ދުނިޔެ

ޒުވާން މުހައްމަދާއެކު ސައުދީ ވެއްޓޭނީ އަނދަވަޅަކަށް؟

މިއަހަރުގެ އޮގަސްޓް މަހު 32 އަހަރު ފުރުނު މުޙައްމަދު ބިން ސަލްމާން ގެންދަވަނީ އޭނާއާ ދެކޮޅު އެންމެން ހައްޔަރު ކުރައްވަމުންނެވެ. ސައުދީ އަަރަބިއްޔާގެ ވަލީ އަހުދުގެ ހައިސިއްޔަތުން އޭނާއާ ދެކޮޅު މީހުން ގޮޅި ގޮޅިއަށް ލެއްވުމުގައި އެންމެ ފަހުން ކައްސަވައިލެއްވީ އަމިއްލަފުޅު ޝާހީ އާއިލާގެ އެތެރެއެވެ.

ފާއިތުވި ހަފްތާ ބަންދުގައި އަމީރު މުހައްމަދުގެ އަމުރަށް 11 އަމީރަކާއި ވަޒީރުންތަކަކާއި ވިޔަފާރިވެރިންތަކެއް ވަނީ އެއް ފަހަރާ ހައްޔަރުކޮށްފައެވެ. އެއީ ޚިޔާނާތާ ފަސާދައާ ދެކޮޅަށް އެޅި ފިޔަވަޅެއް ކަމަށް ސައުދީ ސަރުކާރުން ސިފަކުރިޔަސް މަޝްރަހު ދިރާސާ ކުރާ މުހައްްލިލުން އެކަން ގަބޫލެއް ނުކުރައްވައެވެ. އެބޭފުޅުން ގަބޫލުކުރައްވަނީ އެއީ މުހައްމަދުގެ އަތްޕުޅަށް ބާރުތައް ޖަމާކުރެއްވުމަށް އެޅުއްވި ފިޔަވަޅެއް ކަމަށެވެ.

" ސަރުކާރާއި ވިޔަފާރީގައި އުޅޭ ކޮންމެ މީހަކާ ދެކޮޅަށް ވެސް ކޮރަޕްޝަނުގެ ދައުވާ ކުރެވިދާނެ. މިކަން މިފެންނަނީ އެމްބީއެސް ( އަމީރު މުހައްމަދު)ގެ އިހުތިޔާރާ ބާރު ގަދަ ކުރައްވައި ގޮން ޖަހާ ފަރާތްތައް ނައްތަވައިލެއްވުމުގެ ފަހު ފިޔަވަޅެއް ކަމަށް،" އެމެރިކާގެ ޖޯޖް ޓައުން ޔުނިވާސިޓީގެ ޕްރޮފެސަރު ކޮލިން ކާލް ވޮކްސް އަށް ވިދާޅުވެފައި ވެއެވެ.

ޕްރޮފެސަރް ކާލް އަކީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރުގައި މެދު އިރުމައްޗަށް ހާއްސަކޮށްފައި ހުންނަވާ އެސިސްޓެންޓް ޑިފެންސް ސެކްރެޓަރީގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ.

އެންމެ ފަހުން މިއެޅުއްވި ފިޔަވަޅުތަކަކީ މިދިޔަ ޖޫން މަހު މުހައްމަދު އަޅުއްވަން ފެއްޓެވި ފިޔަވަޅުތަކުގެ ސިލްސިލާގައި ހިމެނޭ ފިޔަވަޅު ތަކެކެވެ. ޖޫން މަހު އެ ސިލްސިލާ ފެއްޓެވީ ވަލީ އަހުދު ކަމުގެ މަގާމު ހޯއްދަވައި، ބައްޕާފުޅު ސަލްމާން ބިންް އަބުދުލް އަޒީޒު އަލް ސައުދުގެ ރަސްކަމުގައި ދެން އޮތް ދުވަސްތަކުގައި ސިޔާސަތު ކަނޑައަޅާ މޭސްތިރިއެއްގެ މަގާމު ކަށަވަރު ކުރެއްވުމަށެވެ.

އެކަމުން ހާސިލުކުރައްވަން އުޅުއްވާ ލަނޑުދަނޑިއަކީ ސައުދީ އަރަބިއްޔާގެ މުޅި ސިޔާސީ މަޝްރަހު އެހެން ގޮތަކަށް ބައްޓަން ކުރެއްވުމެވެ. ކުރިން އޮތް ގޮތަކީ އެގައުމުގެ ބާރުތައް ޝާހީ އާއިލާގެ ގިނަ ބަޔަކާއި ދީނީ އިލްމުވެރިން ހިއްސާ ކުރާ ގޮތަށް އޮތުމެވެ. މުހައްމަދު ބައްޓަން ކުރައްވަން އުޅުއްވަނީ އެ ހުރިހާ ބައެއްގެ ހިއްސާ މުޅިން ނައްތަވައިލައްވާ ހުުރިހާ ބާރެއް ރަސްގެފާނުގެ އަތްޕުޅުގައި އޮންނަ ގޮތަށެވެ.

މުހައްމަދުގެ ބާރު ގަދަވުމުން ވާނީ ކިހިނެތް؟

މުހައްމަދުގެ ބާރާ ނުފޫޒު ގަދަވުމުން ވާނީ ރަނގަޅެއްކަން ނުވަތަ ގޯހެއް ކަމަށް ކަނޑައެެޅޭނީ އެކި ދާއިރާތަކަށް ވަކި ވަކިން ބަލައިގެންނެވެ. ސައުދީ އަރަބިއްޔާގެ އެތެރޭގައި އޭނާ އަޅުއްވާ ފިޔަވަޅުތަކަށް ބަލާ ނަމަ އެއީ ހުޅަނގުގެ ގައުމުތަކާއި އެމީހުންނަށް ތަބާވާ މީހުން ރުހޭނެ ފިޔަވަޅުތަކެކެވެ. އެމީހުން ބަލަނީ އެއީ އިސްލާހީ ފިޔަވަޅުތަކެއް ކަމަށެވެ. އެގޮތުން ފާހަގަ ކުރާ ކަންތައްތަކަކީ ދީނީ އިލްމުވެރިންގެ ބާރު ކަނޑުވާލައި، ސައުދީގައި މުޖުތަމައުގައި ދީނީ އަދި އިގުތިސާދީ ގޮތުން ހުރި ހިފެހެއްޓުންތައް ނައްތައިލުމެވެ.

އަންހެން ކާރު ދުއްވަން ހުއްދަ ދިނުމާއި ސްޓޭޑިއަމްތަކަށް ވަނުމަށް ހުއްދަ ދިނުމަކީ އެފަދަ ކަމެކެވެ. ހަމަ އެކަނި ތެލަށް ބަރޯސާ ކުރާ އިގުތިސާދެއްގެ ގޮތުގައި އޮތް ސައުދީ އިގުތިސާދަށް އިތުރު ސިނާއަތްތައް ތައާރަފް ކުރުމަށް ކުރާ މަސައްކަތަކީވެސް އެފަދަ ކަމެކެވެ.

އެކަމަކު ހާރިޖީ ސިޔާސަތަށް ބަލާ ނަމަ ފެންނަނީ ފަނާ ކުރަނިވި އަމަލުތަކެވެ. އަރަބި ދުނިޔޭގެ އެންމެ ފަގީރު ގައުމުގެ ގޮތުގައި ހަނގުރާމައިގެ ކުރިން ވެސް އޮތް ޔަމަނަށް ހަދަމުންދާ ގޮތަކީ އޭގެ މިސާލެކެވެ. ޔަމަނުގެ ހޫސީ ހަނގުރާމަވެރިން އެގައުމުގެ ވެރިކަން ވައްޓައި ލުމުން އޭެރު ހުންނެވި ރައީސް އަބުދުއް ރައްބު މަންސޫރު ހާދީ ގެންދިޔައީ ސައުދީ އަރަބިއްޔާއަށެވެ. އަދި އޭނާގެ ސަރުކާރަކީ އަދިވެސް ޔަމަނުގެ ގާނޫނީ ސަރުކާ ކަމަށް ބަލައި، ސައުދީން ވަނީ ހަނގުރާމައިގެ ތެރެއަށް ވަދެފައެވެ.

ހަނގުރާމައިގައި ގޮތެއް ފޮތެއް ނުބަލައި ބޮން އެޅުމާއި ހިސާރު ކުރުމުގެ ސަބަބުން ޔަމަނު ވަނީ ބަނޑަށް ޖެހިފައެވެ. ހަނގުރާމައިގެ ސަބަބުން މަރުވި އާއްމުންގެ އަދަދު 10000 އަށް ވުރެ މަތިވެފައި ވާއިރު ހައިހޫނުކަން ވަނީ އާއްމުވެެފައެވެ. ބޭރަށް ހިންގުމުގެ ނުރައްކާތެރި ބާވަތެއް ކަަމށްވާ ކޮލެރާ ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ800000 އަށް ވުރެ މަތިވެފައެވެ.

އަވަށްޓެރި އަދި ޖީސީސީގެ މެމްބަރު ގައުމެއް ކަމަށްވާ ގަތަރާ ދެކޮޅަށް ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. ޝިޔައީން ވެރިކަން ކުރާ އީރާނުގެ ނުފޫޒު ގަދަވާތީ އަޅާ އެ ސިލްސިލާ ފިޔަވަޅުތަކުގެ ތެރެއިން އެންމެ ފަހުން އެޅި ފިޔަވަޅަކީ ލުބުނާނުގެ ސިޔާސީ މަޝްރަހު ހަލަބޮލި ކުރުމެވެ. އެގޮތުން ސައުދީން ބާރު އަޅައިގެން އެގައުމުގެ ބޮޑުވަޒީރު ސައުދު އަލް ހަރީރީ ވަނީ މަގާމު ދޫކޮށްލައްވާފައެވެ. އެކަން ކުރީ އޭނާ ހައްޔަރުކޮށްގެން ގަދަ ކަމުން ކަމަށް ވެސް އަޑު ފެތުރެއެވެ. ބޭނުމަކީ އެގައުމުގައިވާ އީރާނުގެ މަދަދު ލިބޭ ޓެރަރިސްޓް ޖަމާއަތެއް ކަަމަށްވާ ހިޒްބުﷲ އާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމެވެ. އޭރުން އެ ފެށެނީ އަނެއްކާ އަނެއް ހަނގުރާމައެވެ.

ނަތީޖާއަކަށް ވާނީ؟

ބާރާއި ނުފޫޒު ހޯއްދެވުމަށް މުހައްމަދު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުން، ހާއްސަކޮށް ޝާހީ ޚާންދާނުގެ ބޭފުޅުންނާ ދެކޮޅަށް އަޅުއްވާ ފިޔަވަޅުތަކަށް ލަހުން ނަމަވެސް ރައްދެއް އަންނާނެކަން ޔަގީނެވެ. އެގޮތުން ޔަގީންވާ ކަމަކީ ކައިރި މުސްތަގުބަލެއްގައި ސައުދީ އަރަބިއްޔާގެ އެތެރެއިން ހަމަ ނުޖެހުމެއް އުފެދޭނެ ކަމެެވެ. އޭރުން މުހައްމަދަށް ވެސް ކުރިމަތި ވާނެ ކަމަށް ބެލެވެނީ ވާނުވާ އެނގިވަޑައި ނުގަންނަވާ ހާލަތެކެވެ.

"ސައުދީ އަރަބިއްޔާގެ ރަސްކަން އޮތީ ހަތަރުއަނގޮޅި ކަންމަތީގައެވެ. ތެލުގެ އަގު ދަށުގައި ހުންނަތާ ގިނަ ދުވަސްތަކެއް ވެ، އިގުތިސާދީ ދުވެލި އޮތީ މަޑުުޖެހިފައެވެ. ޔަމަނު ހަނގުރާމައަށް ބިލިޔަނުން ހަރަދުވަމުން ދާއިރު އެހަނގުރާމައިގެ ކޮޅެއް މެދެއް ފެންނާކަށް ނެތެވެ. ގަތަރާ ދެކޮޅަށް އެޅި ހިސާރުގެ ފިޔަވަޅުތައް ވީ ނާކާމިޔާބެވެ. ސޫރިޔާއާއި އިރާގާއި ލުބުނާނުގައި އީރާނުގެ ނުފޫޒު އޮތީ ވަރަށް ވަރުގަދަ ކޮށެވެ،" ބްރޫކިންސް އިންސްޓްޓިއުޓްގެ ސައުދީ އަރަބިއްޔާގެ ކަންތައްތައް ދިރާސާ ކުރައްވާ މާހިރެއް ކަމަށްވާ ބްރޫސް ރީޑުލް އަލް މޮނިޓާގައި ލިުއްވާފައި ވަނީ މިހެންނެވެ.

އޭނާ ލިއުއްވާފައި ވެއެވެ. " މިއީ ސައުދީ ތާރީހުގައި ބައި ގަރުނެއްހާ ދުވަހުގެ ތެރޭގައި އައި އެންމެ ނާޒުކު ، ޚައްސާސް ދުވަސްތަކެވެ،"