އާޖެންޓީނާގެ ގައުމީ ޓީމަށް ވަކި ކޯޗަކު ގެނެސް ވަކި ކުޅުންތެރިންތަކެއް ނަގާކަށް އޭނާ ދުވަހަކުވެސް ނުބުނާ ކަމަށް، އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.
މެސީ، އާޖެންޓީނާގެ ކެޕްޓަންކަން ކުރަން ފެށި ފަހުން އަބަދުވެސް އަޑުގަދަ ކޮށް ދައްކާ ވާހަކަ އެއް އޮވެއެވެ. އާޖެންޓީނާގެ ގައުމީ ޓީމަށް ގެންނަނީ މެސީ ބުނާ ކޯޗެކެވެ. އަވަސް އަވަހަށް ކޯޗުން ބަދަލު ވަމުން ދިޔައީވެސް އެ ކޯޗަކު މެސީ އަށް ކަމުނުދާތީ ކަމަށް ވާހަކަ ދެކެވެއެވެ.
މިހާރުގެ ކޯޗް ހޯޖޭ ސަމްޕައޮލީ އަކީ މެސީ ވަރަށް ބޮޑަށް އިތުބާރު ކުރާ ކޯޗެއް ކަމަށާއި އެހެންވެ އޭނާ އާ އާޖެންޓީނާގެ ގައުމީ ޓީމު ހަވާލު ކުރުމަށް މެސީ އެގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނަށް ލާފާ ދިން ކަމުގެ އަޑުތައްވެސް، މިދިޔަ ސީޒަނަށްފަހު ފެތުރިގެން ދިޔަ އެވެ. އަދި ގައުމީ ޓީމަށް ނަގަނީވެސް މެސީ ރަށްޓެހިން ކަމަށްވެސް ވާހަކަ ދެކެވެ އެވެ. ނަމަވެސް މެސީ ވަނީ އެ ވާހަކަތައް ދޮގު ކޮށްފަ އެވެ.
"(ޓީމަށް ނަގަނީ) މެސީގެ ރަށްޓެހިންނޭ މީހުން ބުނީމަ އަހަރެން ވަރަށް ހިނި އާދޭ، އެމީހުން ބުނޭ އަހަންނޭ އާޖެންޓީނާގެ ޓީމަށް ކޯޗުން ނަގަނީ ނުވަތަ އަހަރެން ބުނާ ކުޅުންތެރިންނޭ ޓީމަށް ނަގަނީވެސް، ނަމަވެސް އެއީ ދޮގެއް،" މެސީ ހާމަ ކުރި އެވެ.
"[ހާވިއޭ] މަޝަރާނޯ، [އޭންހަލް] ޑީ މާރިއާ، [ލޫކަސް] ބިގިލިއާ، އަކީ ދުނިޔޭގެ ފުޓްބޯޅައިގައި ބޮޑެތި ނަންތަކެއް، މިގޮތަށް (އެކުޅުންތެރިން ނަގަނީ އަހަރެން ބޭނުން ވެގެންނޭ ބުނެ) ވާހަކަ ދައްކާ މީހުން އެ ކުޅުންތެރިންނަށް އިހްތިރާމެއް ނުކުރޭ، އެ ކުޅުންތެރިން ޓީމަށް ނެގަނީ އަހަރެން ބުނެގެނެއް ނޫން، މިކަމުގައި އަހަރެން ބުނާނެ އެއްޗެއް ނޯންނާނެ."
އަންނަ އަހަރު ރަޝިޔާގައި ބާއްވާ ވޯލްޑް ކަޕަށް އާޖެންޓިނާ ކޮލިފައިވީ އުނދަގޫ ހާލަތެއްގެ ތެރެއިން ނެވެ. އެ ޓީމު ކޮލިފައި ކޮށްދިނީ އެންމެ ފަހު މެޗުގައި އެކްއެޑޯ ކޮޅަށް ތިން ލަނޑު ޖަހައި މެސީ ހެދި ހެޓްރިކުން ނެވެ. އޭނާ ބުނީ އާޖެންޓީނާ ވޯލްޑްކަޕަށް ކޮލިފައި ވާނެ ކަން އޭނާ އަށް އެނގޭ ކަމަށެވެ.
"އަހަންނަށް އެނގޭ ކޮލިފައި ވެވޭނެ ކަން، ނަމަވެސް އަހަރެމެންނަށް ވަރަށް އުނދަގޫ އުފުލަން ޖެހުނު،" އޭނާ ބުންޏެވެ. "ގައުމީ ޓީމުގެ ޑިޔުޓީއަށް ފަހު ބާސެލޯނާ އަށް އެނބުރި ދާއިރު އަހަރެން އބަދުވެސް ހިތައް އަރާ ކިނެއްބާއޭ އަހަރެމެން ކޮލިފައި ވާނީ."
މިއީ ދުނިޔޭގެ ފުޓްބޯޅައިގައި ގައުމީ ޓީމުތަކަށް ހުސްކުރާ ފީފާގެ އިންޓަނޭޝަނަލް ބްރޭކެވެ. މި ވަގުތު މެސީ ވެސް ހުރީ އާޖެންޓީނާގެ ޓީމަށް ހުސްވެގެންނެވެ. ރަޝިޔާ އާއި ނައިޖީރިއާ ދެކޮޅަށް އެކުވެރި ކަމުގެ މެޗުތަކެއް ކުޅުމަށް އާޖެންޓީނާއިން ވަނީ ހަމަޖައްސާފަ އެވެ.
ބާސެލޯނާގެ ބީ ޓީމަށް ކުޅުނު ދުވަސް ވަރު ސްޕެއިންގެ ގައުމީ ޓީމަށް ކުޅެން މެސީއަށް، ސްޕެއިންގެ އެފްއޭއިން ހުށަހެޅި އެވެ. ނަމަވެސް އޭނާ އިހްތިޔާރު ކުރީ އޭނާގެ ގައުމު އާޖެންޓީނާގެ ގައުމީ ޓީމެވެ. ވޯލްޑްކަޕްގެ ގުރު ނެގުން އޮންނާނީ އަންނަ މަހު އެކެއްގައެވެ. މެސީ ބުނީ ސްޕެއިން އާ އެއް ގުރޫޕެއްގައި ނުހިމެނުމަކީ އޭނާ އެދޭ ގޮތް ކަމަށެވެ.
"އަހަރެން އުންމީދު ކުރަން ސްޕެއިންއާ އެއް ގުރޫޕެއްގައި ނުހިމެނޭނެ ކަމަށް ސަބަބަކީ އެ ޓީމަކީ ވަރަށް ވަރުގަދަ އަށް ކުޅޭ ޓީމެއް." ޓީވައިސީ ސްޕޯޓްސް އަށް ދިން އިންޓަވިއުގައި މެސީ ބުންޏެވެ.