ހަބަރު

ރައީސް ޔާމީން ބަލިކުރާނީ ގައުމު އިސްކުރާ ވެރިޔެއް ނެރެ: ރިޔާޒު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބަލި ކުރައްވާނީ އަމިއްލަ ޕާޓީއަށްވުރެ ގައުމާއި ރައްޔިތުން އިސް ކުރައްވާ ވެރިއަކު މެދުވެރިކޮށް ކަމަށް ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ އިދިކޮޅު ފަރާތްތަކުން ރ. މަޑުއްވަރީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ ރައްޔިތުން ބޭނުންވަނީ އިންސާފާއި ތަރައްގީ ކަމަށާއި ކޮރަޕްޝަނާއި ފަސާދަ އާއި ޝަރީއަތަށް ބާރުފޯރުވާ ވެރިއެއް ނޫން ކަމަށެވެ.

ރައީސް ޔާމީންގެ އަމަލުތައް ހުންނަނީ 19 ވަނަ ގަރުނުގެ ބައެއް ވެރިންގެ އަމަލުތައް ހުރި ގޮތަށް ކަމަށް ރިޔާޒް ވިދާޅުވި އެވެ. އެގޮތުން ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ދެމިތިބި ލީޑަރުންތަކެއް ނުހައްގުން ޖަލަށްލާ ރާއްޖެއިން ބޭރަށް އަރުވާލާފައިވާ ކަމަށެވެ.

"ރައްޔިތުން ބޭނުންވަނީ ތަރައްގީ ވައްކަމެއް ނޫން، ރައްޔިތުން ދެކޮޅޫ ކޮރަޕްޝަނާއި އަނިޔާވެރިކަމާއި، ރައީސް ޔާމީން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ސީދާ 19 ވަނަ ގަރުނުގެ ބައެއް ވެރިން އަމަލު ކުރި ގޮތަށް، ރައީސް ޔާމީން ހަނދުމަފުޅު ނެތުނީ މި ރާއްޖޭގައި މިހާރު އޮތީ ޒުވާން ޖީލެއް، މި ޖީލު ބޭނުންވަނީ އަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު ގައުމު ހިންގަން، ހުރިހާ ރައްޔިތުން ބައިވެރިކޮށްގެން ގައުމު ހިންގަން، އެ މީހެއްގެ ޕާޓީއަށްވުރެ ގައުމު އިސްކޮށް ގައުމު ހިންގަން،" ރިޔާޒް ވިދާޅުވި އެވެ.

ފްލެޓުތައް ވަކި ބަޔަކަށް ދީ، ބާނާ މަސްކޮޅު ވިއްކާލަން ނުޖެހި އުކާލަން ޖެހެމަކީ ރައްޔިތުން ބޭނުންނުވާ ކަންކަން ކަމަށްވ ރިޔާޒް ވިދާޅުވި އެވެ. އަދި ސިފައިންނާއި ފުލުހުން، ފަނޑިޔާރުން، ގާނޫނީ ވަކީލުންނާއި ނޫސްވެރިން އަދި އާންމު ރައްޔިތުންވެސް ރައީސް ޔާމީނަށް ތާއީދު ނުކުރާ ކަމަށް ވެސް ވިދާޅުވި އެވެ.

ކުރިއަށް އޮތް އިންތިހާބު ކާމިޔާބު ކުރާނެ ވާހަކަ ރިޔާޒް ވިދާޅުވިއިރު ގުޅިފައިވާ އިދިކޮޅު ފަރާތްތަކުން ނެރޭނެ ކެނޑިޑޭޓެއް އަދި އިއުލާނެއް ނުކުރެ އެވެ. އިންތިގާލީ ކެނޑިޑޭޓަކަށް ތާއިދުކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވާހަކަ ދައްކަވާފަ އެވެ. އެހެން ނަމަވެސް އެކަމާއި ގުޅޭގޮތުން މައުމޫން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓެއް ނެރެ އިންތިގާލީ ސަރުކާރެއް ގާއިމް ކުރުމާ މެދު މަޝްވަރާ ކުރަން އަދި އަވަސް ކަމަށެވެ.