ކުޅިވަރު

ބޭލްއަށް އަނެއްކާވެސް އަނިޔާވެއްޖެ، މިއަހަރު ދެން ނުފެނިދާނެ

Nov 11, 2017

ރެއާލް މެޑްރިޑްގެ ފޯވަޑް ގެރެތުބޭލް އަށް އަނެއްކާވެސް އަނިޔާވެއެްޖެ އެވެ. އޭނާ އަށް އަނިޔާވީ، ބުރާސްފަތި ދުވަހު ރެއާލްގެ ޓްރެއިނިންގެ ތެރެއިން ނެވެ.

ކުރިން ކުރިމަތިވި އަނިޔާ އަކުން ރަނގަޅު ވަމުން އަންނާތީ، ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ބޭލް އަށް ލަފާ ދިފައި ވަނީ، ވޭލްސްގެ ގައުމީ ޓީމު ކުޅޭ އެކުވެރި ކަމުގެ މެޗުތަކުގައި ބައިވެރިވުމަށް ޓީމާއެކު ނުދިއުމަށެވެ. ޒިދާން ބޭނުންވީ، މިމަހު 18 ވަނަ ދުވަހު ވާދަވެރި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗަށް ބޭލް ފިޓް ކުރުމަށެވެ.

ނަމަވެސް ބުރާސްފަތި ދުވަހު ޓްރެއިނިންގައި ބޭލްގެ ފަލަމަސްގަނޑުގެ ދަށް ފަރާތަށް ލިބުނު އަނިޔާއެއްގައި ހަތަރެއް ނުވަތަ ހަ ހަފުތާގައި ނުކުޅެ ހުންނަން ޖެހޭނެ އެވެ. މާނައަކީ މިއަހަރު އިތުރު މެޗަކުން ބޭލް ފެނުމުގެ އުންމީދު ކުޑަ ވުމެވެ.

ބޭލްއަށް މީގެ ކުރިން އަނިޔާވީ، ސެޕްޓެމްބަރު 26 ވަނަ ދުވަހު ބްރޫޝިއާ ޑޯޓަމުންޑާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އޭގެ ފަހުން އެއްވެސް މެޗެއް ނުކުޅެ ދޮޅު މަސް ފާއިތުވެގެން ދިޔައީ އެވެ. އަދި ރެއާލް އާއެކު މި ސީޒަންގައި އޭނާ ކުޅެފައި ވަނީ ހަ މެޗުގަ އެވެ. މިދިޔަ ސީޒަންގައި ލިބުނު އަނިޔާ އާ ގުޅިގެން، ރެއާލް އާއެކު ބޭލް އަށް ކުޅެވުނީ ސީޒަންގެ އެއް ބައިގަ އެވެ.

ޓޮޓެންހަމް ހޮސްޕާސްއިން 2013 ވަނަ އަހަރު ބޭލް ރެއާލް އާ ގުޅުނީ އޭރު ދުނިޔޭގެ ރެކޯޑްފީއެއް ކަމަށްވާ 80 މިލިއަން ޕައުންޑަށެވެ. ނަމަވެސް މި ދެ އަހަރު ތެރޭ ކައިރި ކައިރީގައި އަނިޔާވެ ބޭލްގެ ބޭނުން އެންމެ ރަނގަޅަށް ރެއާލްއަށް ނުހިފުނެވެ. ބޭލް ނެތް ތަން ފޫބެއްދުމުގެ ޒިންމާ ރެއާލްގެ ކޯޗް ޒިދާން ހަވާލު ކުރަނީ އިސްކޯ ނުވަތަ މާކޯ އެސެންސިއޯ ދެ ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިޔަކާއެވެ. އެންމެ ފަހުން ލަސްޕަލަމްސް އާ ދެކޮލަށް ކުޅުނު މެޗުގައި ބޭލްގެ މަގާމަށް ކުޅުނީ މާކޯ އެސެންސިއޯ އެވެ.