ދުނިޔެ

ސައުދީ ޝާހީ ބޭފުޅުންނަށް އެޅި ފިޔަވަޅަށް ޓްރަމްޕް ތާއީދުކުރައްވައިފި

ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތެއް ކަަމަށް ބުނެ ސައުދީ އަރަބިއްޔާގެ ޝާހީ ޚާންދާނުގެ ބޭފުޅުންތަކެއް ހަައްޔަރު ކުރި ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ތާއީދު ކުރައްވައިފިއެވެ.

ޓްރަމްޕް ހޯމަ ދުވަހު ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބުދުލް އަޒީރު އަލް ސައުދަށާއި ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާން އަލް ސައުދަށް ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށެވެ.

ޓްރަމްޕް އެދެ ބޭފުޅުންނަށް މި ދަނޑިވަޅުގައި ތާއީދު ކުރެއްވުމަކީ ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވި ފަހުން އެމެރިކާއާއި ސައުދީއާއި ދެމެދު ބަދަހި ވަމުން އަންނަ ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެ ކަަމެކެވެ. ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވި ފަހުން ދެގައުމުގެ ގުޅުން ބަދަހިވީ ދެގައުމުގެ ވެސް ހަތުރެއް ކަަމަށްވާ އީރާނާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރަން ސައުދީން ތައްޔާރު ވުމުންނެވެ.

ސައުދީ ރަސްގެފާނަށާއި ވަލީ އަހުދަށް ތާއީދުކުރައްވައި ކުރެއްވި އެހެން ޓްވީޓެއްގައި ޓްރަމްޕް ވިދާޅުވެފައި ވަނީ ' ކުރެއްވެނީ ކީތްކަން އެ ދެބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާ" ކަަމަށެވެ.

ކޮރަޕްޝަނާ ދެކޮޅަށް ކަމަށް ބުނެ ސައުދީގައި ހައްޔަރުކުރި ބޭފުޅުންނާ ބެހޭ ގޮތުން ޓްރަމްޕް ވިދާޅުވެފައި ވަނީ އެ ބޭފުޅުންނަކީ އެތައް އަހަރެއް ވަންދެން ސައުދީގެ މުއްސަދިކަން ފެއްލަވަމުންް ގެންދެވި ބޭފުޅުންތަކެއް ކަމަށެވެ.

ސައުދީ ރަސްކަމުގެ އިސްބޭފުޅުންގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންތައް ތަހުގީގު ކުރުމަށް އެ ގައުމުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އިސްކޮށް ހުންނަވައިގެން ހޮނިހިރު ދުވަހު ވަނީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ކޮމިޓީ އެއް އުފައްދާފައެވެ. އެ ކޮމިޓީގެ އަމުރަށް ޝާހީ އާއިލާގެ 11 ބޭފުޅަކާއި ހަތަރު މިނިސްޓަރަކު ބަނީ ހައްޔަރުކޮށްފައެވެ.

ބޮޑެތި ބާރުތަކެއް ލިބިދޭ ގޮތަށް ސައުދީގެ ރަސްގެފާނު ސަލްމާން އުފެއްދެވި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ކޮމިޝަންގެ އަމުރަކަށް ހައްޔަރުކުރި ޝާހީ އާއިލާގެ ބޭފުޅުންގެ ތެރޭގައި ސައުދީ ޝާހީ އާއިލާގެ ބިލިއަނަރު އަދި އެ ގައުމުގެ މައި ވިޔަފާރި ކުންފުނީގެ ވެރިޔާ ޕްރިންސް އަލްވަލީދު ހިމެނެ އެވެ. މީގެ އިތުރަށް ޝާހީ އާއިލާގެ އިތުރު 10 ބޭފުޅަކު ވެސް ވަނީ ހައްޔަރުކޮށްފައިވެ އެވެ. އަދި މީގެ އިތުރުން ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ކަމަށް ބުނެ، ދެ ވަޒީރަކު ވެސް ވަނީ މަގާމުން ދުރުކޮށްފަ އެވެ.

މަގާމުން ދުރުކުރީ އެ ގައުމުގެ ނޭޝަނަލް ގާޑް މިނިސްޓަރާއި އިކޮނޮމިކް މިނިސްޓަރެވެ. މީގެ އިތުރަށް ކަނޑުގެ ސިފައިންގެ ކޮމާންޑަރު ވެސް މަގާމުން ވަނީ ދުރުކޮށްފަ އެވެ.

އެ ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކުގެ ތެރޭގައި 2009 ވަނަ އަހަރު ޖިއްދާގެ މަގުތަކުގައި ފެންބޮޑުވި ހާދިސާ އާއި ސައުދީ އަރަބިއްޔާގައި މާސް ވައިރަސް ފުޅާދާއިރާއެއްގައި ފެތުރުމުގައި އިހުމާލުވި ފަރާތްތަކުގެ މައްސަލަ ހިމެނެ އެވެ.

އަލަށް އުފެއްދި ކޮމިޝަނަށް ލިބިދީފައިވާ ބާރުތަކުގެ ތެރޭގައި ތުހުމަތު ކުރެވޭ މީހުންގެ އެކައުންޓްތައް ފްރީޒް ކުރުމާއި މުދާ ހިފެހެއްޓުމާއި ގައުމުން ފުރައިގެން ދިޔުން މަނާކުރުން ފަދަ ބޮޑެތި ބާރުތައް ހިމެނެ އެވެ. ސައުދީގެ ވަލީއަހުދު މުހައްމަދުގެ އިތުރުން ކޮރަޕްޝަން ނައްތާލުމަށް އުފެއްދި ކޮމިޝަންގައި ދެން ހިމެނެނީ އެންޓި ކޮރަޕްޝަންގެ ވެރިޔާ އާއި ޕަބްލިކް ސެކްރިއުޓީ ޑިވިޝަންގެ ވެރިޔާ އާއި އެ ގައުމުގެ ޕްރޮސިކިއުޓާ ޖެނެރަލް އަދި މައްސަލަތައް ތަހުގީގު ކުރާ މައިއިދާރާގެ ވެރިޔާ އެވެ