ދުނިޔެ

މުސްކުޅިއޭ ބުނެ ކިމް ޖޮން އުން މަލާމާތް ކުރި: ޓްރަމްޕް

އުތުރުކޮރެއާގެ ލީޑަރު ކިމް ޖޮން އުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕަކީ މުސްކުޅިއެއް ކަަމަށް ވިދާޅުވެ މަލާމާތް ކުރެއްވި ކަމަށް ޓްރަމްޕް ތުހުމަތު ކުރައްވައިފިއެވެ.

އޭޝިއާއަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ވިއެޓްނާމަށް ވަޑައިގެން އޭޕެކް ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހު ކުރެއްވި ޓްވީޓެއްގައި ޓްރަމްޕް ވިދާޅުވެފައި ވަނީ މުސްކުޅިއޭ ވިދާޅުވެ، ކިމް މަލާމާތް ކުރެއްވިޔަސް ' ކުރޭ، ފަލައޭ' ވިދާޅުވެ ކިމްއަށް މަލާމާތް ނުކުރައްވާނެ ކަމަށެޗެ.

ޓްރަމްޕް ކުރެއްވި ސިލްސިލާ ޓްވީޓްތަކުގައި އަދި ވިދާޅުވެފައި ވަނީ އުތުރުކޮރެއާގެ ނިއުކްލިއަ މަޝްރޫއު ހުއްޓުވުމަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅުއްވަން ޗައިނާގެ ރައީސް ޝީޖިންޕިން ތައްޔާރުވެވަޑައިގަންނަވަމުން ގެންދަވާ ކަމަށެވެ. ޓްރަމްޕް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ޝީ ވިދާޅުވެފައި ވަނީ އުތުރުކޮރެއާއިން ނިއުކްލިއަ ހަތިޔާރު އުފެއްދުން ހުއްޓުވަން މަސައްކަތް ކުރައްވާނެ ކަަމަށެވެ. ނަމަވެސް އެކަމުގައި އެގައުމާ ގުޅުން ކަނޑުއްވައިލައްވާނެ ކަމަކަށް ވިދާޅެއް ނުވެއެވެ.

ދެކޮރެއާ ބައިވި ހަނގުރާމައިގައި ޗައިނާއިން ވަނީ އުތުރުކޮރެއާއާ އެކު އެމެރިކާއާ ދެކޮޅަށް ހަނގުރާމަކޮށްފައެވެ. އޭރުން ފެށިގެން ޗައިނާއަކީ އުތުރުކޮރެއާއަށް މަދަދުކުރާ ގައުމެކެވެ.

ކިމް މަލާމާތް ކުރެއްވި ކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓުގައި ޓްރަމްޕް ވިދާޅުވެފައި ވަނީ ކިމްގެ އެކުވެރިއަކަށް ވެވަޑައިގެންނެވުމަށް އެދިވަޑައިގެން ހުންނެވި ކަމަށެވެ.

" އަހަރެން މުސްކުޅިއޭ ބުނެ ކިމް ޖޮން އުން މަލާމާތް ކުރަންވީ ކީއްވެ؟ އޭނާ ކުރޭ ފަލައޭ ދުވަހަކުވެސް ނުކިޔަން އަހަރެން ހުންނަ އިރު. އެންމެ ރަނގަޅު. އަހަރެން ވަރަށް ބޮޑަށް އެބަ މަސައްކަތް ކުރަން އޭނާގެ ރަހުމަތްތެރިއަކަށް ވޭތޯ. ފަހަރެއްގައި ކޮންމެވެސް ދުވަހަކުން އެކަން ވެދާނެ،" ޓްރަމްޕްގެ ޓުވީޓްގަައި ވިދާޅުވެފައި ވެއެވެ.


އޭޝިއާ ސަރަހައްދަށް ޓްރަމްޕް ކުރައްވާ 13 ދުވަހުގެ ދަތުރުފުޅުގައި ވަޑައިގަންނަވާނީ ފަސް ގައުމަކަށެވެ. އޭޝިއާގެ ފުރަތަމަ މަންޒިލެއްގެ ގޮތުން އޭނާ ވަޑައި ގެންނެވީ ޖަޕާނަށެވެ. ދެން ވަޑައިގެންނެވީ ދެކުނު ކޮރެއާ އަށެވެ. ޗައިނާއަށް އަށާއި ވިއެޓްމަށް ފަހު އެންމެ ފަހުން ވަޑައިގެންނެވީ ފިލިޕީންސަށެވެ.