ދުނިޔެ

ސައުދީއިން ޔަމަނު ބަންދުކޮށްލުމަކީ ބޮޑު މުސީބާތެެއް: އެޖެންސީތައް

އެއްވެސް ދިމާލަކުންް ޔަމަނަށް އެތެރެ ނުވެވޭ ގޮތަށް ސައުދީ އަރަބިއްޔާއިން އެގައުމު މުޅިން ބަންދުކޮށްލުމަކީ އެހީ ފޯރުކޮށްދިނުމުގެ މަަސައްކަތަށް ކުރިމަތިވި މުސީބާތެއް ކަމަށް އެހީދޭ ޖަމާއަތްތަކުން ބުނެފިއެވެ.

ހަނގުރާމައިގެ ސަބަބުން ބަނޑު ހައިހޫނުކަމާއި ބަލިމަޑުކަން ފެތުރިފަައިވާ ޔަމަނަށް އެހީ ފޯރުކޮށްދޭ އދ އާއި ރެޑްކްރޮސް އިން ބުނީ ހިސޯރުކޮށްފައި ވުމުގެ ސަބަބުން، ޔަމަނުގެ އެތައް މިލިޔަން މީހުންނެއް ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށެވެ. އެއީ އެމީހުންނަކީ އެހީއަށް ބަރޯސާ ކޮށްގެން ތިބި ބަޔަކަށް ވާތީ ކަމަށް އެ ދެޖަމާއަތުން ބުނެއެވެ.

ޔަމަނަށް އެއްވެސް އެޗެއް އެތެރެ ނުކުރެވޭ ގޮތަށް ސައުދީ އިއްތިހާދުން އެ ގައުމު ބަންދު ކުރީ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒަށް އަމާޒުކޮށްް ޔަމަނުގެ ހޫސީ ހަނގުރާމަވެރިން ފޮނުވައިލި ބެލިސްޓިކް މިސައިލަކީ އީރާން ދިން އެއްޗެއް ކަމަށް ތުހުމަތުކޮށްފައެވެ. ސައުދީން ބުނީ ޔަަމަނު ބަންދު ކުރީ އިތުރު މިސައިލްތައް އެތެރެ ކުރިޔަ ނުދިނުމަށް ކަމަށެވެ.

ހޫސީން ފޮނުވައިލި މިސައިލް އަމާޒަށް ވާސިލު ވުމުގެ ކުރިން ސައުދީގެ މިސައިލުން ދިފާއުވާ ނިޒާމު ބޭނުންްކޮށްގެން ވަނީ ހަލާކުކޮށްލާފައެވެ. ނާކާމިޔާބު އެހަމަލާ ސައުދީން ސިފަކޮށްފައި ވަނީ އީރާނުން ސީދާ ގޮތެއްގައި ސައުދީއަށް ދިން ހަމަލާއެއްގެ ގޮތުގައެވެ. ސައުދީ ވަލީ އަހުދު އަމީރު މުހައްމަދު ބިމން ސަލްމާން އިއްޔެގައި ވިދާޅުވީ ބާޣީންނަށް ރޮކެޓް ފޯރުކޮށްދިނުމަކީ އިރާނުން ހިންގާ ' ހަނގުރާމައިގެ އަމަލެއް ' ކަމަށް ބެލެވިދާނެ ކަަމަށެވެ.

ނަމަވެސް އީރާނުން ވަނީ ސައުދީގެ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އެގައުމުގެ ފޮރިން މިނިސްޓްރީން ބުނީ މިސައިލްް ހަމަލާއަކީ ސައުދީން ޔަމަނު މީހުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކާ ގުޅިގެން ހޫސީން އަމިއްލައަށް އެޅި ފިޔަވަޅެއް ކަަމަށެވެ.

ޔަަމަނުގައި އޮތް ބައިނަލް އަގުވާމީ ގޮތުން ގަބޫލުކުރާ ސަރުކާރު ހޫސީން ނުކުމެ ވައްޓައިލީ މީގެ ދެ އަހަރު ކުރިންނެވެ. އެ ސަރުކާރު ޔަމަނުގެ ވެރިރަށް ސަންއާއިން ބޭރުކޮށް، ޔަމަނުގެ ބޮޑު ބައެއް ހޫސީން ކޮންޓްރޯލް ކުރަން ފެށުމުން ސައުދީން އަރަބި ގައުމުތައް ހިމެނޭ އިއްތިހާދެއް ހަދައި، ހޫސީންނާ ހަނގުރާމަ ކުރަން ފަށާފައެވެ. ސައުދީން ދިން ހަމަލާތަކުގައި ޔަމަނުގެ ގިނަ ހޮސްޕިޓަލްތަކަކާއި ސްކޫލުތަކެއް ވެސް ވަނީ ހަލާކުކޮށްލާފައެވެ. ހަނގުރާމައިގައި 10000 އަށް ވުރެ ގިނަ މީހުން މަރުވި އިރު އޭގެ ތެރޭގައި ގިނައީ އާއްމުންްނެވެ.

ކުރިން ވެސް އަރަބި ދުނިޔޭގެ އެންމެ ފަގީރު ގައުމުގެ ގޮތުގައި އޮތް ޔަމަނުގައި ހަނގުރާމަ ހިނގާތާ ދެ އަހަރު ވީ އިރު އެތައް މިލިޔަން މީހުންނެއް ވަނީ ބަނޑަށް ޖެހިފައެވެ. އަދި ބޭރަށް ހިންގުމުގެ ނުރައްކާތެރި ވައްތަރެއް ކަމަށްވާ ކޮލެރާ ފެތުރި އެ ބަލި މިހާރު ވަނީ އަށް ލައްކައަށް ވުރެ ގިނަ މީހުންނަށް ޖެހިފައެވެ. އެހުރިހާ ކަމަކާ އެކު ޔަމަނުގެ އާބާދީގެ ބޮޑު ބަޔަކަށް މިހާރު ކާނާ ފޯރުކޮށްދެނީ އެހީދޭ ޖަމާއަތްތަކުންނެވެ.