ވާހަކަ

މިންނުގެ ޑައިރީ

(7 ނޮވެމްބަރ 2017 އާ ގުޅޭ) -- ދޮރު ހުޅުވާލާފައި ދެތިން ފިޔަވަޅު ނޭޅެނީސް ބުއި ފެންފޮދާއި ކާލި ފެނެޑޯލްގުޅަ ބޭރުވެއްޖެއެވެ. ތަޅުންގަނޑު ސާފުކޮށްފައި އަހަރެން އެނދުގައި ޖައްސާލީއެވެ. އިތުރަށް ބޭސްކާން ވެސް ފޫހިވިއެވެ. ބޮލުގައި ރިއްސާތީ އެ ރިހުންދެކެ ވެސް ރުޅި އަންނަ ގޮތްވިއެވެ. އެހެންވެ ދެ ލޯ މަރާލައިގެން އޮތީއެވެ.

އިޝާ ނަމާދުން އަވަދިވި ތަނާހެން ފުރާޅުމައްޗަށް އޮއްގާތަކެއް ވަރާލި ފަދައެވެ. ބޯކޮށް ވާރޭ ވެހިގަތީއެވެ. ހަށިގަނޑުގައި ވަރު ނެތުމުގެ ސަބަބުން ނަމާދު ވެސް ކޮށްލީ ގޮނޑީގައި އިނދެއެވެ. ނަމާދުކުރާ އެއްޗެއް ނަގާފައި އައިސް އަނެއްކާ ވެސް އަހަރެންގެ އޮށޯވެލީއެވެ. ލޯމަރާލައިގެން ވާރޭގެ އަޑުއަހަން އޮވެވުނީއެވެ.

ރޭގަނޑު ކާން ނުނިކުތުމުން އަހަރެން ހޯދަން ސުހައްތަ އައެވެ. އެނދުގައި އަހަރެން އޮތްތަން ފެނުމުން ނިކަން އަވަހަށް އައިސް އެނދުގެ މަގަތުގައި އިށީނެވެ. އެވަގުތު ކުޑަމޭޒުމަތީ ހުރި ބޭސްކޮތަޅު ސުހައްތަގެ ލޮލުގައި އަޅައިގަތެވެ.

ސުހާ: "މިންނު! ޑަކްޓަރަށް ދިޔައީތަ؟ އަދިވެސް ހުންހުރީތަ؟"

ސުހައްތަގެ އަހަރެންގެ ނިތްކުރީގައި އަތްލިއެވެ. ހޫނުކަން އިހުސާސް ވުމުން އަނެއްކާ ވެސް ބޭސް ކައިފިންތޯ ސުވާލުކުރިއެވެ. އަހަރެން ބޯޖަހާލުމުން ސުހައްތަ އެދުނީ ކާއެއްޗެއް ކާން ތެދުވެލުމަށެވެ.

ސުހާ: "ދެން ތެދުވޭ... ކާއެއްޗެއް ކައިގެން ގައިގާ ވަރުޖެހިލާނީ ވެސް. ބޭސްކޭމާ ވެސް އަސަރެއް ނުކޮށްގެން ތިއުޅެނީ އެހެންވެ. ހިނގާ ސުހައްތައާއެކު... ބަތްކޮޅެއް މޮޑެ ވެސް ދީފާނަން. މިންނު! މިހާރު ދެން ނަގައިގަނެގެން ނުގެންދެވޭނެކަން އެނގޭ ދޯ. ސުހައްތަ ބުނީމާ ހިތްވަރުކޮށްލާފައި ހިނގާބަލަ"

އަހަރެން ތެދުވަން މަސައްކަތް ކުރީމެވެ. ނަމަވެސް ފިޔަވަޅެއް އަޅާލާނޭ ވަރު ހަށިގަނޑުގައި ނެތީއެވެ. އެހެންވެ ސުހައްތަ އެނބުރި ގޮސްފައި އައީ އަހަންނަށް ކާއެއްޗެހި ތައްޔާރުކޮށްގެން ހިފައިގެންނެވެ. ސުހައްތަގެ އަތުން އަހަންނަށް ކާންދިނެވެ. ހަށިގަނޑާ އެއްވަރަށް އަހަރެންގެ ސިކުނޑި ވެސް ވަނީ ވަރުބަލިވެފައެވެ. ސުހައްތަގެ ކޮނޑުގައި ބޯއަޅާލެވުނީ ބޭއިޚްތިޔާރުގައެވެ. ހަށިފުރާ ލީ ނޭވާއާއެކުއެކު އަހަރެން ބޭނުންވީ ހުރިހާ އުދާސްކަމެއް އަހަންނާ ވަކިވެދާށެވެ. އަހަރެންގެ އެ ކުޑަކުޑަ ހަރަކާތުން ސުހައްތަ ކަމެއް ދެނެގަތްކަން އެނގުނީ ދައްކަންފެށި ވާހަކައިންނެވެ.

ސުހާ: "މިންނު ވަރަށް ބަދަލުވެއްޖެހެން ސުހައްތައަށް ހީވަނީ. ފުރައިގެން ދިޔައިރު ފެނުނު މިންނުއާ މިހާރު ފެންނަ މިންނު ވަރަށް ބޮޑަށް ތަފާތު. މީހުންގެ ތެރެއަށް ނުކުމެ އުޅޭތަނެއް ނުފެނޭ... ރަނގަޅަށް ކާތަނެއް ނުފެނޭ. މީހާ މުޅިން އަނަރޫފަވެއްޖެ. އަބަދު ބަލިކޮށް ތިހުންނަނީ... މިންނު! ކަމެއް ދިމާވެގެން އުޅޭނަމަ ނިކަން ސުހައްތަ ގާތުގައި ބުނެބަލަ. މިންނު ބޭނުންވަނީ ސުހައްތަ މިހާލުގައި އިނދެ މިންނުއާ މެދު ވިސްނާ ފިކުރުކުރަންތަ؟ އެނގޭ ދޯ މިންނުއަށް ބަދަލުތަކެއް އަންނަންޏާ ސުހައްތައަށް އެކަމާ ވިސްނޭނެކަން. ދެން ބުނެބަލަ... ސުހައްތަ ނެތީސް އަޒާނާއި މިންނުއާ ދެމެދުގައި ކަމެއް ހިނގީތަ؟ އަޒާން ގޯހީތަ މިންނުއަށް. ނޫނީ އޭނާ މިންނު ނުރުހޭކަމެއް ކުރަނީތަ؟ މިންނު ވަޒީފާއަށް ދިޔަޔަސް އަދި އުމުރުން ވިހިއަހަރު ވެސް ނުވޭ. މިންނުއަށް އަޒާން ކަމުދާކަން އެނގޭތީ ސުހައްތަ ތި ދެމެދުގައި އޮތް ގުޅުމަށް ފާޑެއް ނުކިޔާ ހުރީ. ފެންނަ ފެނުމަށް އަޒާނަކީ އަޙުލާޤު ރަނގަޅު ކުއްޖެއްހެން ހީވޭ"

ސުހައްތަގެ ވާހަކަތައް އަޑުއަހަމުން ދިޔައިރު އެއްފަހަރު ވެސް ހައިކަލްގެ ނަމެއް ސުހައްތަ ނުކިޔައެވެ. އޭނާއާ އެމީހުން ކުރާ އިތުބާރު އެކަމުން އަހަންނަށް އެނގުނެވެ. ވީއިރު ހައިކަލްއޭ ބުނާނޭ ގޮތެއް އަހަންނަކަށް ނުވިސްނުނެވެ. ސުހައްތަގެ ފުރަތަމަ ދަރިފުޅަށް ބަލިވެ އިންދާ އަހަރެންގެ ސަބަބުން އެ ދައްތަގެ ސިއްޙަތަށް ގެއްލުމެއް ލިބޭވަރު ކަމެއް ކުރާކަށް ނުކެރޭނެއެވެ. އަހަރެން ބުނާން އޮތީ އާދައިގެ ވާހަކައެއް ނޫނެވެ. އެކަމުގެ ސަބަބުން ޚާއްޞަކޮށް ސުހައްތަގެ ދިރިއުޅުމަށް ޒަލްޒަލާއެއް އައުމެކޭ އެއްވަރުވާނެއެވެ. ހައިކަލްގެ އެ މުޑުދާރު ޢަމަލުގެ ވާހަކަ އަހާނޭ ހިތްވަރެއް ސުހައްތަގެ ނުހުންނާނޭކަން އަހަންނަށް އެނގެއެވެ. އެ ދެއަތުން އަހަރެން ފެންވަރުވާ ކާންދީ ބޮޑުކުރީ ދަރިއަކު ފަދައިންނެވެ. އެ ލަގޮނޑިއަށް ފަރުދާގެ ފުރަގަހުގައިވާ ހައިކަލް ފެނިއްޖެނަމަ ކެތްކުރާނީ ކިހިނެއްހެއްޔެވެ. އަހަރެންގެ އަމިއްލަ މައިމީހާއަށްވުރެ އެ ދައްތައަށް އަހަރެން ކުރާ ޤަދަރާއި އެ ދައްތަ ދެކެ ވާ ލޯބި އަގުނުކުރެވޭނެއެވެ.

ސުހައްތަގެ ގައިގާ ފިރުމާލަމުން އަހަންނަށް ދެން ނުކެވޭނެއޭ ބުނީމެވެ. އަދި ސުހައްތަ އެއްވެސް ކަމަކާ ނުވިސްނާށޭ އަހަރެން ބުނީމެވެ. އަހަންނާއި އަޒާންއާ ދެމެދު އެއްވެސް ކަހަލަ ދެބަސްވުމެއް ނުހިނގާކަން ޔަގީންކޮށްދިނީމެވެ. އަޒާންއަކީ ސުހައްތައަށް ސިފަކުރެވުނު ފަދަ ރަނގަޅު ޒުވާނެއްކަން އަހަރެން ބުނެދިނީމެވެ. އަދި އަޒާންއާ މެދު ގޯސް ހީތައް ނުކުރުމަށް ސުހައްތަގެ ގާތުން އެދުނީމެވެ. ހަޤީޤަތަކީ އެއީއެވެ. ދުނިޔޭގައި އަޒާން ފަދަ ފިރިހެނުން އުޅޭނަމަ އަހަރެންގެ ކަހަލަ އަންހެން ކުދީންނަށް ދުނިޔެއަކީ ރައްކާތެރި ރީތިތަނެއްގެ ގޮތުގައި ސިފަކުރެވުނީހެވެ. ވަށައިގެންވާ މީހުންނަށް އިތުބާރު ކުރެވުނީއެވެ. ނަފުރަތާއި ރުޅިވެރިކަމުން ތިމާގެ ނަފުސު ސަލާމަތްކުރެވުނީހެވެ.

ސުހާ: "ސުހައްތަ ކޮޓަރިއަށް މި ދަނީ. އެއްޗެހި ވެސް ހޫނުކޮށްފައި ހުންނާނީ. މިންނު ދެން އަރާމުކޮށްލާ. ހަނދާންކޮށް ބޭސް ކާތި. ބޮޑުވަރު ވަންޏާ އައިސް ގޮވާތި... ނޫނީ ފޯނުން ޖައުބެ ގެންގުޅޭ ފޯނަށް ގުޅާލިޔަސް ސުހައްތައަށް ހޭލެވޭނެ. މިރޭ މި ވިއްސާރައިގަ މިންނު ބޭރަށް ނުކުންނަން ނަހަދާތި... ދެން ނިދާލެވޭތޯ ބަލާ އިނގޭ"

އޯގާތެރިކަމާއެކު އަހަރެންގެ ބުރަކަށީގައި ފިރުމާލާފައި ސުހައްތަ ނުކުމެގެން ދިޔައީއެވެ. އަހަރެން ފާޚާނާއަށް ވަދެ ކޯދެވެލައި މޫނުގައި ފެންފޮދެއް ހާކާލައިގެން އައިސް އެނދުގައި އޮށޯވެ ގައިމަތީ އަޅާން ގެންގުޅޭ ރަޖާގަނޑުން ހަށިގަނޑު އެއްކޮށް ނިވާކޮށްލީމެވެ. އެހެން އޮތްއިރު އަޒާންގެ މަތީން ވަރަށް ހަނދާންވާން ފެށިއެވެ. ސުހައްތަ ދެއްކި ވާހަކަތަކުން އަހަރެންގެ ހިތަށް އުނދަގޫވެފައި ހުރީމާކަމަށް ވެސް ވެދާނެއެވެ. އެހެންވެ ފޯނުގެ އަތްގަނޑު ނަގާ އަޒާނަށް ގުޅާލީމެވެ.

އަހަންނާއި އަޒާން ވާހަކަދައްކަމުން ގޮސް އޭނާ ބައްދަލުކުރާން އަންނާން އެދުނެވެ. ވާރެއާ ތެމިގެން ވިޔަސް އަޒާން ހުރީ އަންނަން ބޭނުންވެފައެވެ. ވާރޭ ވެހޭތީ މިރޭ އޭނާގެ މައިންބަފައިން ވެސް މާ އަވަހަށް ނިދައިފި ކަމަށް ބުންޏެވެ. އަޒާންގެ އެ ހުންނަ ލޯބިވެތި ސަމާސާގޮތް އަހަންނަށް ވަރަށް ކަމުދެއެވެ. އޭނާ ލާނެތްކަމާއެކު އަހަރުމެން ދެމެދުގައި ހިނގާފައި ހުރި ކަންތައްތަކުގެ ވާހަކަދެއްކިއެވެ.

އަޒާން: "ޕްލީޒް މިންނު! ސޭ ޔެސް... މިރޭ ގޮސްފަ އެހާ އަވަހަކަށް ގެއަކަށް ނުދާނަން. މިންނު ފޮނުވާލި އިރަކުން ދާނީ. ހެޔޮ އިރުއަރަންދެން މަޑުކުރާށޭ ބުންޏަސް. މިންނު ދެކޭހިތްވާތީ މިއުޅެނީ"

އަޒާންގެ އަތުގެތެރޭ ވުމަށް އަހަރެންގެ ހިތް ވެސް އެދެއެވެ. ނަމަވެސް އަހަރެންގެ ގަޔާކު އެހާ ވަރެއް ނެތެވެ. ހުންވައްތަރުވެގެންކަން އުޅެނީ ބުނުމުން އަޒާން ވަކިން ބޮޑަށް އަންނަން ބޭނުންވިއެވެ. އެހެންވިޔަސް ހުމަކީ ނުލާހިކު ފާޑެއްގެ އެއްޗެއް ވިއްޔާއެވެ. އަހަރެން ރަނގަޅުވެލާއިރަށް އަޒާން ބަލިވެއްޖެއްޔާ މާދެރައެވެ. އަހަންނަށް އަޒާންގެ ގާތަށް ދެވޭނީއެއްނޫނެވެ. އޭނާ ބަލިއެނދުގައި އޮންނައިރު ފިރުމާ ވެސް ލެވޭނީއެއްނޫނެވެ. އެ ހުރިހާ ވިސްނުމަކާއެކު އަހަރެން ނިންމީ ރަނގަޅުވެލީމާ އަޒާންއާ ބައްދަލުކުރާނީ ކަމުގައެވެ. ފޯނުން އިވޭ ދެ މީހުންގެ އަޑު އަހާލައިގެން ދެން ކެތްކޮށްލާނީ ކަމުގައެވެ.

ކިތަންމެ ގިނައިރު ފޯނުގައި ތިބެން ބޭނުންވިޔަސް އެކަމެއް ނުވިއެވެ. ފުރަތަމަ ނިދުނީ އަހަންނަށްކަން ޔަގީނެވެ. ޚަބަރު ހުސްވީކަމެއް ނިދުނީކަމެއް އަހަރެން ނުދެނަހުރީމެވެ. ހަނދާނުގައި ހަމައެކަނި ހުރީ ފޯނުން އަޒާންއާ ވާހަކަދައްކަމުން ދިޔަކަމެވެ. ދެންވީ ގޮތެއް ބުނާކަށް އެއްގޮތަކަށް ވެސް ނޭނގެއެވެ. ލޯހުޅުވާލެވުނު އިރު މުޅި މީހާ ތުރުތުރުލަނީއެވެ. ހަށިގަނޑުގެ އެހެން ދިމާތަކަށްވުރެ ނިތްކުރިއަށް ވަކިން ބޮޑަށް ފިނިވާކަން އިހުސާސް ކުރެވެއެވެ. މަޑުމަޑުން ލޯ ހުޅުވާލެވުނެއްކަމަކު ހީވަނީ ކޮޓަރި އެނބުރޭ ހެނެވެ. ގާތުގައި މީހަކު އިންކަން އެނގެއެވެ. ހީކުރެވުނީ އަޒާން އައީ ކަމުގައެވެ. ދެތިން ފަހަރަށް އަޒާނަށް ގޮވާލީމެވެ. އެއާއެކު އަހަރެންގެ އަނގަޔަށް ބޭސްގުޅައެއް ލަވައިދީފައި ފެންފުޅި ތުނބުގައި ޖެއްސިއެވެ. އެމީހުން ފެންފޮދު ބޯލާށޭ ބުނި އަޑު އެހީމެވެ. ބޭސްގުޅަ ދިރުވާލީމެވެ. އަމިއްލަ ނޭވާ ވެސް ހީވަނީ ހޫނު އާތްވަށް ބަދަލުވެފައިވާ ހެނެވެ. ފަންކާ އެނބުރޭ ހެނެއް ހިޔެއްނުވެއެވެ. އަހަރެން އަޒާނަށް ގޮވާލާފައި އޭނާގެ އަތުގައި ހިފީމެވެ. ހީކުރަވަނީއޭ ބުނީމެވެ. އަހަރެން ގާތުގައި މަޑުކުރާށޭ ބުނީމެވެ. އޭނާގެ ގައިގާ ބައްދާލީމެވެ. ބާރުގަދަ ދެއަތުގެ ތެރޭ އަހަރެން ހިފަހައްޓާލިއެވެ.

އެނބުރިލަން އުޅުމުގެ ތެރޭ އަހަންނަށް ހޭލެވުނެވެ. އޭރު ބޮލުގައި ރިހުން ކުޑައެވެ. ހުމުގެ އަސަރު އެވަގުތަކު ނެތެވެ. އަހަރެންގެ ހާމަ ބުރަކަށި މީހެއްގެ ގައިގާ ޖެހިފިތިފައިވެއެވެ. އުނަގަނޑާ ހިސާބުގައި އޮތް އަތަށް އަހަރެން ބަލާލީމެވެ. މަޑުމަޑުން ފަހަތަށް އެނބުރިލީ ހައިރާންވެ އޮވެއެވެ. ވައަތް ދަމާލައިގެން އެ އަތުގައި ބޯއަޅާލައިގެން ހައިކަލް އޮތީ ނިދާފައެވެ. އެއާއެކު ފުސްވެފައި މަންޒަރުތަކެއްހެން ރޭގައި ވީކަންތައްތައް ހަނދާނަށް އަންނާން ފެށިއެވެ. ހުންގަދަވެ ދަންދޮރުވަކިނުވާ ހާލު އަހަރެން ހީކުރީ ގާތުގައި އިނީ އަޒާން ކަމުގައެވެ. ނަމަވެސް އެ ހުރިހާ އިރު ހަރަކާތްތެރިވަމުން އެ ދިޔައީ ހައިކަލްތާއެވެ. އަހަންނަށް ނިދެމުން ދިޔައިރު އަހަރެން ހީކުރީ އަޒާން ކަންބޮޑުވި ވަރުން އޭނާ އަހަރެންގެ ގާތުގައި އިނދެ ރޮނީކަމަށެވެ. ނަމަވެސް އަހަރެންގެ ކަނދުރާއަށް އިހުސާސް ކުރެވުނު ކަރުނައިގެ ތެތްކަމަކީ ހައިކަލްއެވެ. އެ ރުއިމުގެ އަޑު އަހަރެންގެ ކަންފަތުގައި ހަރުލާފައިވާ ކަހަލައެވެ. އަހަރެން ރަނގަޅުވެ ކުރީގެ މިންނުއަށްވާށޭ ބުނީ ހަމަ ހައިކަލްގެ ދުލުންނެވެ. އޭނާއަށް މާފުކޮށްދޭށޭ އެދުނީ ވެސް ޚުދު ހައިކަލްގެ ދުލުންނެވެ. އޭނާ ދެއްކި ހުރިހާ ވާހަކައެއް ބުނާން ނޭނގުނު ނަމަވެސް އޭނާގެ ރުއިމުގައި ބަލިކަށިކަން އެކުލެވިފައި ވިއެވެ. އެ ހޫނު ނޭވާ ކޯތާފަތަށް އެޅުނު ހިނދު އަހަރެން ބޭނުންވީ އަވަހަށް އޭނާއާ ދުރަށް ދާށެވެ. އެހެންވެ އުނަގަނޑާ ދިމާލުގައި އޮތް ހައިކަލްގެ އަތް ހިއްލާލާ ދުރަށް ޖެހިލީމެވެ. އެ ކުޑަކުޑަ ހަރަކާތާއެކު ސިއްސައިގެން ދިޔަ ހައިކަލް ފުންމައިގެން ތެދުވިއެވެ. އޭނާގެ ދެއަތް އަހަންނާ ދުރަށް ޖައްސާލީ ކަންބޮޑުވެފައި ހުރި ފަދަ ގޮތަކަށެވެ. އަހަންނަށް ބަލާވެސް ނުލާ އަވަސް އަވަހަށް ތަޅުންމަތީ އޮތް އޭނާގެ ޓީޝާޓު ހިފައިގެން ހަލުވިކޮށް ގޮސް ފާޚާނާއަށް ވަނެވެ. އޭނާގެ ހަރަކާތްތައް ހުރީ މުޅިން އެހެން މީހަކު ފަދައިންނެވެ.

ހައިކަލް: "މިހާރު އޯކޭތަ؟"

ފާޚާނާއިން ނުކުމެ އަހަންނަށް ނުބުލާން އުޅޭ މީހަކު ފަދައިން ނަޒަރު އެއްފަރާތްކޮށްލިއެވެ. އެ އަޑުގައި މަޑުމައިތިރިކަމެއް އެކުލެވިފައިވިޔަސް އަހަންނަށް ޖަވާބު ދެވުނީ އެގޮތަކަށް ނޫނެވެ. އެއަށްވުރެ މާހަރުކަށިކޮށެވެ. ނުރުހުންވެ އިނދެއެވެ. އޭނަ އިތުރުއެއްޗެއް ނުބުނެ އަހަރެންގެ ކޮޓަރިން ނުކުމެގެން ދިޔައީ ވެސް އަހަންނަށް ބަލާލުމެއްނެތިއެވެ. ރުޅިވެރިކަމެއް ނެއްތާ ބާރުގެ ބޭނުންކުރުމެއްވެސް ނެތީއެވެ.

ހެނދުނު ހައެއް ޖަހަން އުޅެނިކޮށް ފޯނެއް އައެވެ. ނެގިއިރު އަޒާނެވެ. އޭނާގެ ވާހަކައިން ރޭގައި އަހަންނަށް ފޯނުގައި އޮވެ ނިދުނީކަން އެނގުނެވެ. އަޒާން ވެސް ކުރީ ހައިކަލް ކުރި ސުވާލެވެ. އަހަރެންގެ ހާލު ކިހިނެއްތޯއެވެ. މިހާރު ވަރަށް ބޮޑުތަން ރަނގަޅެއް ބުނެލެވުނީ އުފަލުން އިނދެއެވެ. އެއާއެކު އަޒާން ހަނދާންކޮށްދިނީ އޭނާ އަހަންނަށް ވެފައިވާ ވަޢުދުގެ މަތީންނެވެ. ކައިވެނީކަންކަން ހަމަޖައްސަމުން އަންނަކަމެވެ. އަޒާންގެ ފޯނުކޯލު ނިންމާލީ އޭނާ އޮފީހަށް ދާން ތައްޔާރުވާން ޖެހޭތީއެވެ.

ކައިވެނީގެ ވާހަކައާއެކު އަހަންނަށް އައު ދިރުމެއް ލިބުނު ކަހަލައެވެ. ކުރީން އެ ވާހަކަ އިވުނު އިރަށްވުރެ މިފަހަރު އަޒާން އެ ވާހަކަދެއްކުމުން ލިބުނު އުފާވެރިކަން އިތުރުވިއެވެ. ބަނޑުން އަޑުކިޔާލީ އެ ޚިޔާލުގައި އިންދައެވެ. ބަނޑުގައިކަން އިހުސާސް ކުރެވުނީއެވެ. އަޒާންއާ ކައިވެނި ކުރެވެން ވާއިރަށް ހުރިހާ ކަމެއްގެ މަތީން ހަނދާންނައްތާލަން އަހަރެން ނިންމީމެވެ. ހަމައެކަނި އަޒާންގެ މީހަކަށް ވުމަށެވެ. އަމިއްލަ ހަށިގަނޑަށް ބަލައިގެން އަޒާނަށް ޓަކައި ދިރިހުންނަން އަހަރެން ބޭނުމެވެ. އެގޮތަށް އެކަންވާނީ ރަނގަޅަށް ކައިބޮއެ އިހު އުޅުނު ހަމަޖެހޭ ދިރިއުޅުން އަނބުރާ ހޯދައިގެންކަން އަހަންނަށް އެނގެއެވެ. ހުރިހާ ކަމެއް ބަދަލު ނުކުރެވޭނޭކަން އެނގެއެވެ. އެހެންވިޔަސް އުންމީދުގެއްލުވާލަން ބޭނުންނުވީއެވެ. އަޒާނަށް ޓަކައެވެ.

ފެންވަރާ ތާޒާވެލައިގެން އަހަރެން ކޮޓަރިން ނުކުތީ އިހުގެ މިންނުއަށް ވާން ބޭނުންވެ ހުރެއެވެ. ފާރޮށިކޮޅަކާ ކިރުސައިތަށްޓެއް ހަދާލައިގެން ސައިބޯލީމެވެ. އަދި ދުވަހުގެ މަސައްކަތަށް ތައްޔާރުވެލީމެވެ. ޗުއްޓީގެ ދުވަސްތައް ނިމި އިތުރަށް ނެގި ދުވަސްތައް ނިމުމަކަށް އަންނީއެވެ. އެހެންވެ އޮފީހަށް ނުކުންނަން ވާއިރަށް އަހަރެންގެ ދިރިއުޅުން އިހުގެ ދިރިއުޅުމަށް ބަދަލުކުރާން އެބަޖެހެއެވެ. ހަމަޖެހިގެން އުޅެވޭނީ އޭރުންނެވެ.

ބަދިގެ ތެރޭ މަސައްކަތްތައް ކުރަން އުޅުނުއިރު ދުވާ ވަސްތަކުން އަހަންނަށް ކެތްކުރަން ދަތިވެއެވެ. އެއްގޮތަކަށް ވެސް އެއީ ކީއްވެ ވާކަމެއްކަން ދެނެގަންނާކަށް ނޭނގުނެވެ. އަހަރެންވަކި ތަފާތު ކަމެއް ނުކުރަމެވެ. އެހެންޏާވެސް ގޭގައި ކެއުމަށް ތައްޔާރުކުރާ އެއްޗެހި ތައްޔާރު ކުރުމުގައި އުޅުނީމެވެ. ނަމަވެސް ގަރުދިޔަ ވަސް ޖެހޭއިރަށް އަހަންނަށް އެވާގޮތެއް ނޭނގެއެވެ. ހޮޑު އަންނަނީއެވެ. ނުވެސް ހިފެހެއްޓެނީއެވެ. ވަސްވަސް ދުވާވަރުން އެންމެފަހުން ގޮނޑީގައި އަޅުވާލާފައި އޮތް ދޯޕަށްޓާ ނަގާ އަނގަޔާއި ނޭފަތާ ނިވާކޮށް އައްސާލީމެވެ. ހުރިހާ ކަމެއްކޮށް ނިންމާލީ އެގޮތުގައެވެ. ސުހައްތަ ސައިބޯން އަންނަންވާއިރަށް ހުރިހާ އެއްޗެއް ބެހެއްޓީ ތައްޔާރުކޮށްލާފައެވެ.

ކުރީން ދުވަހު ޑަކްޓަރަށް ގޮސް ހެދި ޓެސްޓުތަކުގެ ނަތީޖާ ނަގަން ދާންވާއިރަށް ހުރިހާ މަސައްކަތެއް ނިންމާލާ ކޮޓަރި ވެސް ސާފުކޮށްލީމެވެ. އޭރު މެންދުރުވެއްޖެއެވެ. ރަނގަޅަށް ކައިގެން އައިސް ހޮސްޕިޓަލަށް ދިއުމުގެ ކުރިން އަޒާން އާއި ލޯބިން ވާހަކަދައްކާލުމަށް ވަގުތުކޮޅެއް ހުސްކޮށްލީމެވެ. އަހަރެން ބައެއްފަހަރަށް ޖެހިލުންވެއެވެ. އަމިއްލައަށް ހުރިހާ ކަމެއް ސިއްރުކޮށްލާ އަނެއްކާ ވެސް އިހުގެ ދިރިއުޅުމަށް އަހަރެން އެނބުރި ދާން މަސައްކަތްކުރާއިރު އަހަރެންގެ ސިއްރު އަޒާނަށް ފަޅާއަރާފާނެތީއެވެ. ހައިކަލްއަށް އެނގިގެން އަހަރުމެން ދެމީހުން ގުޅުނަކަ ނުދޭނެއެވެ. އަޒާން އަހަންނަށް ދިނީ އުފާކުރުވަނިވި ޚަބަރެކެވެ. ރޭވުމުން ރަންކިޔަން މީހަކު ފޮނުވާނެ ކަމަށެވެ. އަހަރެންގެ ހިތް ހީވީ އެތަކެއްހާސް އަހަރުތަކަކަށްފަހު ހިނިތުންވެލިހެނެވެ. މުޅި ހަށިގަނޑަށް އެ ހިނިތުންވުމާއި ހިތްހަމަޖެހުމުގެ އަސަރު ފެތުރިގެންދިޔައެވެ. އަހަރެން އެތަކަށް ދުވަހަކަށްފަހު ރީތިވެލީމެވެ. އިސްތަށިގަނޑުގެ ދެފަރާތަށް ދަތްޗެއް ޖެހުމަށްފަހު ހިފަހައްޓާލީމެވެ. މަޑުމަޑު ރީނދޫކުލައާއި މަޑުނޫކުލައާ ގުޅުވާލާފައިވި ހެދުމެއް ލީމެވެ. ދޯފައްޓާ ކަރަށް އެއްލުމުގެ ކުރިން ސެންޓު ޖަހާލީމެވެ. އަޒާން އަހަންނަށް ދިން ނޫކުލައިގެ ތަނޑިބައި އަޅާލީމެވެ. އިނގިލީގައި އަޒާންގެ އަނގޮއްޓިއަޅާލީމެވެ. ބޭއިޚްތިޔާރުގައި ކަރުގައިވި އަޒާންގެ ހަނދާނުގައި މަޑުމަޑުން އަތްލެވުނެވެ. ލޯގަނޑު ކުރިމަތީ އޭރު ހުރީ އަޒާންގެ މިންނުއެވެ. ކުރީގެ މިންނުއެވެ. އަހަރެންގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވެގެން ދިޔައީ އަޒާނަށް އެވަގުތު ލޯގަނޑު ކުރިމަތީ ހުރި މިންނު ފެނިއްޖެނަމަ ކުރާނޭ ލާނެތް ސަމާސާތަކުންނެވެ. އެ ދުލުން އިވޭނޭ ލޯބީގެ ބަސްތަކުންނެވެ.

އުފަލުން ހުރެ ގެއިން ނުކުތީ މެންދުރު ފަސްވެ ތިނެއްޖަހަން އުޅެނިކޮށެވެ. ހޮސްޕިޓަލާ ހަމައަށް ދެވެންދެން ވެސް އަހަންނަށް ހީވަނީ އަޒާންގެ އަޑު އިވޭހެނެވެ. ރަންކިޔަން މީހުން ފޮނުވާނެ ވާހަކަ ބުނުމުން އެއްވެސް ކަމަކާ ނުލާ ވެސް ހިނިތުންވެލެވެނީއެވެ. އެހެންވެ އެ އުފާވެރިކަން ފޮރުވަމުން ތިރީ ތުންފަތުގެ އެއްފަރާތުން ދަތްއަޅާލައިގެން ހުރެ ހޮސްޕިޓަލުގެ ތެރެއަށް ވަދެގެން ދިޔައީއެވެ. ރިޕޯރޓްތައް ދޫކުރާ ކައުންޓަރާ ހަމައަށް ދިއުމާއެކު ގިނައިރެއްނުވެ ވަގުތުން ޓެސްޓުގެ ނަތީޖާ ލިބިއްޖެއެވެ. ނަމަވެސް އޭގައިވި އެއްޗެއް ބަލާލުމުގެ ޝައުގުވެރިކަމެއް އޭރަކުނެތެވެ. އަހަރެންގެ ހުންވެސް ފިލާފައިވުމާއެކުއެވެ. ރިޕޯޓު ހިފައިގެން ޑަކްޓަރަށް ދައްކާލަން އަންނައްޗޭ ބުނެފައި އޮތުމުން އަހަރެން މަޑުކުރީ ޑަކްޓަރަށް އެ ރިޕޯޓު ދައްކާލާފައި ނޫނީ ގެއަށް ނުދާށެވެ. އޭރުން އެކަން ވެސް އެ ނިމުނީތާއޭ ހިތަށް އަރާފައެވެ. ޑޮކްޓަރާއި ހަމައަށްދެވުނީ އެތައްއިރެއްގެ ފަހުންނެވެ. ބަލިމީހުންގެ ކިއުދިގުކަމުންނެވެ. އަހަންނަށް ނަންބަރުވެސް ލިބުނީ ހަމަކިރިޔާއެވެ. އެހެންނޫންނަމަ އަނެއްކާ ރިޕޯރޓު ދައްކަން އަންނަންޖެހޭނީ ޖެހިގެން އަންނަދުވަހުންނެވެ.

ޑަކްޓަރ އިންނަވާ ކޮޓަރިއަށް ވަދެވުމާއެކު އޭނާ އަހަރެން އިށީނުމަށް ގޮނޑިދެއްކިއެވެ. އަހަރެންވެސް އަތުގައި އޮތް ރިޕޯރޓު ދިއްކޮއްލީމެވެ. އަހަރެންނަށް ލިބުނު ކުޑަކުޑަ ހިތްހަމަޖެހުން ވެސް އެ ރިޕޯރޓުގައި އޮތް އެއްޗެއްގެ ސަބަބުން ގެއްލިގެންދިޔައެވެ. ޑަކްޓަރުގެ ސުވާލުތަށް އަމާޒުވާން ފެށުމުން އަހަރެން ބިރުގަންނަން ފެށިއެވެ. އަހަރެންގެ ފިރިމީހާ ކޮބާތޯ ސުވާލުކުރިއެވެ. އެހިސާބުން ދޮގުހަދަން މަޖުބޫރުވެއްޖެއެވެ. އޭނާ އަހަންނަށް ވަރަށް ގިނަ އިރުޝާދުތައް ދިނެވެ. އަހަރެންގެ އުޅުން ގެންގުޅެންޖެހޭނެ ގޮތާއިމެދުއެވެ. އަހަރެންގެ ބަރުދަން މާބޮޑަށް ލުއިވުމަކީ މައްސަލައަކަށް ވެދާނޭ ކަމެވެ. ރަނގަޅު އެއްޗެހި ކާންޖެހޭނޭކަން ބުންޏެވެ.

ޑަކްޓަރު ދިނީ އަންހެނަކަށް ލިބޭނެ އެންމެ އުފާވެރި ޚަބަރެވެ. އެކަމަކު އަހަންނަށް ހީވީ ހޮނުގުގުރިއއެއްހެންނެވެ. ބިންގަނޑު ފަޅައިގެންގޮސް އަހަރެން އެދޭތެރެއަށްލާ ފޮރުވާލާނެ ނަމައޭ ހިތަށްއެރިއެވެ. އެހެން ހިތަށް ނާރަންވީ ކީއްވެހެއްޔެވެ. އަހަރެން މި އިނީ ދަރިއަކަށް ބަލިވެއެވެ. އަހަރެންގެ ލޮލުން ކަރުނައައުމާއެކު ޑޮކްޓަރ އަހަރެންގެ ބުރަކަށީގައި ފިރުމާލިއެވެ. އެ ޚަބަރު ލިބުމުން ކިތަންމެ އަންހެނެއްގެ ލޮލުން ކަރުނަ އަންނަކަމުގައި އޭނާ ބުންޏެވެ. އަދި އަހަރެންގެ ކައިރިން އަވަހަށް ފިރިމީހާއަށް މިއުފާވެރި ޚަބަރު ދިނުމަށް އެދުނެވެ. އަދި ވީހާ ވެސް އަވަހަކަށް އަންހެނުންގެ ޚާއްޞަ ޑަކްޓަރަކަށް ދެއްކުމަށް ލަފާ ދިނެވެ. ބަލިއިންކަމުގެ ތަހުނިޔާ ކިޔެވެ. އަހަރެންގެ ދެ ލޮލުން ފެންނަ ބިރުވެރިކަމެއް ޑަކްޓަރަކަށް ނަގައެއްނުގަނެވުނެވެ. (ނުނިމޭ)