ކީޕަރު އަންގި ބާލައި ކުޅުން ހުއްޓާލަން ޖެހޭ ވަގުތު ކައިރިވަމުން އަންނަ ކަމަށް ސްޕެއިންގެ ކުރީގެ އެއް ވަނަ ކީޕަރު އިކާ ކަސިޔަސް ބުނެފި އެވެ.
ފުޓްބޯޅައިގައި ހޯދާފައިވާ ކާމިޔާބު އަގުވަޒަން ކުރުމުގެ ގޮތުން ކޮންމެ އަހަރަކު ދޭ ގޯލްޑަން ފުޓް އެވޯޑް މިއަހަރު ކާމިޔާބު ކުރުމަށްފަހު، ސްޕެއިންގެ ލެޖެންޑަރީ ކެޕްޓަން ބުނީ، އޭނާ އަކީ ފުޓްބޯޅައިގައި ވަރަށް ނަސީބު ގަދަ ކުޅުންތެރިޔެއް ކަމަށެވެ.
ޕޯޗްގަލްގެ ޕޯޓޯއަށް 2015 ވަނަ އަހަރުން ފެށިގެން ކުޅެމުން ދިޔަ ނަމަވެސް، ކަސިޔަސްގެ ފުޓްބޯޅައިގެ ހަޔާތުގެ ބޮޑުބައެއް އޭނާ ހޭދަ ކުރީ އޭނާގެ ބޯއީހުޑް ކުލަބު ރެއާލް މެޑްރިޑްގަ އެވެ. ސްޕެއިންގެ ގައުމީ ޓީމުގައި މެދު ނުކެނޑި 10 އަހަރު ކުޅުނު އިރު، ކަސިއަސް ވަނީ ގައުމީ ޓީމަށް ގިނަ ކާމިޔާބުތަކެއް ހޯދައިދީފަ އެވެ.
އެގޮތުން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާއި، 2008 އަދި 2012 ވަނަ އަހަރުގެ ޔޯރާ ވަނީ ކާމިޔާބު ކޮށްދީފަ އެވެ. އަދި ރެއާލް މެޑްރިޑަށް ޔޫއެފްއާ ޗެމްޕިއަންސް ލީގް ތިން ތައްޓާއި ސްޕެނިޝް ލީގް ފަސް ފަހަރު ހޯދައި ދިނެވެ.
"މި ކުޅިވަރު [ފުޓްބޯޅަ] ގައި އަހަންނަށް ގިނަ ކާމިޔާބުތަކެއް ހޯދިއްޖެ، މިއީ އަހަންނަށް ވަރަށް ގިނަ އުފާތަކެއް ގެނެސް ދިން ކުޅިވަރެއް، އަދި އެހާމެ ބޮޑަށް ދެރަވުންވެސް އިހްސާސް ކުރަން ޖެހުނު ކުޅިވަރެއް، ނަމަވެސް އަހަރެން އެންމެ ބޮޑަށް ހަނދާން ވާނީ އުފާވެރި ވަގުތުތައް،" ސްޕެއިންގެ ހަޔާތުގައި ފެނުނު އެންމެ ކާމިޔާބު ކެޕްޓަން އޭއެސްއަށް ދިން އިންޓަވިއުގައި ބުންޏެވެ.
"ކުޅުންތެރިންގެ ފަހަތުގައި އަބަދުވެސް ތިބޭ ބަޔަކީ ސަޕޯޓަރުން އަބަދުވެސް ގުރުބާނީ ވާ ބައެއް އަދި އެއީ ޓީމުގެ ފަހަތުގައި އަބަދުވެސް ތިބޭ ބައެއް، ސަޕޯޓަރުން އުފާ ކޮށްދިނުމުގެ ޝަރަފު އަހަންނަށް ވަނީ ލިބިފަ."
ކަސިޔަސް 36 ގެ ކެރިއާގައި މިއީ އެންމެ މަތީ ފުޓްބޯޅައިގައި އޭނާގެ 12 ވަނަ އަހަރެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި ކުޅުން ހުއްޓާލަން ޖެހޭ ވަގުތު އަންނަނީ ކައިރިވަމުންނެވެ.
"އަންގި ދޫކޮށް ކުޅުން ހުއްޓާލަން ޖެހޭ ވަގުތާ ދުވަހެއް ދުވަހަކަށް ދަނީ ކައިރިއަށް ގެންދަމުން،" ކަސިޔަސް ބުންޏެވެ. "ފުޓްބޯޅައިގައި ދެމިހުންނަށް އަހަރެން ޝައުގުވެރި ވަން އެކަމަކު އަހަންނަކަށް ނޭންގެ ކިހާވަރެއްގެ ބާރަކުން ކަމެއް ނަމަވެސް ފުޓްބޯޅައިގެ ތެރޭގައި ބައިވެރިވެ އުޅެން ބޭނުން."
ކަސިޔަސް، ޕޯޓޯއަށް އެންމެ ފުރަތަމަ ސޮއި ކުރީ ދެ އަހަރުގެ މުއްދަތަށެވެ. މިދިޔަ ސީޒަންގެ ނިޔަލަށް ދެ އަހަރު ހަމަވި ނަމަވެސް އޭނާ ވަނީ އިތުރު އެއް އަހަރަށް ކޮންޓްރެކްޓް އާ ކޮށްފަ އެވެ. އެހެންވެ މިއަހަރުގެ ނިޔަލަށް ޕޯޓޯއަށް އޭނާ ކުޅޭނެ އެވެ.