ދުނިޔެ

މުސްލިމުން މަގުމަތީ ހުކުރު ކުރާތީ ފްރާންސްގައި މުޒާހަރާކޮށްފި

ފްރާންސްގެ ވެރިރަށް ޕެރިހުގެ މަގުމަތީ މުސްލިމުން ހުކުރު ނަމާދު ކުރާތީ އެގައުމުގެ ސިޔާސީ ބަޔަކު އިއްޔެގައި މުޒާހަރާކޮށްފިއެވެ.

ބީބީސީ ބުނީ 100 އެއްހާ ސިޔާސީ މީހުން ކުރި އެ މުޒާހަރާގައި ހުކުރުކުރަން ތިބި މުސްމުންނަށް ހުރަސް އަަޅަން ވެސް މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ފްރާންސް ފުލުހުން ވަނީ ދެބައިމީހުންގެ ދެމެދަށް ވަދެ، ހުއްޓުވަން މަސައްކަތް ކޮށްކޮށް އޮއްވައި ކުދި ކުދި ހަމަނުޖެހުންތައްއް ހިނގިއެވެ.

ހުުކުރު ނަމާދަށް ހުރަސް އަޅަން ނުކުތް ސިޔާސީ މީހުން ތިބީ އެގައުމުގެ ދިދައިގެ ކުލަތައް ހިމެނޭ ފައްޓާ އަޅައިގެންނެވެ. އަދި އެމީހުން ދިޔައީ އެގައުމުގެ ގައުމީ ސަލާމް އަޑުގަދަކޮށް ކިޔަމުންނެވެ.

މަގުމަތީގައި ހުކުރު ނަމާދު ކުރުމާ ދެކޮޅު ހެދި މީހުން ބުނެފައި ވަނީ ފްރާންސް ކަހަލަ ސެކިއުލާ ގައުމެއްގައި މަގުމަތި އެގޮތަށް ބޭނުންކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ނަމާދު ކުރި މީހުން ބުނީ އެމީހުން ކުރިން ހުކުރު ކުރަމުން އައި ތަން ޓައުން ހޯލަށް ނެގުމުން ހުކުރު ކުރާނެ އެހެން ތައް މަގުމަތި ނޫނީ ނެތް ކަމަށެވެ.

ފްރާންސްގައި ފަސް މިލިޔަނަށް ވުރެ ގިނަ މުސްލިމުން އުޅެއެވެ. އެއީ ހުޅަނގު ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ނިސްބަނުން އެންމެ މުސްލިމުން ގިނަ ގައުމެވެ. އެކަން އެހެންވުމުގެ އެއް ސަބަބަކީ ފްރާންސުން އަލްޖީރިއާ އަޅުވެތިކޮށްފައި އެތައް އަހަރެއް ވަންދެން ބޭއްވި އިރު އެތަނުގެ މީހުން ފްރާންސަށް ހިޖުރަކޮށް، އެމީހުންގެ ދަރިފަސްކޮޅު ދެމިގެން ދިއުމެވެ.