ލުބުނާނުގެ ކުރީގެ ބޮޑުވަޒީރު ސައުދު އަލް ހަރީރީ ސައުދީ އަރަބިއްޔާގައި ހުންނެވީ ބަންދުކޮށްފައި ކަމަށް ލުުބުނާނުން ތުހުމަތު ކޮށްފިއެވެ.
ސައުދީން ބޮޑު މަދަދެއް ލިބިވަޑައިގަންނަވާ ހަރީރީ ބޮޑުވަޒީރުކަން ދޫކޮށްލެއްވިކަން ވެސް ލުބުނާނުން އަދި ގަބޫލެއް ނުކުރެއެވެ.
ރޮއިޓާސް ބުނީ ހަރީރީ ސަލާމަތް ކުރުމަށް ސައުދީއަށް ފިއްތުންތައް ކުރިމަތިކޮށްދޭން އަރަބި ގައުމުތަކުގައި ލުބުނާނުން އެދޭނެ ކަމަށް އެ އެޖެންސީއާ ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވި ކަމަށެވެ.
ލުބުނާނުގެ ބޮޑުވަޒީރުކަމުން އިސްތިއުފާދެއްވިކަން މިދިޔަ ހޮނިހިރު ދުވަހު ހަރީރީ އިއުލާނު ކުރެއްވީ ހައިރާން ކުރުވަނިވި ގޮތަކަށެވެ. އޭނާ އެކަން އިއުލާނު ކުރެއްވީ ސައުދީގައި ހުންނަވައިގެންނެވެ. އެކަމުގެ ސަބަބުން ލުބުނާނުގައި ބޮޑު ސިޔާސީ މައްސަލަ ގަނޑެއް އުފެދުމުގެ އިތުރުން ސައުދީއާއި އީރާނާ ދެމެދު ހިނގާ އަރައިރުމުގެ މެދަށް ލުބުނާނު ވަނީ ވެއްޓިފައެވެ.
ހަރީރީ ބަންދުގައި ހުންނެވި ކަމަށް ދެކެވޭ ވާހަކަ ސައުދީ ސަރުކާރުންނާއި އޭނާގެ އެހީތެރިން ދޮގު ކުރެއެވެ. ނަމަވެސް އެކަން ދޮގު ކުރައްވައި ހަަރީރީ އަމިއްލަފުޅަށް އެއްވެސް ބަޔާނެއް އަދި ނުނެރުއްވައެވެ.
" ލުބުނާނުން އުޅެނީ ބޮޑުވަޒީރު ސައުދު އަލް ހަރީރީ ދޫކޮށްލަން ސައުދީ އަށް ފިއްތުންތައް ކުރިމަަތިކުރަން އަރަބި ގައުމުތަކުގެ ކިބައިން އެދެން،" ސަރުކާރުން ރަސްމީކޮށް އަދި އިއުލާނު ނުކުރާތީ ނަންް ހާމަ ކުރަން ބޭނުން ނުވާ އޮފިޝަލަކު ބުނި ކަމަށް ރޮއިޓާސްގެ ހަބަރުގައި ވއެވެ.
އޭަނާ ބުނެފައި މިނިވަންކަން ނަގާލާފައި ސައުދީގެ ވެރިރަށް ރިޔާޒުގައި ހަރީރީ ބެހެއްޓުމަކީ ލުބުނާނުގެ ސިޔާދަތަށް ދިން ހަމަލާއެއް ކަމަށެވެ.
"އަހަރެމެންގެ ޝަރަފަކީ އޭނާގެ ޝަރަފު،" އޮފިޝަލް ބުނި ކަމަށް ހަބަރުގައި ވެއެވެ.
ސައުދާއި އޭނާގެ ބައްޕާފުޅު ރަފީގު ހަރީރީއަކީ ސައުދީގެ ރަށްވެހިކަން އޮންނަ، އެގަމުގެ މަދަދު ވަރަށް ބޮޑަށް ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ. ރަފީގުލް ހަރީރީ ވަނީ ކުރިން އަވަހާރަވެފައެވެ.
ލުބުނާނުގައި އަޣުލަބިއްޔަތު އޮންނަނީ ޝިޔައީންނަށް ކަމަށް ވިޔަސް ސުންނީ އާއިލާއެއް ކަމަށްވާ ހަރީރީ އާއިލާއަށް އެގައުމުގެ ސިޔާސީ ދާއިރާގައި ބާރު ހޯދައިދިނީ ސައުދީންނެވެ. ސައުދީން ވަނީ ދާފި ފަހުން ހަރީރީގެ ސަރުކާރަށް އެއް ބިލިޔަން ޑޮލަރުގެ ހަތިޔާރު ދިނުމަށް އެއްބަސް ވެފައެވެ.
ކޮރަޕްޝަނާ ދެކޮޅަށް ކަމަާށް ބުނެ ސައުދީ ސަރުކާރުން ވަނީ މިދިޔަ ހޮނިހިރު ދުވަހު ޝާހީ ހާންދާނުގެ އެތައް ބޭފުަޅުންނަކާއި ބައެއް ވަޒީރުން ހަައްޔަރުކޮށްފައެވެ. އެކަމުގެ ތެރޭގައި ބައެއް އަމީރުން އަވަހާރަވި ކަމަށް ހަބަރު ވަނީ ފެތުރިފައެވެ. އެ ފިޔަވަޅަކީ ރަސްގެފާނު ސަލްމާން ބިން އަބުދުލް އަޒީރު އަލް ސައުދުގެ ދަރިކަލުން އަދި ވަލީ އަހުދު މުހައްމަދު ބިން ސަލްމާނުގެ ބާރު ގަދަކުރެއްވުމަށް އެޅި ފިޔަވަޅުތަކެއް ކަަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.