ދުނިޔެ

ޝީއަށް ތައުރީފު ކުރެއްވުމަށް ފަހު ޓްރަމްޕް ޗައިނާގައި

އޭޝިއާގެ ފަސް ގައުމަކަށް ކުރައްވާ 13 ދުވަހުގެ ދަތުރުފުޅުގެ ބައެއްގެ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ޗައިނާއަށް ވަޑައިގެންފިއެވެ.

ޓްރަމްޕް އޭޝިއާއަށް ކުރައްވާ ދިގު ދަތުރުފުޅަކީ ފަހުގެ ތާރީހެއްގައި އެމެރިކާގެ ރައީސަކު މި ސަރަހައްދަށް ކުރައްވާ އެންމެ ދިގު ދަތުރުފުޅެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންއަށް ޓްރަމްޕް ވަޑައިގެންނެވި އިރު އެގައުމުގެ ރައީސް ޝީ ޖިންޕިން ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ވިދާޅުވުމަށް ބޮޑެތި ތައްޔާރީތައް ކުރައްވާފައެވެ. ޓްރަމްޕް ވަނީ ޗައިނާއަށް ވަޑައިގެންނެވުުމުގެ ކުރިން ޝީއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. ވިދާޅުވީ ޝީ ޖިންޕިން ސިޔާސީ ގޮތުން ހޯއްދެވި ބޮޑު ކާމިޔާބަށް ފަހު އޭނާއާ ބައްދަލުކުރައްވަން އެދި ވަޑައިގެން ހުންނެވި ކަމަކަށެވެ.

ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީން އެންމެ ފަހުން ބޭއްވި އެ ޕާޓީގެ 19 ވަނަ ކޮންގްރެސްގައި ޝީއަށް ވަނީ ބޮޑެތި ބާރުތަކެއްދީފައެވެ. އެގޮތުން އޭނާގެ ދަރަޖަ ވަނީ މިޒަމާނުގެ ޗައިނާގެ ބާނީ މާއޯ ޒޭޑޮންއާ އެއްވަރުކޮށްފައެވެ. ޝީގެ ނުފޫޒު ޗައިނާގައި އެހާވަރަށް ގަދަވެފައި ވުމުން ޓްރަމްޕާ ކުރައްވާ މަޝްވަރާތަކުގައި ގޮތް ދޫކުރެއްވުމުގެ ފުރުސަތު ކުޑަވާނެ ކަމަށް ބެލެވެއެވެ.

ޝީޖިންޕިންއާއި ޓްރަމްޕް ކުރައްވާ މަޝްވަރާތައް އަމާޒުކުރައްވާނެ ކަމަށް ބެލެވެނީ ވިޔަފާރީގެ ގުޅުމާއި އުތުރުކޮރެއާގެ މައްސަލައަށެވެ.

ޝީއަށް ކާމިޔާބު ލިބިވަޑައިގެންނެވުމުން ޓްރަމްޕް މަރުހަބާ ވިދާޅުވިޔަސް އެ ދެބޭފުޅުންގެ ދެމެދުގައި ބޮޑެތި ހިޔާލު ތަފާތުވުންތައް އެބަހުއްޓެވެ. އެގޮތުން ދެގައުމުގެ ދެމެދުގައި އޮންނަ ވިޔަފާރީގެ ގުޅުމުން ބޮޑަށް ފައިދާ ވަނީ ޗައިނާއަށް ކަމަށާއި އެއީ އިންސާފު ނޫން ކަަމަށް ޓްރަމްޕް ވަނީ ކުރިން ވިދާޅުވެފައެވެ. އަދި ދެކުނު އޭޝިއާ ސަރަހައްދުގައި ޗައިނާއާއި އިންޑިއާއާ ދެމެދު އޮންނަ ވާދަވެރިކަމުގައި ޓްރަމްޕް ސަރުކާރުން ވަނީ ފާޅުގައި އިންޑިއާއަށް ތާއީދުކޮށްފައެވެ.

އޭޝިއާ ސަރަހައްދަށް ޓްރަމްޕް ކުރައްވާ 13 ދުވަހުގެ ދަތުރުފުޅުގައި ވަޑައިގަންނަވާނީ ފަސް ގައުމަކަށެވެ. އޭޝިއާގެ ފުރަތަމަ މަންޒިލެއްގެ ގޮތުން އޭނާ ވަޑައި ގެންނެވީ ޖަޕާނަށެވެ. އިއްޔެ ވަޑައިގެންނެވީ ދެކުނު ކޮރެއާ އަށެވެ. ޗައިނާއަށް ފަހު ދެން ވަޑައިގަންނަވާނީ ވިއެޓްމާށާއި ފިލިޕީންސަށެވެ.