ފުޓްބޯޅައިގެ އެންމެ މަތީ ފަޑީގައި އޮންނަން ބަޔާން މިޔުނިކުން ބޮޑު އަގު ދީގެންވެސް މޮޅެތި ކުޅުންތެރިން ގެންނަން ޖެހޭ ކަމަށް އެ ޓީމުގެ ފޯވަޑް ރޮބަޓް ލެވަންޑޮސްކީ ބުނެފި އެވެ.
މިވަގުތު ޕޮލެންޑްގެ ގައުމީ ޓީމަށް ހުސްވެގެން ހުރި، ލެވަންޑޮސްކީ ރޮއިޓަސް އަށް ދީފައިވާ އިންޓަވިއުގައި ބުނެފައި ވަނީ ޓީމުގެ ފުރަތަމަ 11 އަށް އަރަން ތިބި ކުޅުންތެރިންގެ ބެކަޕެއް ބަޔާން އަށް ބޭނުންވާ ކަމަށެވެ.
"ހަގީގަތުން އަހަރެމެން އެކަހެރި ވެގެން ނުވާނެ،" ކޮންމެ ދެ އަހަރަކުން ނުވަތަ ތިން އަހަރަކުން ކުލަބަށް އެންމެ މަތީ ފަންތީގެ ކުޅުންތެރިޔަކު ގެންނަން ޖެހޭނެ ޓީމު ތާޒާ ކުރުމަށްޓަކައި، އާ ރޫހޭއް ކުލަބަށް ގެނައުމަށް ޓަކައި، އާ ކޮލީޓީއެއް ގަނައުމަށްވެސް،" އިންޓަވިއުގައި ލެވަންޑޮސްކީ ބުންޏެވެ.
މިދިޔަ ސީޒަންގައި ބަޔާން އަށް ލީގް ޗެމްޕިއަންކަން ހޯދައިދިން ކޯޗް ކާލޯ އަންޗެލޯޓީ ވަކިކޮށް، އެޓީމުގެ ކޯޗްކަން 72 އަހަރުގެ ޔުޕް ހޭންކެސްއާ ހަވާލު ކުރި އެވެ. މިދިޔަ މަހުގެ 14 ގައި ހޭންކެސް ޓީމާ ހަވާލުވެ އޭނާ ވަނީ ކުޅުނު ހަތް މެޗުންވެސް އެޓީމު މޮޅުކޮށްދީފަ އެވެ. އަދި ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރަށް އެ ޓީމު ގެންގޮސްދިނެވެ.
"މިވަގުތު އަހަރެމެންގެ ރަނގަޅު ޓީމެއް އެބައޮތް ނަމަވެސް އަހަރެމެންގެ ކުޅުންތެރިން އަންނަނީ ދުވަސް ވަމުން،" ލެވަންޑޮސްކީ ވާހަކަ ކުރިއަށް ގެންދިޔަ އެވެ. "އެ ކުޅުންތެރިންގެ މަގާމު ފޫބެއްދުމުގައި މިއަދު އަހަރެމެން ދަނީ މަސައްކަތް ކުރަމުން އެގޮތުން ޔޯޝްއާ ކިމިޗް ފަދަ ކުޅުންތެރިން އެބަތިބި ފިލިޕް ލާމްގެ މަގާމުގައި ކުޅެން."
ލެވަންޑޮސްކީ29 ބުނީ މިހަރު ތިބި އެހެން ކުޅުންތެރިންގެ މަގަމު ފޫބެއްދޭނެ ގޮތަށް އާ ކުޅުންތެރިން ޓީމަށް ގެންނަން ޖެހޭ ކަމަށެވެ.