ހަބަރު

ކުޅުދުއްފުށީ އަންހެނުން މަހާޖައްރާފަށް ފަރިވަޅު އަރުވައިފި

ހދ. ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމަށް އެރަށުގެ މުހިންމު މަށި ކުޅި ހިއްކުމަށް އެރަށަށް ގޮސްފައިވާ އެމްޓީސީސީގެ މަހާޖައްރާފަށް އެރަށު އަންހެނުން ފަރިވަޅު އަރުވައިފި އެވެ.

މިއަދު ހަވީރު ކުޅުދުއްފުށީ ވެލިގަނޑު ސަރަހައްދުގައި މަހާޖައްރާފްގެ ފަޅުވެރިންނަށާއި އޭގަ މަސައްކަތްކުރާ މީހުންނަށް ކުޅުދުއްފުށީގެ އަންހެނުން ވަނި ފަރިވަޅު އަރުވާފަ އެވެ. ފަރިވަޅު އެރުވުމުގައި އެ ރަށުގެ 500 އެއްހާ އަންހެނުން ބައިވެރިވެފައިވާ ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ވިިލިމާލެ ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސެން މަނިކު ވިދާޅުވި އެވެ.

މަހާޖައްރާފަށް ފަރިވަޅު އަރުވާފައިވަނީ ކުޅުދުއްފުއްޓަށް އަންނަ ބޮޑު ތަރައްގީ އާއި ގުޅިގެން ދޭ ހަދިޔާއެއްގެ ގޮތުގަ އެވެ. އެއާޕޯޓު އެޅުމަށް މަހާޖައްރާފުން އެ ރަށު ކުޅިން 30 ޕަސަންޓު ހިއްކަން ވަނީ ނިންމާފަ އެވެ.

އެއާޕޯޓުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މާދަމާ އެރަށަށް ވަޑައިގަންނަވާނެ އެވެ. އަދި ޕީޕީއެމްގެ ހަވަނަ އަހަރީ ދުވަހުގެ ހާއްސަ ޖަލްސާ މާދަމާ ރޭ އެރަށުގައި އޮންނާނެ އެވެ.

ރިޔާސީ އިންތިހާބުގެ ކެންޕޭންތައް ފަށައި ޕީޕީއެމް އިން ދަނީ މާލޭގަ އާއި އަތޮޅު ތެރޭގައި ބޮޑެތި ޖަލްސާތައް ބާއްވަމުންނެވެ.