ފިނިޕޭޖް

ދޮން އައްޔަ ވިދާލައިފި، އަންނަ އަހަރުވެސް ބިޒީ

އަލީ އާޒިމް (ދޮން އައްޔަ)ގެ ވާހަކަ އަކީ މިދިޔަ އަހަރު ތަކުގައި ފިލްމީ ދާއިރާގައި މާ ގަދަ އަޑެއް ނޫނެވެ. ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން ފިލްމީ ދާއިރާގައި ހަރަކާތްތެރިވި ނަމަވެސް ގިނަ ބައެއްގެ ލޮލުގައިވެސް އައްޔަ އަޅައިގަންނަން ފެށީ މިދިޔަ އަހަރު ތެރޭގަ އެވެ. މިއަހަރު އައްޔަގެ ގިނަ ފިލްމެއް ވަނީ ކުޅެފަ އެވެ. ސަޕޯޓިން ރޯލުތަކުންނެވެ.

މިދިޔަ އަހަރު ތަކުގެ ތެރޭގައި ނުކުތް ބައެއް ފިލްމުތަކުގެ ލީޑް ރޯލުވެސް އައްޔަ ކުޅުނެވެ. އެހެންނަމަވެސް އެ ފިލްމުތައް ފްލޮޕްވީ އެވެ. ގިނަ މީހުންގެ ނަޒަރު އައްޔައަށް ނުހުއްޓުނު ސަބަބަކީ އެއީ އެވެ. އައްޔަގެ އެކްޓިންވެސް އޭރު ރަނގަޅު ނޫނީ އެވެ. އެހެން ނަމަވެސް މި އަހަރުގެ ތެރޭގައި ނުކުތް ފިލްމުތަކުން އައްޔަވެސް މިވަނީ ވިދާލާފަ އެވެ. އެ ފިލްމުތަކުން އެންމެ ބޮޑު ކާމިޔާބެއް ހޯދި ތަރި އަކީ އައްޔަ އޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

އައްޔަ ފެނިގެން ދިޔަ ފިލްމު ތަކުގެ ތެރޭގައި ނޯޓީ ފޯޓީ، ހައްދު، ބޮސް ހިމެނެ އެވެ. އެ ފިލްމުތަކުންވެސް އެންމެ ގިނަ ބަޔަކަށް އައްޔަ އަޅައިގަތީ ހައްދުގައި އައްޔަ ކުޅެފައި އިން "ހަމްޒާ"ގެ ރޯލެވެ. ގިނަ ބަޔަކު އައްޔަގެ އެކްޓިން އަށް ތައުރީފް ކުރަން ވަނީ ފަށާފަ އެވެ. ނޯޓީ ފޯޓީ އަދި ބޮސް ގައިވެސް އައްޔަގެ އެކްޓިން ވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފަ އެވެ.

އެ ކާމިޔާބީ ތަކާއެކު އަންނަ އަހަރު އައްޔަ ލީޑު ރޯލުން ފެނިގެންދާ ދެ ފިލްމާ ސަޕޯޓިން ރޯލުތަކުން ފެންނަ ތިން ފިލްމެއް ފެންނާނެ އެވެ. އޭގެ ތެރޭގައި، "ދެވަންސޫރަ"، "ހައްޔަރު" އަދި ނޯޓީ ފޯޓީގެ ދެވަނަ ބައި "40 ޕްލަސް" ހިމެނެ އެވެ. އެހެން ފިލްމުތައް އަދި އިއުލާނެއް ނުކުރެ އެވެ. އަހަރުގެ މެދާ ހަމައަށް އައްޔަގެ ޝެޑިއުލް ބިޒީ އެވެ. އެހެން ވީމަ އަންނަ އަހަރު އެންމެ ގިނައިން ފެންނާނެ މޫނަކަށް އައްޔަ ވެގެންދާނެ އެވެ.

"40 ޕްލަސް" ވެގެންދާނީ އައްޔަގެ ފިލްމީ ކެރިއަރުގެ ބޮޑު ފިލްމަކަށްކަން ޔަގީނެވެ. އެއީ ލީޑް ރޯލުން އައްޔަ ފެނިގެން ދިއުމުގެ އިތުރުން ފިލްމުގައި އެހެން ތަރިންނަށް ދޭ އަގަށްވުރެ ބޮޑު އަގެއް އައްޔައަށް ދޭން ނިންމާފައިވާތީ އެވެ.

"40 ޕްލަސްގައި އައްޔަގެ ރޯލު ބޮޑުވާނެ، މުޅި ފިލްމު އިންނާނީ އައްޔަގެ ސައިޑުން ގެނެސްދޭ ގޮތަށް، އެއީ އައްޔަގެ އެކްޓިން ނޯޓީ 40 ގައި ވަރަށް ބޮޑަށް އާންމުންނަށްވެސް ކަމުގޮސްފައި އޮތީ، އެހެންވެ އާ އެކީގައި،" 40 ޕްލަސްގެ ޕްރޮޑިއުސަރު އިސްމާއިލް ޝަފީގު ބުންޏެވެ.

އައްޔަ އަކީވެސް އެކްޓު ކުރެވިދާނެ އަދި މި ދާއިރާގައި މުސްތަގްބަލް އޮތް ޒުވާނެއްކަން އައްޔަ މިވަނީ ސާބިތުކޮށްދީފަ އެވެ. މީގެ ކުރިން އައްޔަ ކުޅުނު ފިލްމުތަކުގައި އޭނާގެ އެކްޓިން އިމްޕްރޫވް ކުރަން މާބޮޑު މަސައްކަތްތަކެއްވެސް ނުކުރެ އެވެ. މިއީ އައްޔަ އެއްބަސްވާ ކަމެކެވެ.

"ކުރިން އަސްލު އެހާ މަސައްކަތެއް ނުކުރަން އައްޔަގެ އެކްޓިން ރަނގަޅު ކުރާކަށްވެސް، އެކަމަކު މިހާރު އައްޔަ ބަލަން ވީހާވެސް ބޮޑަކަށް އިމްޕްރޫވް ކުރެވޭތޯ،" އައްޔަ ބުންޏެވެ.

ސަޕޯޓިން ރޯލުތަކުން އައްޔަ ފެންނަ އިރުވެސް އޭނާ ކުޅޭ ކެރެކްޓާތައް ތަފާތެވެ. އައްޔަ އަށް މިހާރު ކޮންމެ ރޯލެއްވެސް ކުޅެވޭނެ ކަމަށް އައްޔަ ބުންޏެވެ. އެހެން ނަމަވެސް ރޯން ޖެހުމަކީ އައްޔައަށް ފަސޭހަ ކަމެއް ނޫނެވެ. އެހެން ނަމަވެސް އައްޔަ އަކީ މިހާރުގެ ގިނަ ޕްރޮޑިއުސަރުން ކަމަށްވާ ޔޫސުފް ޝަފީއު، ފަތިމަތުހު ނަހުލާ، ޝަފީގު އަދި އަބްދުލް ފައްތާހުމެން ފަދަ ޕްރޮޑިއުސަރުންގެ އިތުބާރު ހޯދާފައިވާ ތަރި އެކެވެ. އަދި ސީނިއާ ތަރިންގެ މެދުގައިވެސް އައްޔަ މިހާރު މަގުބޫލެވެ. އެހެން ކަމުން އައްޔަގެ ހުރިހާ ޝުކުރެއް ދޫކޮށްލަނީ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން އަދި އެކުގައި މަސައްކަތް ކުރި އެހެން ތަރިންނަށެވެ.

އައްޔަގެ ކާމިޔާބުގެ ތަރި މިވަނީ ފިޔަޖަހަން ފަށާފަ އެވެ. ފިލްމީ ދާއިރާގައި ލީޑު ރޯލުން ފެނިގެންދާ މަދު ފިރިހެން ތަރިންގެ ލިސްޓަށް އައްޔަގެ ނަންވެސް މިވަނީ އިތުރު ވެފަ އެވެ. އެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ޖުމައްޔިލް ނިމާލެވެ.