ހަބަރު

ޒަމީރު ގަބޫލުނުކުރާ ކަންކަން ރައީސްގެ އެންގުމަށް ކުރިން: އަމީތު

ސަރުކާރު ދިފާއުކޮށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވާ ގޮތަކަށް ޕީޕީއެމްގެ މެންބަރުން އަމަލު ކުރަމުން ދާއިރު އެ މެންބަރުންގެ އަގު ވަޒަން ނުކުރާ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ އިދިކޮޅު ފަރާތްތަކުން ރ. މަޑުއްވަރީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަމީތު ވިދާޅުވީ އޭނާ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހުންނެވިއިރު ރައީސް ޔާމީން ބޭނުންފުޅުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގައި ކަންކަން ނިންމަމުން ދިޔަ ކަމަށާއި އެކަންކަމަކީ އަމިއްލަ ޒަމީރު ގަބޫލު ނުކުރާ ކަންތައްތައް ނަމަވެސް ރައީސް ޔާމީންގެ ބަސް ގަބޫލުކޮށް އަމަލުތައް ބަހައްޓާފައިވާނެ ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނު މެންބަރުންގެ އަގު ވަަޒަން ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑު މަޖިލީހުގައި ސަރުކާރު ދެމެހެއްޓުމަށްޓަކައި ވަރަށް ގިނަ މަސައްކަތް ކުރިން، ރައީސް ޔާމިން ބޭނުންވެގެން އަޅުގަނޑުމެންގެ ޒަމީރު ގަބޫލުނުކުރާ ވަރަށް ގިނަ ކަންކަން އެ މަޖިލީހުގައި ކުރިން، ކޮން ކަހަލަ ކަންތައްތަކެއްތޯ، އެކިއެކި ގާނުނު ތަކަށް ވޯޓު ދިނިން، އަމިއްލަ އަތުން އަޅުގަނޑުމެން އިންތިހާބުކުރި ނައިބު ރައީސަކު ވަކި ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ވަކި ކުރިން، ރައީސް ޔާމީނަށްޓަކައި އެ މަޖިލީހުގެ ތެރޭގައި އަޅުގަނޑުމެން ނުކުރަނީ ކޮން ކަމެއްތޯ، މިކަންކަން އަޅުގަނޑުމެން ކޮށްދެމުން ދަނިކޮށް ރައީސް ޔާމީން ކުރެއްވި މަސައްކަތަކީ ނުހައްގުން ޝަރީއަތް ކޮށް ނުހައްގުން ހުކުމްކޮށް މީހުން ޖަލަށްލާ އަނިޔާވެރިވާން ފެށީ، އޭރުވެސް ޔާމީން ވިދާޅުވި ކަންކަން މަޖިލީހުގައި ކޮށްދެމުން ދިޔައީ،" އަމީތު ވިދާޅުވި އެވެ.

އަމީތު ވިދާޅުވީ ރައީސް ޔާމީން ނުހައްގުން ކުރައްވަމުން ގެންދެވި އަނިޔާތައް ތަހައްމަލް ނުވުމުން އެކަންކަން ހުއްޓާލުމަށް ދެއްކެވި ވާހަކަތަކަށް ރައީސް ޔާމީން ބީރު ކަންފަތެއް ދެއްވުމުން އެމަނިކުފާނާ ދެކޮޅުވާން މަޖުބޫރު ވީ ކަމަށެވެ.

ރައީސް ޔާމީނަކީ ކުލުނާއި ރަހުމު ހުންނަ ބޭފުޅެއް ނޫން ކަމަށާއި ރަހުމު ހުންނަނަމަ ބޭބޭފުޅު މައުމޫން އަބްދުލް ގައްޔޫމްގެ ލަފުގައި ހިއްޕަވާ މަގުމައްޗަށް އެއްލާ ނުލައްވާނެ ކަމަށެވެ. އަދި ބޮޑުބޭބެ ވިދާޅުވާ ބޭފުޅަކު ނުހައްގުން ޖަލަށް ނުލާނެ ކަމަށެވެ. އަމިއްލަ ލެޔަށް ރަހުމު ނެތް ބޭފުޅަކު އެހެން މީހަކަށް ރަހުމު ކުރައްވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އަމީތު ވިދާޅުވި އެވެ.

އަމީތު އިތުރަށް ވިދާޅުވީ ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މަޖިލީހުގެ ގޮނޑި ގެއްލުވާލާ ނުހައްގުން ޖަލަށްލާ، ގޭ ބަންދުކުރި ނަމަވެސް ފަހަތަށް ނުޖެހޭނެ ކަމަށެވެ. މަޑުއްވަރީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވަން ރައީސް ޔާމީން އެހީތެރިވެވަޑައިނުގަންނަވާ ކަމަށާއި އިންތިހާބު ކާމިޔާބު ކުރެއްވުމުން ޝުކުރު ދަންނަވަން ނުގުޅާ ކަމަށްވެސް އަމީތު ވިދާޅުވި އެވެ.

"ތިން އަހަރު ރައީސް ޔާމީނަށް ވީ ގުރުބާނީގެ އަގު ވަޒަނެއް ނުކުރޭ، އަގު ވަޒަން ކުރީ އަޅުގަނޑު ޖަލަށް ލައިގެން،" އަމީތު ވިދާޅުވި އެވެ.

އަނިޔާވެރިކަން މަޑުއްވަރީ ދާއިރާ އާ ބައްދަލުކޮށް ނުހައްގުން ޒުވާނަކު މަރާލާފައިވާކަން އަމީތު ފާހަގަކުރެއްވި އެވެ. އަދި މުހައްމަދު އަނަސް އަށް ސަރުކާރުން އިންސާފު ހޯދައިނުދިން ނަމަވެސް އިންސާފު ހޯދާނެ ކަމަށެވެ.