ކުޅިވަރު

އެންމެ އަގުބޮޑު ސްކޮޑް މެންޗެސްޓާ ސިޓީގައި

Nov 7, 2017
1

ޔޫރަޕްގެ ކުލަބު ތަކުގެ ތެރެއިން އެންމެ އަގު ބޮޑު ސްކޮޑެއް އޮތީ މެންޗެސްޓާ ސިޓީގައި ކަމަށް ދިރާސާ އަކުން ދައްކައިފި އެވެ.

ސީއައިއީއެސް ފުޓްބޯޅަ އޮބްޒަވޭޓްރީން އާންމު ކުރި ދިރާސާގައި މެންޗެސްޓާ ސިޓީ އެންމެ އަގުބޮޑު ސްކޮޑްގެ ގޮތުގައި ރޭންކް ކޮށްފައި ވަނީ، އެކުލަބުގެ ކުޅުންތެރިންގެ އަގާއި ޓްރާންސްފާއަށް ހޭދަ ކުރި މިންވަރު ދެނެގަތުމަށް ފަހު އެވެ.

ސީއައިއީއެސްއިން ބުނީ، ސިޓީގެ ސްކޮޑްގެ އަގަކީ 1.19 ބިލިއަން ޔޫރޯ (21 ބިލިއަން ދިވެހި ރުފިޔާ) ގެ އަގެއް ކަމަށެވެ. އަދި ސިޓީން އެންމެ ބޮޑު އަދަދެއް ހޭދަ ކުރާ ކުޅުންތެރިޔަކީ ނުވަތަ އެ ޓީމުގެ އެންމެ ބޮޑު އެސެޓަކީ ކެވިން ޑި ބްރޮއިނާ އެވެ. އޭނާގެ އަގުގެ ގޮތުގައި ސީއައިއީއެސްއިން ހާމަ ކޯށްފައި ވަނީ 144.5 މިލިއަން ޔޫރޯ (2.5 ބިލިއަން ދިވެހި ރުފިޔާ) އެވެ. މީގެ އިތުރުން ސިޓީގެ ތިން ކުޅުންތެރިޔަކު 100 މިލިއަން ޔޫރޯ (އެއް ބިލިއަން ދިވެހި ރުފިޔާ) އަށްވުރެ އަގު މައްޗެވެ. އެއީ ލީރޮއީ ސަނޭ އާއި ރަހީމް ސްޓާލިންގެ އިތުރުން ގެބްރިއަލް ހޭސުސް އެވެ.

ގިނަ ބަޔަކު ހީކުރީ، ސިޓީގެ ފަހަތުން ދެ ވަނަ ލިބޭނީ ބާސެލޯނާ ނުވަތަ ރެއާލް މެޑްރިޑަށް ކަމަށެވެ. ނަމަވެސް ބާސެލޯނާ އަށް ލިބެނީ ތިން ވަނަ އެވެ. ދެވަނައިގައި ހިމަނާފައި ވަނީ ޓޮޓެންހަމް ހޮޓްސްޕާ އެވެ. އެ ޓީމުގެ ސްކޯޑްގެ އަގަކީ 1.17 ބިލިއަން ޔޫރޯ އެވެ. އެ ޓީމުގެ އެންމެ އަގު ބޮޑު ކުޅުންތެރިޔަކީ ހެރީ ކޭން އެވެ. އޭނާގެ އަގަކީ 186 މިލިއަން ޔޫރޯ އެވެ.

ބާސެލޯނާގެ ސްކޯޑްގެ އަގަކީ 1.13 ބިލިއަން ޔޫރޯ އެވެ. އެޓީމުގެ އެންމެ އަގުބޮޑު ކުޅުންތެރިޔަކީ ލުއިސް ސުއަރޭޒް އެވެ. އޭނާގެ އަގަކީ 134 މިލިއަން ޔޫރޯ އެވެ. ބާސެލޯނާގެ ފަހަތުން އޮތީ ރެއާލް މެޑްރިޑެއް ނޫނެވެ. ނަމަވެސް ހަތަރު ވަނައިގައި އޮތީ އިނގިރޭސި ޗެމްޕިއަން ޗެލްސީ އެވެ. އެޓީމުގެ އަގަކީ 1.04 ބިލިއަނެވެ.

ފަސް ވަނައިގައި އޮތީ، ދުނިޔޭގެ އެންމެ މުއްސަނދި ކުލަބު މެނެޗްސްޓާ ޔުނައިޓަޑެވެ. އެޓީމުގެ އަގަކީ 900 މިލިއަން ޔޫރޯ އެވެ. އެ ޓީމުގެ އެންމެ އަގުބޮޑު ކުޅުންތެރިޔަކީ ރޮމެޔޫ ލުކާކޫ އެވެ. އޭނާގެ އަގަކީ 165 މިލިއަން ޔޫރޯ އެވެ. ހަ ވަނަ ލިބެނީ، މިދިޔަ ޓްރާންސްފާ ޕީރިއަޑްގައި އެންމެ އަގުބޮޑު ބައެއް ކުޅުންތެރިން ދޫކޮށްލުމަށްފަހު ޒުވާން ކުޅުންތެރިން ގެނައި ރެއާލް މެޑްރިޑެވެ. އެ ޓީމުގެ އަގަކީ 903 މިލިއަން ޔޫރޯ އެވެ. ރެއާލްގެ އެންމެ އަގުބޮޑު ކުޅުންތެރިޔަކީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އޭނާގެ އަގެއް ކަމުގައި ހިމަނާފައި ވަނީ 96 މިލިއަން ޔޫރޯ އެވެ.

ޓްރާންސްފާ ޕީރިއަޑްގައި އެންމެ ހައިރާންކޮށް ލުމަށްފަހު ރެކޯޑް އަގު މުގުރާލި ފްރާންސްގެ ޕީއެސްޖީ ރޭންކު ކޮށްފައި ވަނީ ލިވަޕޫލްގެ ފަހަތުން އަށް ވަނައިގަ އެވެ. ޕީއެސްޖީގެ ސްކޮޑްގެ އަގަކީ 864 މިލިއަން ޔޫރޯ އެވެ. އެ ޓީމުގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ނޭމާގެ އަގަކީ 264 މިލިއަން ޔޫރޯ އެވެ. ހަތް ވަނައިގައި ރޭންކް ކޮށްފައި ވާ ލިވަޕޫލްގެ ސްކޮޑްގެ އަގަކީ 901 މިލިއަން ޔޫރޯ އެވެ. ނުވަ ވަނަ އަކީ 800 މިލިއަން ޔޫރޯގެ އެތުލެޓިކޯ މެޑްރިޑެވެ. އެޓީމުގެ އެންމެ އަގުބޮޑު ކުޅުންތެރިޔަކީ 147 މިލިއަން ޔޫރޯގެ އެންޓޯން ގްރީޒްމަން އެވެ. ދިހަ ވަނަ އަކީ ޔުވެންޓަސް އެވެ. އެޓީމުގެ އެންމެ ބޮޑު އަގަކީ 743 މިލިއަން ޔޫރޯ އެވެ. އެ ޓީމުގެ އަގު ބޮޑު ކުޅުންތެރިޔާ ޕައުލޯ ޑިބާލާގެ އަގަކީ 166 މިލިއަން ޔޫޜޯ އެވެ.