ހަބަރު

ނަޝީދު އިންތިހާބުގައި ވާދަކުރިޔަ ނުދޭނަން: ޕީޕީއެމް

ޖިނާއީ ކުށެއް ސާބިތުވެ އެ ހުކުމްގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ޕީޕީއެމްއިން ބުނެފި އެވެ.

އިންތިހާބުގައި ވާދަކުރެވޭނެ ކަމަށާއި އެކަމަށް މަގު ތަނަވަސްވެގެން ދާނީ އެމެރިކާ އާއި އިންޑިއާއެކު ކުރަމުންދާ މަޝްވަރާތަކުގެ ސަބަބުން ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާތީ ޕީޕީއެމްއިން މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ.

އެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ރައީސް ނަޝީދަށް އިންތިހާބުގައި ވާދަކުރެވޭނެ ގޮތް ހަދަން އެއްވެސް ގައުމަކާއެކު މަޝްވަރާ ކުރަން ވެރިކަން ކުރާ ޕާޓީގެ ހައިސިއްޔަތުން ޕީޕީއެމްގެ އެއްވެސް ގުނަވަނަކުން ތާއީދު ނުކުރާނެ ކަމަށެވެ. އެފަދަ ކަމެއް ސަރުކާރުން ނުކުރުމަށް ޕާޓީގެ ފަރާތުން ލޮބީ ކުރާނެ ކަމަށާއި އެ ފުރުސަތު ރައީސް ނަޝީދަށް ލިބިދޭފަދަ އެއްބަސްވުމެއް ވެސް ހަދަން އެއްވެސް ހާލަތެއްގައި ތާއީދެއް ނުކުރާނެ ކަމަށް އަދުރޭ ވިދާޅުވި އެވެ.

"އެފަދަ އެއްބަސްވުމެއްގައި ޕީޕީއެމް ސޮޔެއް ވެސް ނުކުރާނެ. މިކަމާ ދެކޮޅަށް މި ޕާޓީ އިން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން،" އަދުރޭ ވިދާޅުވި އެވެ. "ވަރަށް ސާފުކޮށް މި ދެންނެވީ ގާނޫނު އަސާސީއަށް ބަދަލު ގެނެސްގެން ވިޔަސް ނަޝީދަށް އިންތިހާބަށް ކުރިމަތިލެވޭ ގޮތަކަށް މި ޕާޓީއިން ތާއީދު ކުރާނެ އެއްވެސް ގޮތެއް ނޯންނާނެ،"

އަދުރޭ ވިދާޅުވީ، ބޭރުގެ ނުފޫޒުހުރި ގައުމުތައް ބޭނުން ކޮށްގެން ރާއްޖޭގެ އިސްތިގްލާލީ ކަރާމާތާއި ހަމަޖެހުން ނަގާލަން މަސައްކަތް ކުރުމަކީ ބާވާތެއް ގެނައުން ކަމަށާއި ގާނޫނުގެ ބޭރުން ކުރާ އެއްވެސް ކަމަކަށް ޖާގަ ނުދޭނެ ކަމަށެވެ. އަދި އެބޭފުޅުން އެ މަސައްކަތް ކުރަނީ ބަގާވާތެއް ގެނެސް ރާއްޖެ ހަލަބޮލި ކަމެއްގެ ތެރެއަށް ވައްޓާލަން ކަމަށާއި އެކަމަކީ ރައީސް އަބްދުﷲ ޔާމީން ރާއްޖެއަށް ގެންނަމުންދާ ތަރައްގީއަށް ހުރަސް އެޅުމަށް ކުރަމުންދާ މަސައްކަތެއް ކަމަށް އަދުރޭ ވިދާޅުވި އެވެ.

ޕީޕީއެމްގެ އަނެއް ނައިބު ރައީސް މޫސާ ޒަމީރު ވިދާޅުވީ، ގާނޫނު އަސާސީ އޮތް ގޮތުން ރައީސް ނަޝީދަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށާއި އެހެންކަމުން އެމަނިކުފާނު އަންނަ ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ ގޮތް ހެދުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ޕީޕީއެމްއިން ކުރާނެ ކަމަށެވެ. އަދި ޕީޕީއެމްގެ ކައުންސިލްގެ އެއްވެސް މެންބަރެއްގެ ތާއީދު އެކަމަށް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

"ބޭރުގެ ގައުމުތަކުގެ ނުފޫޒު ބޭނުން ކޮށްގެން އެފަދަ ކަމެއް ކުރައްވާނެ ކަމަށް ވެއްޖިއްޔާ އެއީ އަޅުގަނޑުމެން ގަބޫލުކުރާނެ ކަމެއް ނޫން، ޕީޕީއެމް ކައުންސިލްގެ ބޭފުޅުން ވެސް ބޭފުޅަކު ނަޝީދަށް ފުރުސަތުދޭން ގަބޫލެއް ނޫން، ޕާޓީން މިތިބީ މިކަމަށް ވަރަށް ބޮޑަށް ދެކޮޅު ހަދައިގެން، މިކަން ވިޔަ ނުދޭން ކުރެވެންހުރި ހުރިހާ ކަމެއް ކުރާނަން،" މޫސާ ޒަމީރު ވިދާޅުވި އެވެ.

ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ، އިންޑިއާ އާއި އެމެރިކާގެ އެހީ ހޯދައިގެން އިންތިހާބުގައި ވާދަކުރަން މަސައްކަތް ކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. ބޭރު ގައުމުތަކުގެ ނުފޫޒު ވައްދައިގެން އެކަން ކާމިޔާބު ނުވާނެ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލެއް ނުކުރަން ރައީސް ނަޝީދަކަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރެވޭނެ ކަމަކަށް، އެއީ ނަޝީދަކީ ޖިނާއީ ކުށެއްގައި 13 އަހަރުގެ ޖަލުހުމެއް އިއްވާފައި ހުރި ބޭފުޅަކަށް ވާތީ، ނިހާން ވިދާޅުވި އެވެ. "ދިވެހި ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ 2018ގެ ރިޔާސީ އިންތިހާބުގެ އެއްވެސް ކަރުދާސް ކޮޅެއްގައި ރައީސް ނަޝީދުގެ ނަމެއް ނޯންނާނެ،"

އެ ޕާޓީގެ ތަރުޖަމާނު އަލީ އާރިފު ވިދާޅުވީ، ރައީސް ނަޝީދަށް ވެސް ގާނޫނު ތަންފީޒުވާނެ ކަމަށާއި އެހެންކަމުން ގާނޫނު އަަސާސީ ބަދަލުނުކޮށް އެމަނިކުފާނަށް ކުރިމަތިނުލެއްވާނެ ކަމަށެވެ. ބޭރު ގައުމުތަކުގެ ނަން ބޭނުންކޮށްގެން ވެރިކަމަށް ވަޑައިގެންނެވޭނެ ކަމަށް ގަބޫލުކުރެއްވުމަކީ ގޯހެއް ކަމަށެވެ.

"...ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމުން ހަމަ ސީދާ ޖަހަށޭ ލާނީ، ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ އޮތީ އެހެން، ރައީސުލް ޖުމްހޫރިއްޔާއަށް ހުންނެވި ބޭފުޅަކަށްވެސް އެ ގާނޫނު އަސާސީ ބަދަލެއް ނުކުރެވޭނެ، ގަނޫނު އަސާސީވެސް ގާނޫނުތައް ވެސް ބަދަލުކުރަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުން، އެކަން ނުކުރާހާ ހިނދަކު ކޮންމެ ރައްޔިތެއްގެ މައްޗަށް ހިނގާ ގާނޫނު ނަޝީދުގެ މައްޗަށްވެސް ހިނގާނެ،" އަލީ އާރިފް ވިދާޅުވި އެވެ.

ޕީޕީއެމް އެސްޖީ އަބްދުލް ހަލީލް ވިދާޅުވީ، ކުށްވެރިންނަށް ވެސް ވެރިކަން ކުރެވޭނެ ގޮތް ހެދުމަށް އެމްޑީޕީއިން މަޖިލީހަށް ބިލެއް ހުށަހަޅަންވީ ކަމަށާއި ރައީސް ނަޝީދަށް ވާދަކުރެވޭނެ މަގު ހޯދޭނީ އޭރަށް ކަމަށެވެ. ނަމަވެސް އެކަން އެމްޑީޕީއިން ނުކުރާނެ ކަމަށާއި އެއީ ކުރެވޭނެ ކަމެއް ނޫންކަން އެ ޕާޓީން ވެސް ގަބޫލުކުރާ ކަމަށެވެ.