އުތުރުކޮރެއާއިން ކުރިއަށް ގެންދާ ނިއުކްލިއަ ހަތިޔާރު އުފެއްދުމުގެ މަޝްރޫއު ހުއްޓައިލުމަށް، މަޝްވަރާގެ މޭޒަށް އައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ގޮވާލައްވައިފި އެވެ.
އޭޝިއާގެ ބައެއް ގައުމުތަކަށް ކުރައްވާ ދަތުރުފުޅެއްގައި ދެކުނު ކޮރެއާއަށް ވަޑައިގެން އެގައުމުގެ ރައީސް މޫން ޖައި އަރިހުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އުތުރުކޮރެއާއާ ދެކޮޅަށް އަސްކަރީ ބާރު ބޭނުންކުރައްވަން ޖެހިވަޑައި ނުގަނޭތޯ ދުއާ ކުރައްވާ ކަމަށެވެ.
އުތުރުކޮރެއާއާ ބެހޭ ގޮތުން ޓްރަމްޕް މިފަހަރު ވާހަކަފުޅު ދައްކަވާފައި މިވަނީ އެގަައުމާ ބެހޭ ގޮތުން ކުރިން ވާހަކަ ދައްކަވާފައިވާ ގޮތާ ވަރަށް ތަފާތުކޮށެވެ. އޭނާ ކުރިން ވިދާޅުވަމުން ގެންދެވީ އުތުރުކޮޮރެއާގެ ލީޑަރު ކިމް ޖޮން އުންއާ މަޝްވަރާ ކުރަން އުޅުން ވާނީ ވަގުތު ބޭކާރު ކުރުމެއް ކަމަށެވެ. އެގައުމު ސުންނާފަތިކޮށްލަފާނެ ކަމުގެ އިންޒާރެއް ވެސް ޓްރަމްޕް ވަނީ ކުރިން ދެއްްވާފަ އެވެ.
"... ( މަޝްވަރާގެ) މޭޒަށް އާދޭ، އުތުރުކޮރެއާއަށް އެކަންޏެއް ނޫން، މުޅި އިންސާނިއްޔަތަށް ވެސް އެންމެ ރަނގަޅު ގޮތަށް ކަންތައް ކުރަން،" ޓްރަމްޕް ވިދާޅުވި ކަަމަށް ބީބީސީގެ ހަބަރުގައި ވެއެވެ.
ޓްރަމްޕް އަރިހުގައި ހުންނަވައިގެން ވާހަކަފުޅު ދައްކަވަމުން ދެކުނު ކޮރެއާގެ ރައީސް މޫން ވެސް އުތުރުކޮރެއާއަށް ގޮވައިލެއްވީ ނިއުކްލިއަ ހަތިޔާރު އުފެއްދުން ހުއްޓައިލުމަށެވެ. އެކަން އެގޮތަށް ކުރުމަށް އުތުރުކޮރެއާއަށް ބާރު އެޅުމަށް ޗައިނާއާއި ރަޝިޔާއަށް އެ ދެލީޑަރުން ގޮވައިލެއްވިއެވެ. އުތުރުކޮރެއާއާ ގުޅުން އޮންނަ އެންމެ ބާރުގަދަ ދެގައުމަކީ ޗައިނާއާއި ރަޝިޔާއެވެ.
އޭޝިއާ ސަރަހައްދަށް ޓްރަމްޕް ކުރައްވާ 13 ދުވަހުގެ ދަތުރުފުޅުގައި ވަޑައިގަންނަވާނީ ފަސް ގައުމަކަށެވެ. އޭޝިއާގެ ފުރަތަމަ މަންޒިލެއްގެ ގޮތުން އޭނާ އިއްޔެގައި ވަޑައި ގެންނެވީ ޖަޕާނަށެވެ. މިއަދު ވަޑައިގެންނެވީ ދެކުނު ކޮރެއާ އަށެވެ. އޭނާ ދެން ވަޑައިގަންނަވާނީ ޗައިނާއަށާއި ވިއެޓްމާށާއި ފިލިޕީންސަށެވެ.