އދ. މަޖިލިސް (18 ޑިސެމްބަރު) – ފަލަސްތީނާއި އިޒްރޭލާ ދެމެދު އެއް އަހަރު ތެރޭގައި ސުލްހަ ގާއިމުކޮށް ފަލަސްތީނުގެ ބިންތަކުން އިޒްރޭލު ފޭބުމަށް ގޮވާލާ ވަގުތީ ގަރާރެއް އދ. ގެ ސަލާމަތީ މަޖިލީހަށް އުރުދުން އިން މިއަދު ހުށަހަޅައިފި އެވެ.
މި ގަރާރުގައި ބުނެފައި ވަނީ އެއް އަހަރު ދުވަސް ތެރޭގައި ސުލްހައިގެ އެއްބަސްވުމަކަށް ދެ ފަރާތް ވެސް އެއްބަސްވާން ޖެހޭނެ ކަމަށާއި އެއަށް ފަހު 2017ގެ ނިޔަލަށް އިޒްރޭލު، ފަލަސްތީނުގެ ބިންތަކުން ފައިބަން ޖެހޭނެ ކަމަށެވެ. މިފަދަ ގަރާރެއް އުރުދުން އިން ސަލާމަތީ މަޖިލީހަށް ހުށަހަޅާފައި މި ވަނީ ސުލްހައިގެ މައްސަލާގައި ޔޫރަޕްގެ ގިނަ ގައުމުތަކެއްގެ ފާޑުކިޔުންތަކެއް އިޒްރޭލަށް އަމާޒުވެ ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ފާޅުގައި ތާއީދުކުރަމުންދަނިކޮށެވެ.
ނަމަވެސް އުރުދުން އިން ބުނެފައި ވަނީ އެމީހުންގެ ގަރާރަށް އަވަސް ވޯޓަކަށް ނުދާނެ ކަމަށާއި މައްސަލައާ ބެހޭ ގޮތުން ގައުމުތަކާ މަޝްވަރާކޮށް އެމެރިކާ ފަދަ ގައުމުތަކުގެ އެއްބާރުލުން ހޯދުމަށް ވެސް މަސައްކަތްކުރާނެ ކަމަށެވެ. ސަލާމަތީ މަޖިލީހުގައި އާންމުކޮށް ވީޓޯގެ ބާރުން އިޒްރޭލު ހިމާޔަތްކުރާ އެމެރިކާ ވެސް ވަނީ ސުލްހައިގެ މަސައްކަތުގައި އިޒްރޭލުން ގެންގުޅޭ ސިޔާސަތުތަކާ ގުޅިގެން މިފަހުން ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ.
ނަމަވެސް ސަލާމަތީ މަޖިލީހުގައި އެމެރިކާގެ ބާރު އޮތްވައި އިޒްރޭލާ ދެކޮޅު މިފަދަ އެއްވެސް ގަރާރެއް ފާސްވާނެ ކަމަކަށް ނުބެލެވެ އެވެ.
އުރުދުން އިން ހުށަހަޅާފައިވާ ގަރާރުގައި ވަނީ ފަލަސްތީނާއި އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ވެސް ގުދުސް ހަމަޖައްސެމަށެވެ. މިއީ ވެސް އިޒްރޭލުން ވަރަށް ބޮޑަށް ދެކޮޅު ހަދާ ކަމެކެވެ.
އިޒްރޭލުން ބުނެފައި ވަނީ ގުދުސްގެ އެއްވެސް ބައެއް ފަލަސްތީނާ ހިއްސާ ނުކުރާނެ ކަމަށެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫ ވިދާޅުވެފައި ވަނީ އުރުދުން އިން ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު އެގޮތަށް ކާމިޔާބުވިޔަ ނުދިނުމަށް ބޭނުންވާ އެއްބާރުލުން އެމެރިކާގެ ފަރާތުން ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ފަލަސްތީނާއި އިޒްރޭލުން، މެދުވެރިއެއްގެ ގޮތުގައި އެމެރިކާ ބޭނުންކޮށްގެން މިފަހުން ސުލްހައިގެ ވާހަކަތައް އަލުން ފެށި ނަމަވެސް އެދެވޭ ކުރިއެރުންތަކެއް ނުލިބި ވާހަކަތައް ވަނީ މަޑުޖެހިފަ އެވެ. އިޒްރޭލުން ފަލަސްތީނު ކުށްވެރިކުރާއިރު ފަލަސްތީނުން ކުށްވެރިކުރަނީ އިޒްރޭލެވެ.