް އަދި ދުވަހަކު ވެސް ކަމެއްނުކުރަން. އެހެންވީމަ މިންނުއަށް ވަރަށް ބޮޑަށް އިތުބާރުކުރަން. ވަރަށް ލޯބިވޭ... އަހަރެންގެ އަނތްބަކަށް މިންނުވާން ވަރަށް ބޮޑަށް އެދެވޭ"

އަޒާން ހީނލާފައި އަހަރެންގެ ގައިގާ ބައްދާލިއެވެ. އަހަރުމެންނަށް ފާރައަށް ސުހައްތަ ހުރި ކަހަލައެވެ. ސިޓިންރޫމަށް ވަދެގެން ހުރި ދޮރާ ދިމާލުގައި ސުހައްތަ ހުރެފައި އަހަންނަށް ގޮވާލިއެވެ. މިރޭ މިހާރު ލަސްވެއްޖެޔޭ ބުނެލިއެވެ. އެބުނީ އަޒާން ފޮނުވާލާށޭކަން އަހަންނަށް އެނގުނެވެ.

އަޒާން ދިއުމުން އަހަރެން އެނދުގައި އޮށޯވެލީ ބޮލުގައި ރިއްސާތީއެވެ. އުފާވެރި ޚަބަރެއް ލިބުނެއްކަމަކު ހަށިގަނޑަށް ވަރެއް ނުޖެހުނެވެ. ހީވަނީ ހަށިގަނޑު އެތެރެއިން ކަށިތައް ވެސް ތޮރުފާލާ ކަހަލަ ފިންޏެއް ވާހެނެވެ. މޭނުބައި ކުރާ ކަހަލަ ގޮތެއް ވެސް ވަނީއެވެ. އެހެންވެ ރޭގަނޑު ނުވެސް ކަމެވެ. ނިދާލަނިކޮށް ހަމަޖެހިދާނޭ ހިތަށް އެރީތީ ނިދަން ވަރަށް މަސައްކަތް ކުރީމެވެ.

ގުދުރަތުގެ ނިޔާ ނިކަން ދެކެބަލާށެވެ. ޖެހިގެން އައިދުވަހުގެ ހެދުނު އަހަރެން އޮތީ ނުތެދުވެވިފައެވެ. ވަރުބަލިވާވަރުންނެވެ. ފަތިސް ނަމާދުގެ ކުރިންނާއި އަދި ފަހުން ވެސް ދެތިންފަހަރަށް އަހަރެން އޯކަށްދެމިއްޖެއެވެ. އެކަމަކު ހޮޑެއް ނުލެވެއެވެ. ލެވޭނީ ގޮހޮރުގައި އެއްޗެއް ހުރިނަމައެއް ނޫންހެއްޔެވެ. އެނދުކައިރީ ހުރި ކުޑަމޭޒުމަތީގައި އަޒާން ރޭގައި ދީފައި ދިޔަ އޯކިޑު މަލުގެ ވަސް އަހަންނަށް މާގަދައަށް ދުވާހެންވެސް ހީވެއެވެ. މޯޅިވެ ހިކެމުންދިޔަ ފިނިފެންމާތަކުން ވެސް ފީވަސް ދުވާހެން ހީވަނީއެވެ. އަހަރެން ތެދުވިއިރަށް ބޮލަށް އެނބުރުން އަރާގޮތްވިއެވެ. އިރުކޮޅަކު އިނުމަށްފަހު މަޑުމަޑުން ތެދުވެ ފާޚާނާއަށް ވަނީމެވެ. މޫނުގައި ފެންފޮދެއް ލައިގެން ނުކުތީމެވެ. ރަނގަޅުވެލާތޯއެވެ. އަދި ހިތްވަރަށް ކޮޓަރީގައި ހުރި ހުރިހާ ފިނިފެންމަލެއް ނަގައިގެން ގޮސް ކުނިގޯނިތެރެއަށް އަޅާލީމެވެ. ކޮޓަރިތެރެ ވަރަށް ހުސްކަމަށްދެއްކިއެވެ. އެކަމަކު އަހަރެން ރަތްފިނިފެންމާދެކެ ފޫހިވެއްޖެއެވެ. އެކަން ކުރާންވިތާ ކިތަންމެ ދުވަހެކެވެ.

މެންދުރު ވަމުން އައިއިރު އަހަރެން ކުޑަކޮށް ހުންވައްތަރުވެއްޖެއެވެ. އަހަރެން ބަލިއެނދުގައި އޮތަސް އެހެންމީހުންނަށް އެކަން ވާނީ ބުރައަކަށްކަން އެނގެއެވެ. އަނެއްކޮޅުން ސުހައްތަ ވަނީ އަހަރެން އެރޭ ވާރޭގައި ހުރީތީ އެކަމާ ސުވާލުކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެންމެފަހުން ބަލިވިއްޔޭ ބުނާނޭކަން ޔަގީނެވެ. އަޒާން އަންނަ އިރު އިހުނަށްވުރެ އަހަރެންގެ ހާލު ގޯސްވާކަށް އަހަރެން ބޭނުމެއްނޫނެވެ. އެހެންވެ އަހަރެން ޑޮކްޓަރަށް ދިޔައީ އެކަންޏެވެ. އަވަހަށް ރަނގުޅުވާން ހިތުލައިގެންނެވެ.

ޑޮކްޓަރު ބަލާފައި އަހަރެން ރަނގަޅަށް ނުކާކަން ފާހަގަކުރިއެވެ. ބަރުދަން ހުރީ އަހަރެން ވެސް ހީނުކުރާ ވަރަށް ލުއިވެފައެވެ. އަހަންނަށް ވާގޮތްތައް ޑަކްޓަރަށް އޮޅުންފިލުވައި ދިނީމެވެ. އަބަދުވަރުބަލިވަނީއެވެ. ހަށިގަނޑުގައި ހުން ހުންނަކަން އެނގެއެވެ. މިއަދު މާބޮޑުވަރު ވީއެވެ. ޑަކްޓަރު ބޭނުންވީ ލޭގެ ޓެސްޓެއް ހަދާށެވެ. އަދި އަހަންނަށް ދެތިން ބޭހެއް ވެސް ދިނެވެ. އެ ކެއުމުން ގައިގާ ވަރުޖެހޭނެކަމުގައި ބުންޏެވެ. ހުން އަންނަ ނަމަ ޕެނެޑޯލް ކެއުމަށެވެ.

ބޭސްތައް ހިފައިގެން ގެއަށް އައިސް ވަނީ ކޮޓަރިއަށެވެ. އެނދުކައިރީ ހުރި ކުޑަމޭޒު މަތީ އެ ބެހެއްޓިގޮތަށް ހަމައެކަނި ކާލީ ޕެނެޑޯލް ގުޅައެކެވެ. ބޮލުގައި ރިއްސާވަރުން ކެތްނުވެގެންނެވެ. ދެން އަހަރެން އައީ ބަދިގެއަށެވެ. އުނދުންމައްޗަށް އުދި ކަރުދިޔަ ތެލި ހޫނުވާން ފެށުމާއެކު އެތަނުގައި ކެތްކުރާން އުނދަގޫވިއެވެ. ހެޔަށް ވެސް ގޮތްވިހެން ހީވިއެވެ. އަވަސް އަވަހަށް ނުކުމެ ސުހައްތަ ގާތުގައި ކަރުދިޔަ ތެލި ބަލާލަން ބުނެފައި ކޮޓަރިއަށް އައީއެވެ. ދޮރު ހުޅުވާލާފައި ދެތިން ފިޔަވަޅު ނޭޅެނީސް ބުއި ފެންފޮދާއި ކާލި ފެނެޑޯލްގުޅަ ބޭރުވެއްޖެއެވެ. ތަޅުންގަނޑު ސާފުކޮށްފައި އަހަރެން އެނދުގައި ޖައްސާލީއެވެ. އިތުރަށް ބޭސްކާން ވެސް ފޫހިވިއެވެ. ބޮލުގައި ރިއްސާތީ އެ ރިހުންދެކެ ވެސް ރުޅި އަންނަ ގޮތްވިއެވެ. އެހެންވެ ދެ ލޯ މަރާލައިގެން އޮތީއެވެ. -- (ނުނިމޭ)