ދުނިޔެ

ސައުދީގެ އަމިއްލަ މީހުންގެ ކުންފުނިތަކުގެ ކޮރަޕްޝަންތައް ބެލޭނެ ބާރުދެނީ

އަމިއްލަ ކުންްފުނިތަކުގައި ހިންގާ ފަސާދައިގެ އަމަލުތައް ވެސް ތަހުގީގުކޮށް ފިޔަވަޅު އެޅޭ ގޮތަށް ސައުދީ އަރަބިއްޔާގެ 'ރިޝްވަތު މަނާކުރާ ގާނޫނު' ބަދަލުކުރަން އެގައުމުގެ ޝޫރާ ކައުންސިލަށް ހުށަހަޅައިފި އެވެ.

އަރަބް ނިއުސް ބުނީ ޝޫރާ ކައުންސިލުގެ ސަލާމަތީ ކޮމިޓީން ދިން ލަފަަޔަކާ ގުޅިގެން އެ ގާނޫނު ބަދަލު ކުރުމާ މެދު އަންނަ ހަފުތާގައި ބަހުސް ކުރާނެ އެވެ. އަދި ބުނީ ގާނޫނަށް ގިނަ އިސްލާހުތަކެއް ގެންނަން ހުށަހަޅާފައިވާ އެ ހުށަހެޅުމަކީ 14 މަސް ދުވަސް ކުރިިން ހުށަހަޅާފައިވާ ހުށަހެޅުމެއް ކަމަށެވެ.

ރިޝްވަތު މަނާކުރާ ގާނޫނެއް ސައުދީގައި ހެދީ 27 އަހަރު ކުރިންނެވެ. އެގާނޫނުގެ ދަށުންް ކުރިން ފިޔަވަޅު އެޅެނީ ސައުދީ ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުގައި މަސައްކަތް ކުރާ މީހުންނާ ދެކޮޅަށެވެ. އަމިއްލަ ކުންްފުނިތައް އެގާނޫނުގެ ތެރެއަށް ވަންދަން ހުށަހެޅުއްވި މެމްބަރުން ވިދާޅުވެފައި ވަނީ އަމިއްލަ ކުންފުނިތަކުގައި ހިނގާ ފަސާދައިގެ އަަމަލުތަކުން ވެސް އާޚިރުގައި ގެއްލުން ވަނީ ދައުލަތަށް ކަމަށެވެ.

ރިޝްވަތާ ބެހޭ ގާނޫނު ބަދަލުކުރަން މަސައްކަތް ފަށާފައި މިވަނީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އިސްވެ ހުންނަވާ އުފެއްދެވި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ އާ ކޮމިޝަނުން ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވާ ދަނޑިވަޅެއްގައެވެ. އެކޮމިޝަނުން ވަނީ ޝާހީ އާއިލާގެ މުހިންމު 11 ބޭފުޅަކާއި ސަރުކާރުގެ ބައެއް އިސްވެރިން ހައްޔަރުކޮށް ހިޔާނާތާ ގުޅޭ ތަހުގީގެއް ފަށައިފަ އެވެ.

އެކަމުގެ ތެރޭގައި ބައެއް އަމީރުން އަވަހާރަވި ކަމަށް ހަބަރު ވަނީ ފެތުރިފައެވެ. އެ ފިޔަވަޅަކީ ރަސްގެފާނު ސަލްމާން ބިން އަބުދުލް އަޒީރު އަލް ސައުދުގެ ދަރިކަލުން އަދި ވަލީ އަހުދު މުހައްމަދު ބިން ސަލްމާނުގެ ބާރު ގަދަކުރެއްވުމަށް އެޅި ފިޔަވަޅުތަކެއް ކަަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން އަންނަނީ ބުނަމުން އެވެ.

ސައުދީ ޝާހީ އާއިލާގައި 7000 އަށް ވުރެ ގިނަ މެމްބަރުން ތިބޭ އިރު އޭގެ ތެރެއިން ގިނަ ބޭފުޅުންނަކީ އަމިއްލަފުޅު ވިޔަފާރިތައް ކުރައްވާ ބޭފުޅުންނެވެ.

އެކަމާ ގުޅިގެން ސައުދީގެ ޝާހީ އާއިލާ އާއި ގަލްފް ސަރަހައްދަށް ވަނީ ބޮޑު ހަލަބޮލިކަމެއް ކުރިމަތިވެފަ އެވެ.