ބޮލީވުޑް

"ފޯސް 2" ގައި ބައިވެރިއެއް ނުވަން: ކެޓްރީނާ

Apr 28, 2015

ފިލްމު "ނިއުޔޯކް"ގެ ބަތަލް ޖޯން އަބްރަހަމްއާ އެކު 2011 ވަނަ އަހަރު ނިކުތް ހިޓް ފިލްމު "ފޯސް"ގެ ސީކުއަލްގައި ހަރަކާތްތެރިވާ ކަމަށް ދެކެވޭ ވާހަކަތައް ކޭޓްރީނާ ކައިފް ދޮގުކޮށްފި އެވެ.

އަބިނޭ ޑިއޯ ޑައިރެކްޓްކުރުމަށް ހަމަޖެހިފައިވާ އެކްޝަން ފިލްމުގެ ޕްރޮޑިއުސަރު ވިޕުލް އަމްރުޓްލާލް ވަނީ ބަތަލާގެ ރޯލްކުޅުމަށް ކެޓްރީނާއާ މަޝްވަރާ ވެސް ކޮށްފަ އެވެ.

"ފޯސް"ގައި ބަތަލާގެ ރޯލުން ފެނިގެން ގޮސްފައި ވަނީ ޖެނެލިއާ ދޭޝްމުކް އެވެ.

މިފިލްމުގެ ބަތަލާގެ ރޯލު ކުޅުމަށް ހަމަޖެހިފައިވާ ވާހަކަތަކަކީ ދޮގެއްކަމަށް ބުނަމުން ކެޓްރީނާ ބުނީ ދެން އޭނާ ކުޅޭނީ ޑައިރެކްޓަރު އަނޫރާގް ބާސޫގެ "ޖައްގާ ޖާސޫސް" ކަމަށެވެ. އަދި "ފޯސް 2" ގައި އޭނާ ހަރަކާތްތެރި ނުވާ ކަމަށެވެ.

މީގެއިތުރުން ކެޓްރީނާ ބުނީ މިހާރު ޝޫޓްކުރަމުންދާ ފިލްމު 'ފިތޫރު"ގެ އިތުރުން އަދިވެސް ދެފިލްމުގެ ޝޫޓިން ނުފަށާ އެބައޮތް ކަމަށެވެ.

"ޖައްގާ ޖާސޫސް"އަށް ފަހު އަހަރެން ކުޅޭނީ ޑައިރެކްޓަރު ނިތްޔާ މެހްރާގެ ފިލްމެއް" ކެޓްރީނާ ބުންޏެވެ.

މިހާރު ކެޓްރީނާ ޝޫޓް ކުރަމުން އަންނަ ފިލްމު "ފިތޫރް" އާއި ބެހޭގޮތުން މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ އެފިލްމުގެ މަސައްކަތް ކުރިއަށްދާ ގޮތާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި ކުރިއަށް އޮތް ތިން ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މިފިލްމުގެ ޝޫޓިން ނިމޭނެ ކަމަށެވެ. އަދި އުންމީދު ކުރަނީ މި ފިލްމު ރިލީޒްކުރުމަށް ރަނގަޅު ތާރީހެއް ވެސް ލިބިގެން ދިއުން ކަމަށެވެ.

މިފިލްމުގައި ކެޓްރީނާއާ އެކު ލީޑްރޯލުން ފެނިގެން ދާނީ އަދިތްޔާ ރޯއި ކަޕޫރު އެވެ.

"ފިތޫރް"ގައި ކެޓްރީނާ ޕާކިސްތާން އަންހެން ކުއްޖެއްގެ ރޯލުން ފެންނައިރު، އަދިތްޔާ ކުޅޭނީ ކަޝްމީރު ޒުވާން ފިރިހެން ކުއްޖެއްގެ ރޯލެވެ. މިދެތަރިންނާ އެކު އިސް ރޯލަކުން ރޭކާ ވެސް ފެނިގެންދާނެ އެވެ.

މިފިލްމަކީ ޗާލްސް ޑިކެންސްގެ ވާހަކައެއް ކަމުގައިވާ "ގްރޭޓް އެކްސްޕެކްޓޭޝަންސް" ގެ މައްޗަށް އުފައްދާ ލޯބީގެ ފިލްމެކެވެ.