ކުޅިވަރު

ކާމިޔާބު ހޯދައިދިނުމަށްފަހު ސްކޮލާރީ ގުއަންޒޯ ދޫކޮށްލައިފި

Nov 7, 2017

ޗައިނާ ސުޕަލީގްގެ ކުލަބު ގުއަންޒޯ އެވަގްރާންޑޭއަށް ކާމިޔާބު ހޯދައި ދިނުމަށް ފަހު އެ ޓީމުގެ ކޯޗް ބްރެޒިލްގެ ލުއިޒް ފިލިޕޭ ސްކޮލާރީ އެ ޓީމު ދޫކޮށްލައިފި އެވެ.

ބްރެޒިލް އަށް ވޯލްޑް ކަޕް ހޯދައިދިން ސްކޮލާރީ، ގްއަންޒޫގެ ކޯޗް ކަމަށް ހަމަޖެއްސީ 2015 ވަނަ އަހަރު އެވެ. އޭނާ ވަނީ އެ އަހަރު، އޭއެފްސީ ޗެމްޕިއަންސް ލީގް އެ ޓީމަށް ހޯދައި ދީފަ އެވެ. އަދި ޗައިނާގެ ސުޕަ ލީގްގެ ޗެމްޕިއަންކަން ތިން ފަހަރަށް އެ ޓީމަށް ހޯދައި ދިނެވެ.

ކުރިން، ޗެލްސީއަށް ވެސް ކޯޗް ކޮށްދިން ސްކޮލާރީއާ ގްއަންޒޫ ހަވާލު ކުރީ، އޭގެ ކުރިން އެ ޓީމުގެ ކޯޗަކަށް ހުރި އިޓަލީގެ ކުރީގެ ކެޕްޓަން ފަބިއޯ ކަނަވާރޯ ވަކި ކުރުމަށް ފަހު އެވެ. ސްކޮލާރީ ވަނީ މިދިޔަ އަހަރު، ގްއަންޒޫއާ އެކު އޮތް އެއްބަސްވުން އިތުރު 18 މަސް ދުވަހަށް އިތުރު ކޮށްފަ އެވެ. ނަމަވެސް، އެއްބަސްވުން އިތުރު ކުރި ނަމަވެސް އޭނާ ފަހުން ނިންމީ މިއަހަރު އެ ޓީމު ދޫކޮށްލާ ށެވެ.

"[ގްއަންޒޫ] އެވަގްރާންޑޭ އާއެކު އަހަރެމެންގެ ވާހަކަ ނިމުމަކަށް އައީ،" ސްކޮލާރީ 68 ބުންޏެވެ. "ނަމަވެސް ޗައިނާގެ ފުޓްބޯޅައިގެ އަހަރެން ދެމި ހުރެދާނެ، އަހަރެން ވަރަށް ރަނގަޅަށް އެކަމާ ވިސްނާނަން، އެއްވެސް މީހަކަށް ނޭނގޭނެ އެމީހެއްގެ މަންޒިލަކީ ކޮބައި ކަމެއް، އަހަރެން އުންމީދު ކުރަން އެވަގްރާންޑޭއަށް އުފާވެރި ކުރިމަގަކަށް، އަހަންނަކަށް ނޭނގެ އަހަރެން ޗައިނާ އަށް އެނބުރި އަންނާނެ ކަމެއް، އަހަރެން ވަކި ގޮތެއް ނިންމާނީ ވަރަށް ފަރުވާތެރި ކަމާއެކު، އަހަރެންގެ ފުޓުބޯޅައިގެ ހަޔާތުން އަހަރެން ދުނިޔޭގެ އެކި ހިސާބުތަކަށް ގެންގޮސް ދީފި، ޗައިނާ އަކީ އަހަރެން މަސައްކަތް ކުރި އެންމެ ރަނގަޅު ތިން ތަނުގެ ތެރޭގައި ހިމެނޭ މަންޒިލެއް."

މި ސީޒަންގެ ސުޕަ ލީގް ޗެމްޕިއަންކަން ގުއަންޒޫއަށް ސްކޮލާރީ ހޯދައި ދިނީ މި ދެ އަހަރުތެރޭ 100 މިލިއަން ޑޮލަރަށް ވުރެ ގިނައިން ހަރަދު ކުރި ވާދަވެރި ޝަންހާއީ އެސްއައިޕީޖީ ވެސް ފަހަތަށް ޖައްސާލުމަށްފަހު އެވެ. އެސްއައިޕީޖީން ވަނީ ބޮޑު އަގުގައި ބްރެޒިލްގެ ހަލްކް އާއި އޮސްކާ ވެސް އެ ޓީމަށް ގެނެސްފަ އެވެ.

ނަމަވެސް، ޗައިނާގެ ލީގުން ބޭރުގައި، ގްއަންޒޫއަށް ލަނޑު ދިނީ އެސްއައިޕީޖީންނެވެ. އެގޮތުން އޭއެފްސީ ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލުންނާއި ޗައިނާ އެފްއޭކަޕްގެ ސެމީ ފައިނަލުން ގްއަންޒޫ ކަޓުވާލީ އެސްޕީއަޖީންނެވެ.

ޗައިނާގެ މީޑިއާތަކުން ހަބަރު ފަތުރާ ގޮތުގައި، ގްއަންޒޫގެ ކޯޗް ކަމާ ދެން ހަވާލު ވަނީ ބަޔާން މިޔުނިކް އާއި ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗް ކާލޯ އަންޗެލޯޓީ ނުވަތަ ގްއަންޒޫގެ ކުރީގެ ކޯޗް ފަބިއޯ ކަނަވާރޯ އާ ދެ މީހުންގެ ތެރެއިން މީހެކެވެ.