(9 ނޮވެމްބަރ 2017 އާ ގުޅޭ)
އަހަރެން މި އިނީ ދަރިއަކަށް ބަލިވެއެވެ. އަހަރެންގެ ލޮލުން ކަރުނައައުމާއެކު ޑޮކްޓަރ އަހަރެންގެ ބުރަކަށީގައި ފިރުމާލިއެވެ. އެ ޚަބަރު ލިބުމުން ކިތަންމެ އަންހެނެއްގެ ލޮލުން ކަރުނަ އަންނަކަމުގައި އޭނާ ބުންޏެވެ. އަދި އަހަރެންގެ ކައިރިން އަވަހަށް ފިރިމީހާއަށް މިއުފާވެރި ޚަބަރު ދިނުމަށް އެދުނެވެ. އަދި ވީހާ ވެސް އަވަހަކަށް އަންހެނުންގެ ޚާއްޞަ ޑަކްޓަރަކަށް ދެއްކުމަށް ލަފާ ދިނެވެ. ބަލިއިންކަމުގެ ތަހުނިޔާ ކިޔެވެ. އަހަރެންގެ ދެ ލޮލުން ފެންނަ ބިރުވެރިކަމެއް ޑަކްޓަރަކަށް ނަގައެއްނުގަނެވުނެވެ.
ހިނިތުންވެލަން މަސައްކަތް ކުރި ނަމަވެސް އަހަންނަށް އެކަމެއް ނުވިއެވެ. ދެ ލޯ ފުހެމުން ޑަކްޓަރުގެ ކޮޓަރިން ހަލުވިކޮށް ނުކުމެ އަވަހަށް ގެއަށް ދެވޭތޯ އުޅުނީމެވެ. ދެ ފަޔަށް ލެވުނުހާ ބާރެއްލާ ހިނގަމުންދާއިރު ވެސް އަހަރެން ބޭނުންވި ވަރަށް ކުރިއަށް ނުދާހެން ހީވެއެވެ. އިރުއިރުކޮޅާ ލޮލުން ވެއްޓޭ ކަރުނަތިކިތައް އަތުން ފުހެލެވެއެވެ. ލޮލަށް ގެ ފެންނާން ވާއިރަށް އަހަންނަށް ދުއްވައިގަނެވިއްޖެއެވެ.
ދޮރޯށި ހުޅުވާލާފައި ގޭތެރެއަށް ވަދެވުމާއެކު އަހަރެންގެ މުޅު ވުޖޫދު ފުނޑިފުނޑިވެގެން ދިޔަ ކަހަލައެވެ. ނޭވާލާން ދަތިވެފައި ހުރި މީހަކު ފަދައިން ވަށައިގެން އަހަންނަށް ހޯދާލެވުނެވެ. ހަށިފުރާ ތިން ހަތަރު ފަހަރަށް ފުން ނޭވާތަކެއް ލެވުނެވެ. އެހެން ހުއްޓާ ސިޓިންރޫމު ތެރެއިން މަންމަގެ އަޑު އިވުނުހެން ހީވިއެވެ. އެހިނދު ބޭއިޚްތިޔާރުގައި ދެ ކޯތާފަތާއި ދެ ލޯ ފުހެލެވުނެވެ. އިސްތަށިގަނޑު ރީތިކޮށްލުމާއެކު ކަރުގައި އަޅުވާލާފައި އޮތް ދޯޕަށްޓާ ރަނގަޅު ކުރަމުން އައިސް ސިޓިންރޫމު ދޮރުން ވަނީމެވެ. ގޭތެރޭގައި ތިބި މަންމައާއި ދޮންބަ ފެނުނެވެ. އެމީހުންނާއެކު ގޭގެ ހުރިހާ މެންބަރުން ތިއްބެވެ. ހަފިއްތަ މާލެ އައީއެވެ. އެ އެންމެންގެ ކުރިމަތީގައި އެކްޓުކުރުމަކީ އަހަންނަށް ވާނޭކަމެއް ނޫންކަން އެނގޭތީ ހިނގައިގަތީ އެ މީހުން ފަސްދީ އަހަރެންގެ ކޮޓަރިއަށް ދާށެވެ. ނަމަވެސް ސިޓިންރޫމުން ގޭގެ ބިއްދޮށް ފަރާތަށް އަހަންނަށް ނުނިކުމެވެނީސް ސުހައްތަ ގޮވާލައިފިއެވެ. އެ މީހުންގެ ގާތުގައި މަޑުކޮށްލަން އައުމަށް އެދުނެވެ. އެނބުރި އެ ދައްތައަށް ބަލާލާނޭ ހިތްވަރެއް ނުލިބުނެވެ. އެބަ އަންނަން ކަމުގައި ނިކަން އަވަހަށް ބުނެލީމެވެ. އެއާއެކު ކޮޓަރިއަށް އައިސް ވަދެވުނީ ދުވެފައި ކަހަލަ ގޮތަކަށެވެ.
ކޮޓަރިއަށްވަދެ ދޮރުތަޅު ލުމަށްފަހު ދޮރުބުޑުގަ އިށީނދެވުނެވެ. އަހަރެންގެ ސިކުނޑިހީވަނީ ފަޅައިގެން ހިނގައިދާނެހެނެވެ. ދެލޯ މަރާލީ ކޮޓަރިވެސް އެނބުރޭހެން ހީވާތީއެވެ. އަތުގައި އޮތް ދަބަހުގެ ތެރެއިން އަހަރެން އެ ރިޕޯޓު ނެގީމެވެ. އޭގައި ޕޮޒިޓިވް ކަމަށް ޖަހާފައިވިއެވެ. އަހަންނަށް ވަގުތުން އެ ރިޕޯޓު ދެފަޅިއަށް އިރާލާފައި ކޮޓަރިތެރެއަށް އެއްލާލެވުނެވެ. މޫނުގައި އަތްއެޅުނީ ރޮވުނުލެއް ބާރުކަމުންނެވެ. ހިތަށްވީ ތަދާ ކުރިއަސަރު ބޮޑުވެގެން އެވެސް ހީވަނީ އަހަރެން ދޫކޮށް ފިލަން ބޭނުންވެގެން އުޅޭ ހެނެވެ. އަހަރެންގެ ބަނޑުގައި އުފެދެން ފަށާފައި އެ ވަނީ ހައިކަލްގެ ލެޔެވެ. އޭނާގެ މަގްސަދު ކިތަންމެ ރީތިކޮށް ވެސް ފުރިހަމަ ވެއްޖެއެވެ. އަހަރެންގެ އަތުގައި އަޒާނަށް ދޭނެ އެކައްޗެއް ވެސް ނެތެވެ. އަޒާން ދެއްކި ވާހަކަތައް މަތީން ހަނދާންވާންފެށިއެވެ. އަހަރެން އޭނާއާ ކައިވެނި ކުރާއިރު އަހަރެންގެ ހަށިގަނޑުގެ ބޭރުފުށާއި އެތެރެ ވެސް މި ވަނީ ނަޖިސްވެފައެވެ. އަޒާން ބީހޭނޭ އެންމެ ތަންފުކެއް ވެސް އަހަރެންގެ ހަށިގަނޑުން ހައިކަލް ދުލެއް ނުކުރިއެވެ. ސިކުނޑި ހާސްވަމުންދިޔަ ވަރަކަށް ހަދާނޭ ގޮތެއް ނޭނގި މޮޔަވާން އުޅުނު ކަހަލައެވެ. އަހަންނަށް ފުރާޅުގައި ހަރުކޮއްފައިވާ ފަންކާއަށް ބަލާލެވުނެވެ. އެވަގުތު އަހަރެންގެ ހިތަށް ވަތް ނުބައި ޚިޔާލާ އެއްގޮތަށް ކަންތައްކުރާކަށް އަހަންނަކަށް ނުކެރުނެވެ. ކުފުރު މަރުވާން ހިތަށް އެރީތީ ވެސް އަހަރެންގެ ޟަމީރު އަޑުލައިގަތެވެ. އަހަރެންގެ ހާލު މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ އަހަރެންގެ ހިތުގައި އެ ނުބައި ޢަމަލު ހިންގުމުގެ ކުރީން ހިތަށް ބިރުވެރިކަން ވެއްދެވީއެވެ. ގޮތް ހުސްވެފައިވާ ހާލުގައި ވެސް އަމިއްލައަށް މަރުވާކަށް އަހަންނަށް ނުކެރުނެވެ. އެވަރުގެ ބޮޑު ފިނޑިއަކަށް އަހަރެން ނުވާނަމެވެ.
ދޮރު ބުޑުގައި ގުޅަވެ ގަނެގެން އަހަރެންނަށް އޮވެވުނީ ކިހާ އިރެއް ވަންދެން ކަމެއް ނޭނގެއެވެ. އެހެން އޮތް އިރު އަހަރެންގެ ހަޔާތާމެދު ވިސްނުން ހިންގުނެވެ. އެގޮތުން އަހަރެން އަޒާނަށް ދޭނެ ޖަވާބަކާއިމެދުއެވެ. އޭނައާ ކުރިމަތިލާނެ ގޮތަކާއިމެދުއެވެ. ހުރިހާ ވާހަކައެއް ކިޔާދޭން ވެސް ހިތަށްއަރައެވެ. އެކަމަކު އެހާ ހިތްވަރެއް އަހަރެންގެއެއް ނެތެވެ. އަދި އަމުދުން މިހާރުދެން އޭނަގެ ކުރިމައްޗަށް އަރަން ވެސް އަހަންނަށް ނުކެރޭނެއެވެ. އަހަންނަށް އަހަރެންގެ ދެ ލޮލުން ފައިބަމުންދިޔަ ކަރުތަކަކަށް ބާރެއް ނުފޯރުވެއެވެ. ދެއަތުން އެވަރަށް ފޮހެމުން ދިޔައިރު ވެސް އެއްވެސް ހިފެހެއްޓުމެއްނެތި ފައިބަމުންދިޔައެވެ. އަހަރެންގެ ހިތް އަހަރެންގެ ގިސްލުމުގައި ބައިވެރިވަމުންދިޔައެވެ. އެ ހިތަށް ލޯބިވެވުނީތީ އަހަރެންގެ ކައިރިން މާފަށްއެދެމުންނެވެ. އަހަރެންގެ ނަސީބުގައި އަޒާން ލިބެން ހަމަނެތީހެއްޔެވެ. އަހަރެން އޭނަދެކެވީ ލޯބި ބޭކަރުވެގެން ދިޔައީހެއްޔެވެ. ނޫނެކެވެ. އެހެންވެގެން ނުވާނެއެވެ. އަޒާންދެކެ ލޯބިވުމަކީ ކުށެއްކަން އެނގުނުނަމަ އަހަރެންގެ މޭގައިވި ހިތް އޭނާދެކެ ލޯތްބެއްނުވާނެކަން ގައިމެވެ.
ސުހައްތަ އައިސް ކޮޓަރީގެ ދޮރުގައި ޓަކިޖެހިއެވެ. އަހަރެންގެ ޚަބަރެއް ނުވުމުން ދިޔައީ ކަންނޭގެއެވެ. އަހަރެން ތެދުވެގެން ގޮސް އެނދުމައްޗަށް ވެއްޓުނީމެވެ. ހެދުން ބަދަލުކުރުމެއް ވެސް އެހެން ކަމެއް ކުރުމެއް ވެސް ނެތެވެ. ކާކަށް ބޯކަށް މީހަކާ ވާހަކަދައްކާކަށް އަހަރެން ބޭނުމެއްނޫނެވެ. އުއްޑުން ފުރާޅުގައިވާ ވަކަރުތަކާ ދިމާއަށް ބަލަހައްޓައިގެން އޮތްގޮތަށް އޮތީމެވެ. ވަގުތަކަށް އެއްވެސް ފަރުވާލެއްނެތެވެ. ސުހައްތަ އަނެއްކާ ވެސް ދެ ފަހަރަކު އައިސް ގޮވައިފިއެވެ. މީހަކު އަހަރެން ހޯދަން އައިސް ހުރުމުންނެވެ. ދޮރުގައި ޓަކިދީ ދީ ޚަބަރެއް ނުވުމުން ކުޑަދޮރުގައި ޓަކިދޭން ފެށިއެވެ. އަހަރެން ތެދުވެ ފުންނޭވާއެއް ބޭރުކޮއްލީމެވެ. އަދި ދެ ލޯ ފުހެލުމަށްފަހު ހުރިހާ ކަމަކާއި ކުރިމަތިލާންވީ ވަގުތު އައިސް ޖެއްހިއްޖެކަން އެނގެއެވެ. އަހަރެން ދޮރުހުޅުވާލުމާއިއެކު ސުހައްތަ ހިތްހަމަ ނުޖެހިފައި ހުރި ރާގެއްގައި ވާހަކަދައްކަން ފެށިއެވެ.
ސުހާ: "ކީއްތަ ތި ކުރަނީ؟ ހާދަ ވަރަކަށް ގޮވައިފީމޭ... މީހަކު އެބަހުރި މިންނު ހޯދަން އައިސް. ބައްދަލު ކުރާން ބޭނުންނުވަންޏާ ކީއްކުރަންތަ މީސްމީހުން ގާތުގައި އަންނާށޭ ބުނަނީ"
ސުހައްތައަށް ވަކި އެއްޗެއް ނުބުނެ ކޮޓަރިން ނުކުމެގެން އަހަރެން ހިނގައިގަތީއެވެ. އަހަރެންގެ ފަހަތުން ސުހައްތަ ހުރެ އާދެއެވެ. ސިޓިންރޫމަށް ވަންނަ ދޮރު މަތީގައި ހުރި ޒުވާން ފިރިހެން ކުއްޖާ އަހަންނަށް ފެނުނެވެ. އޭނާއާ އަޒާންއާ ފެންނަ ފެނުމަށް ހީވަނީ ވާނީ ދާދި އެއް އުމުރެއް ހެނެވެ. އޭނާއާއެކު އިތުރު ދެ ފިރިހެން ކުދީން ވެސް ތިއްބެވެ. އަހަރެން ފެނުމާއެކު ކުރިއަށް ނުކުމެ ހުރި ފިރިހެންކުއްޖާ ނިކަން ފުޅާ ހިނިތުންވުމެއް ދިނެވެ. ހީވަނީ އޭނާއަށް އަހަރެން މީ ކާކުކަން އެނގެނީ ހެނެވެ. އޭނާގެ ގާތުގައި އައިސް މަޑުކޮށްލުމާއެކު އަޒާން ފޮނުވައިގެން ކަމަށް އޭނާ ބުންޏެވެ. ސުހައްތަ ހުރުމުން އަހަރެން އަވަސް އަވަހަށް އެ ފިރިހެން ކުއްޖާގެ އަތުގައި ހިފާލުމާއެކު އޭނާ ގޮވައިގެން ދޮރޯށި ދޮށަށް އައީއެވެ. އޭނާއާއެކު ދެން ތިބި ދެ ފިރިހެން ކުދީން ވެސް އައެވެ. އަހަރެން އެދުނީ އެމީހުން މިވަގުތު ދިއުމަށެވެ. ނަމަވެސް އެތަނުން އިސްކޮށް ހުރި ޒުވާނާ އަނެއްކާ ވެސް ވާހަކަދެއްކިއެވެ. އެ މީހުން އައިސް މި ތިބީ އަޒާން ބުނެގެން ކައިވެނީގެ ރަން އޮޅުން ފިލުވަން ކަމަށް ބުންޏެވެ. ހިނދުކޮޅަކަށް ވިޔަސް އަހަރެންގެ މުޅި ނަފުސު ހިމޭންވިއެވެ. އެނބުރި ސިޓިންރޫމު ދޮރުމަތީ ހުރި ސުހައްތައަށް ބަލާލީމެވެ. ވާނުވާ ނޭނގުނު ނަމަވެސް އަހަންނަށް ބަލަހައްޓައިގެން ސުހައްތަ ހުއްޓެވެ. ތިރީތުންފަތުގައި ދަތްއަޅާލެވުނީ ބުނަން ބޭނުންނުވާ އެއްޗެއް އަހަރެންގެ ދުލުން ހާމަކުރާން ޖެހޭތީއެވެ.
ކުރިމަތީ ހުރި ޒުވާނާ މެދުވެރިކޮށް އަހަރެން އަޒާނަށް ރައްދުކުރުމަށް މެސެޖެއްފޮނުވީމެވެ. އަޒާންއާ ކައިވެނި ކުރަން އަހަރެން ބޭނުންނުވާ ވާހަކައެވެ. އަޒާން އަހަރެންދެކެ ލޯބިވަންޏާ އަހަރެން ހޯދަން ވެސް މިގެއަށް ނައުމަށް ބުނީމެވެ. އެ ފިރިހެން ކުދީންނަށް ލިބިގެންދިޔަ ހައިރާންކަން އެ މީހުންގެ މޫނުތަކުން އަހަރެން ދުށީމެވެ. އެ މީހުން ވެސް ޤަބޫލުކުރާން ބޭނުންނުވެފައި ތިބި ކަހަލައެވެ. އެތަނުން އިސްވެ ވާހަކަދައްކަމުން ދިޔަ ފިރިހެން ކުއްޖާ އަހަރެންދެކެ ރުޅިއައެވެ. ތީ އަންހެނުންގެ ފާޑޭ ބުންޏެވެ. އަހަންނާދިމާއަށް އަޒާންއާ އިންނަން ބޭނުންނުވާއިރު އިންނާނަމޭ ބުނީ ކީއްވެތޯ ސުވާލުކުރިއެވެ. އެފަދަ ބޮޑު ދެރައެއް އަޒާނަށް ދިންއިރު އަހަރެންގެ ހިތެއް ވެސް ނެތީތޯ އެމީހުން ސުވާލުކުރިއެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނަމެވެ. ބުނާނީ ކީކޭ ހެއްޔެވެ. އަޒާން ހުރިހާ އެއްޗެއް ދޫކޮއްލާފަ އަހަރެން ކައިރިއަށް އަންނަން ތައްޔާރަށް ހުރިއިރު، އަހަންނަކީ އެފަދަ އަންހެން ކުއްޖެއްނޫނެވެ. ރުޅިވެރިކަމާއެކު ދޮރޯށި ޖަހާފައި އެ މީހުން ނުކުމެވެން ދިޔަ މަންޒަރު ބަލަން ހުރެވުނީއެވެ.
އަޒާނަށް އެންމެ ރަނގަޅުވާނީ އަހަންނާ ވީހާ ވެސް ދުރަށް ދިއުމުންނެވެ. އަހަރެން ފުންމިންނޭގާ ހިތްދަތިކަމެއްގެ ތެރެއަށް ގެނބިގެން ދާއިރު އަހަންނާއިއެކު އަޒާން ގެނބިގެންދާކަށް އަހަރެން ބޭނުމެއްނޫނެވެ. އޭނައަށް މިހާރު އެންމެ ރަނގަޅުވާނީ އަހަރެންގެ ހަޤީޤަތް ނޭގުނިއްޔާއެވެ.
ސިޓިން ރޫމުތެރޭ ހުރި ސުހައްތަގެ ސުވާލުތައް ފުންޏަކަށް އަހަންނަށް ކުރިމަތިވިއެވެ. އަހަރެން އެއިން އެއްވެސް ސުވާލަކަށް ޖަވާބު ދޭކަށް ބޭނުމެއްނޫނެވެ. ސުހައްތަ އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ. އަހަންނަށް އެނބުރި ކޮޓަރިއަށް ދެވޭނީ ހުރިހާ ވާހަކައެއް ކިޔާދީފައިކަމުގައި ބުންޏެވެ. އެވަގުތު ހަފިއްތަ ކޮޓަރިތެރެއިން ނުކުތެވެ. ސުހައްތަގެ ވާހަކަ އަޑުއިވިގެން ކަންނޭގެއެވެ.
ހައިފާ: "ކިހިނެއްވީ ހާދަ އަޑުގަދަކޮށްލައިގެން؟"
ހަފިއްތަ ވެސް އޮޅުންފިލުވަން ބޭނުންވިއެވެ. އަހަރެން އެފުރުޞަތުގެ ބޭނުން އަވަހަށް ހިފާ އެތަނުން ދާން ހިނގައިގަތީމެވެ.
ހައިފާ: "ސުހާ! މިހާރު ހައިކަލް އަންނަތަން ނުފެންނަނީ އޭނާ މިގެއަށް އައުން ހުއްޓާލީތަ؟"
ނަގަމުންދިޔަ ފިޔަވަޅުތައް އަހަންނަށް މަޑުޖައްސާލެވުނީ ފަހަތުން އިވިގެންދިޔަ ހަފިއްތަ އަޑުންނެވެ. އެނބުރި ބަލާލެވުނު ވަގުތު ހަފިއްތަ ބަލަން ހުރި ގޮތުން ހީވީ އެ ބުނި ބުނުގައި މުޅީން އެހެން ގަސްދެއް ފޮރުވިފައި ވާހެނެވެ. އިތުރު އެއްޗެއް ހަފިއްތަ ބުނުމުގެ ކުރީން އަހަރެން ކޮޓަރިއަށް އަތުވެއްޖައީމެވެ.
ތަޅުންގަނޑު މަތީ އޮތް އަހަރެން އިރާލި ރިޕޯރޓުނަގާ އެނދުގައި ކައިރީ ހުންނަ ކުޑަމޭޒުމަތީ ބޭއްވީމެވެ. އެއާއެކު ވާސްއަށް ޖަހާފައި އިން އޯކިޑުމާކޯނި ލޮލުގައި އަޅައިގަތެވެ. އެއީ އަހަންނަށް އަޒާންގެ ފަރާތުން ލިބޭނެ އެންމެ ފަހު އޯކިޑު މާކޯނިކަން އަހަރެން ޤަބޫލުކުރީމެވެ. އަދި އެ ކޯނިން ނައްޓާލި މަލެއް ތިއެކުވެރިޔާއާ ހަވާލުކުރީ އަބަދަށް އެހަނދާން ރައްކާ ކުރުމަށެވެ. ތި ސަފުހާތަކުގެ ތެރޭގައި އަޒާންގެ ނަންލިޔެވިފައިވާއިރު އެ ހުދު އޯކިޑުމަލަކީ ވެސް އޭނާގެ ހަނދާން އަހަންނަށް އަބަދަށް އާކޮށްދޭނޭ ރަމްޒެކެވެ.
ހެދުން ބަދަލުކޮއްލައިގެން އެނދުގައި އޮށޯވެލައިގެން އަހަރެން އޮތީމެވެ. ދެން ހަދަންވީ ކިހިނެއްކަމެއް ނޭގިފައެވެ. ދުވަސްތަށް ފާއިތުވާވަރަކަށް އަހަރެންގެ ހިނދި ބަނޑު ބޭރަށް ނުކުންނާނެ ކަން އަހަންނަށް އެނގެއެވެ. އަނެއްކޮޅުން އަޒާންއަށް އަހަރެންގެ ނިންމުން އެނގުމާއެކު ކުރާނެކަމެއް ވެސް ނޭގެއެވެ. މިއަދު އަހަންނަކީ މަޖުބޫރުވެފައިވާ އަންހެން ކުއްޖަކީމެވެ. ހައިކަލް ގަސްދުގައި އަހަރެންގެ ހިތް އޭގެ މަންޒިލަށް ވާޞިލުވިޔަ ނުދިނީއެވެ. އަހަރެން އޭނައަށް ދުވަހަކުވެސް މާފެއްނުކުރާނަމެވެ.
އެކި ޚިޔާލުތަކުގައި ދެ ލޯ ފުހެލަފުހެލާ އޮއްވައި މީހަކު ކޮޓަރީގެ ދޮރުގައި ޓަކިދޭއަޑު އިވުނެވެ. އަހަންނަށް ގަޑިއަށް ބަލާލެވުނީ އޭރު ސުހައްތަމެން ނިދާފާނެކަން ޔަޤީންވާތީއެވެ. އެކުވެރިޔާއެވެ. އޭރު މެންދަމުން އަލިވެ ތިނެއްޖަހަނީއެވެ. އަހަރެން ނުހުޅުވަން އޮތީމެވެ. އެމީހަކު ވަރަށްގިނަ ފަހަރު ޓަކިޖެހުމަށްފަހު ދިޔައީކަންނޭގެއެވެ. އަހަރެން ދޮރެއް ނުހުޅުވީމެވެ. ހައިކަލްނަމަ ކޮޓަރިއަށްވަންނާނެކަން އެނގެއެވެ. އޭނަ ޓަކިޖަހާކަށް ނުހުރީހެވެ.
ފަތިހު ފަތިސްނަމާދަށް ގޮވިއަޑު ސާފުކޮށް އަހަންނަށް އިވުނެވެ. އަހަރެންގެ ލޮލުގައި އެއްވެސް ވަރަކަށް ނިދީގެ އަސަރެއްނެތެވެ. ހަށިގަނޑު ވަރުބަލިވެ ސިކުނޑީގެ ހާސްކަން އިންތިހާއަށް ގޮސްފައިވާ ހާލުގައި އަހަރެން އެނދުން ތެދުވީ އަހަރެންގެ ވާޖިބު އަދާކުރުމަށެވެ. ރަނގަޅު މަގެއް އަހަންނަށް އެކަލާނގެ ދައްކަވާނޭކަމުގެ އުންމީދާއެކުއެވެ.
ފަތިސް ނަމާދަށްފަހުގައިވެސް އަހަރެން ކޮޓަރިން ނުނިކުންނަމެވެ. އެއްވެސް ކަމެއް ކުރާހިތް ނުވެގެންނެވެ. އެހެން އޮތްއިރު ދެން އަހަންނަށް އުނދަގޫ ކުރަންފެށި ޚިޔާލަކީ ހައިކަލްގެ ހިޔާލެކެވެ. އޭނައަށް އަހަރެން ބަލިވެއިންކަން އެނގިއްޖެއްޔާ ވާނެގޮތެއް ހިތަށް ގެންނަން ވެސް އުނދަގޫވިއެވެ. އޭނަ އަހަންނާއި ދުރަށް ގޮސްދާނެކަމަށް އަހަންނަށް ހީކުރެވުނެވެ. ރޭގައި އަހަރެންގެ ކޮޓަރިއަށް ނައިގޮތަށް ދެން މިގެއަށް އައުން އޭނަ ހުއްޓާލައިފިއްޔާ އަހަރެން އެންމެންގެ ތެރޭ ބޭޒާރުވާނެއެވެ. އޭރުން އަހަރެންގެ މިސިއްރު އަޒާންއާ ހަމައަށް ވެސް ދާނެއެވެ. ހައިކަލް އެފަދަ ކަމެއް ކުރާނޭކަމަށް އެކަކު ވެސް ޤަބޫލެއްނުކުރާނެއެވެ. ހުރިހާކަމެއް ދުނިޔެއަށް ފަޅާއަރައިފިނަމަ އަހަރެން ލަދުންނާ ހިތްދަތިވެގެން އެދުވަހަކުން މަރުވާނެކަން ޔަގީނެވެ.
ހަށިގަނޑުގެ ހަކަތަހުސްވީކަންނޭގެއެވެ. ރިޕޯޓު ހިފައިގެން އައިފަހުން އަހަރެންގެ އަރުތެރެއިން އެއްވެސް އެއްޗެއް ނުދިރެއެވެ. އަހަރެންގެ ދެލޮލުގެ އެސްފިޔަތަށް ބަރުވާންފެށިއެވެ. އަހަންނަށް ހޭވެރިކަމެއްވީއިރު އެނދުގައި އަހަރެންގެ ފައިކައިރީ އިށީނދެލައިގެން ހައިކަލް އިނެވެ. ފަތިސްނަމާދު ކުރިކަން ހަނދާން ހުއްޓެވެ. އެހެންވީމަ އެއީ ދަންވަރު ނޫންކަން އެނގުނެވެ. ޔަގީން ކުރާން ގަޑިއަށް ވެސް ބަލާލީމެވެ. އަހަރެން ކުޑަކޮށް ތެދުވަމުން އެ ގަޑީގައި އޭނާ އަހަރެންގެ ކޮޓަރިއަށްވަނީ ކީއްކުރަންތޯ ސުވާލުކުރީމެވެ. ހައިކަލް އަވަހަށް އަހަންނަށް ބަލާލިއެވެ. އެމޫނުގައިވަނީ ކަންބޮޑުވުމެވެ.
ހައިކަލް: "ހުރިހާ ކަމެއް ރަނގަޅުތަ؟ މިންނުގެ ހާލު ކިހިނެއްތަ؟"
ވަގުތުން ދެ ލޯ އަޅާލެވުނެވެ. އަދި އަހަރެން މަރެއްނުވެޔޭ ބުނެވުނީ ފޫހިކަމާއި ރުޅިވެރިކަމާއެކުއެވެ. ހައިކަލް އެއްޗެއް ނުބުނެ އިރުކޮޅަކު އިނދެފައި އަހަރެން އެނދުކައިރީ ހުރި ކުޑަމޭޒުގެ މަތީ ބޭއްވި ރިޕޯޓު ދައްކާލިއެވެ.
ހައިކަލް: "ވަޓް އިޒް ދިސް؟ މީ މިންނުގެ ރިޕޯޓެއްތަ؟"
ދެން ވެސް ރީތިކޮށް ހައިކަލްއާ ވާހަކައެއް ނުދެއްކުނެވެ. އެހެންވެ ހަރުކަށިކަމާއެކު އެއީ ކޮންއެއްޗެއްކަމެއް ހައިކަލްއަށް ހަމަނޭގުނުތޯ އަހާލީމެވެ. އިރުކޮޅަކުން އަހަންނަށް ބަލަން އިނދެފައި އޭނާ ކުރީ ޝަކުވާއެކެވެ.
ހައިކަލް: "އައި ރިއަލީ ސޮރީ މިންނު... ކީއްވެ އަހަރެން ގާތުގައި ނުބުނީ ޑަކްޓަރަށް ދަމުން. މިންނު ހާސްވާނެކަމެއްނެތް. އަހަރެން... އަހަންނާ ކައިވެނި ކުރުމުން ހުރިހާ ކަމެއް ހައްލުވާނެ. ޔޫ ޖަސްޓް ޑޯންޓް ހޭވް ޓު ވޮރީ. އަހަރެން ހުރިހާ ކަމެއް ހަމަޖައްސާނަން. މިންނު އަހަންނާ މެރީ ކުރޭ... ޕްލީޒް... އަހަރެން ބޭނުން ތި ބޭބީ... މިންނު ވެސް ބޭނުން"
ހައިކަލްއަށް ހީވީ އަހަރެން އުޅުނީ ހުރިހާ ކަމެއް ސިއްރުކުރާން ކަމަށެވެ. އޭނާ ތެދުވެ އަހަރެންނާ ކުރިމަތިވާނޭހެން ހުއްޓުނެވެ. އަހަރެން ޖަވާބެއް ނުދިނުމުން އިރުކޮޅަކު އަހަންނަށް ބަލަން ހުރިކަން އެނގެއެވެ.
ހައިކަލް: "މިންނު ބޭނުންވަނީ ކޮންގޮތެއް؟ ތި ހައްޔަރުން މިނިވަންވާންތަ؟ އެކަން... އެކަން ވެސް އަހަރެން ކޮށްދީފާނަން. ޔޫ ކޭން ގެޓް ރިޑް އޮފް އިޓް"
ހައިކަލްގެ އަޑު މިފަހަރު ތަފާތެވެ. އޭނާ އެގޮތް ބޭނުންނުވާކަން އެނގެއެވެ. އަހަރެން ހާސްވިއެވެ. ގޮތެއް ނިންމާކަށް ނޭނގުނެވެ. އެވަގުތު ހައިކަލް އައިސް އަހަރެންގެ ގާތުގައި އިށީނެވެ. އަދި އަހަރެންގެ ކޮނޑުގައި ހިފަހައްޓާލަން އުޅުމާއިއެކު ވަގުތުން އޭނަގެ އަތް ފޮޅުވާލީމެވެ. ހައިކަލް އިތުރަށް އަހަރެންގެ ގަޔަކު އަތްލާކަށް ނޫޅުނެވެ. އޭނަ އަހަރެން އެކަމާއި ވިސްނާފަ ވަކި ޖަވާބެއް ދިނުމަށް ބުންޏެވެ. ނަމަވެސް ވަރަށް އަވަހަށް ވަކިގޮތެއް ނިންމުމަށް ބުންޏެވެ. އެހެންނޫނީ މާލަސްވެދާނެތީއެވެ.
ހައިކަލް ކޮޓަރިން ނުކުންނަން ހިނގައިގަންނަމުން، އަހަރެން ރީތިވެލައިގެން ސިޓިން ރޫމަށް ނުކުތުމަށް އެދުނެވެ. ސުހައްތަ އާއިއެކު ގޭގެ ހުރިހާ އެންމެން ތިބި ވާހަކަ ބުންޏެވެ. ހައިކަލް ނުކުމެގެން ދިޔައިރު އޭނާގެ ޖީބަށް އަހަރެންގެ ޓެސްޓު ރިޕޯޓު ކޮށްޕާލިތަން އަހަރެން ދުށީމެވެ. އޭނާ އެ ހިފައިގެން ދިއުމުގެ ބޭނުމެއް އަހަންނަށްކަށް ނުވިސްނުނެވެ. ނަމަވެސް އޭނަ މިހާރު ހުންނާނީ ކުރެވުނު ކަންތަކާއިމެދު ވަރަށް ހިތްހަމަ ޖެހިފަކަން ޔަގީނެވެ. އަދި މާރަނގަޅުވާން މިހާރު މަސައްކަތް ކުރެއެވެ. އެކަމުގެ ސަބަބުން އަދި ވަކިން އަހަރެން އޭނަދެކެ ފޫހިވެއެވެ. ކޮންމެފަހަރު ހަރުކަށިކަމާއިއެކު އޭނައާ ވާހަކަދެއްކެނީ ވެސް އެހެންވެއެވެ. އެއީ ކުށްވެރިއެކެވެ. މާފުނުދެވޭނޭވަރުގެ ކުށްވެރިއެކެވެ.
އަހަރެން ފެންވަރާލާ ރީތިވެލީ ވަކި ހައިކަލް އެކަމަށް އެދިގެނެއް ނޫނެވެ. އެހެންމީހުންގެ ކުރިމަތީގައި އުޅެން ފަސޭހައަކަށެވެ. އެހެންނޫނީ އެތަކެއް ސުވާލެއް އަހަންނާއި ކުރިމަތިވާނެތީއެވެ. އެ ހުރިހާ ސުވާލުތަކަށް ދޭނަ ޖަވާބެއް އަހަރެންގެ އަތުގައެއް ނެތެވެ. އޮފީހަށް ނުކުންނަން ޖެހޭ ދުވަސް ވެސް ފަހަނައަޅައި ގޮސްފިއެވެ. ނަމަވެސް އޮފީހުން އަދި ނުނިކުމެގެން ވަކި އެއްޗެއް ނާންގައެވެ. މިއަދު ހެދުނު އަޒާންގެ ފޯނުކޯލް އައިބާއޭ އަހަރެންގެ ހިތަށް އެރިއެވެ. އަހަންނަށް ނިދިފައި އޮތުމުން ނޭގުނީބާއެވެ. އަޒާންގެ ޚިޔާލުތަކުން އަހަރެން މާޔޫސްވިއެވެ.
ގޭތެރޭގައި މަންމައާއި ވާހަކަ ދައްކަން އެންމެން ތިބިއިރު އެ ތަނުގައި މަދީ ދޮންބައްޕައެވެ. އެވަގުތުކޮޅު ތެރޭ ވެސް އަހަންނަށް ކަމެއް ފާހަގަވިއެވެ. ހަފިއްތައާ ކުރިން ހައިކަލް އެހާ ގާތްކޮށް އުޅެފައި މިހާރު ފެންނަނީ ދުރުގައި އުޅޭތަނެވެ. ހަފިއްތަ އެއްޗެއް ދެތިން ފަހަރަށް އެހީމަ ނޫނީ އަނގައިން ނުބުނެއެވެ. ސުހައްތަ އޭނާގެ ލޯބި ބަނޑާއިއެކު ހިނިއައިސްފައި ވާހަކަދައްކަމުން ދިޔައެވެ. ސޯފާއަކީ އެހާ ބޮޑު ސޯފާއެއް ނޫންކަމުން މާގިނަ މީހުންނަކަށް އޭގައި ނީށީދެވޭނެއެވެ. އަހަރެންވެސް އެމީހުންގެ ކައިރީ ގޮނޑިއެއް ހިފައިގެން އައިސް އިށީނީމެވެ. ހައިކަލް އަހަންނަށް ބަލަމުން ދިޔައިރު އަހަންނަށް ކަޅިވެސް ޖަހާނުލާ ބެލެނީ ސުހައްތަގެ ބަނޑަށެވެ. އަހަރެންވެސް ހުންނާނީ އެގޮތަށް ހެއްޔެވެ. އެހެން ވާއިރު ބަނޑަށް ވަރަށް ތަދުވާނެބާއެވެ. ބަނޑުބޮޑުވީއްސުރެން ސުހައްތަ ބަލިވެ އުޅެނީ އެހެންވެ ކަންނޭގެއެވެ. އެކި ޚިޔާލުތަކުން އަހަރެންގެ ހިތަށް ބިރުވެރިކަން ވަންނަމުން ދިޔައެވެ. އެހެންމީހެއްގެ އެހީ އަހަރެން ބޭނުމެވެ. އަހަރެން ވަކިގޮތެއް ނިންމުމުގައި އެހެންމީހެއްގެ ޚިޔާލެއް ވެސް ބޭނުންވެއެވެ. އެމީހަކީ ސުހައްތައަށްވާން އަހަރެން ބޭނުމެވެ. ނަމަވެސް ޖެހިލުންވެ ބިރުގަންނަނީއެވެ. އަހަންނަށް އެޅޭ އެންމެ ކަތި ފިޔަވަޅަކުން އެމީހުންގެ މުޅި ދިރިއުޅުން އެފުއްމިފުށަށް ޖެހިގެން ހިނގައިދާނެތީއެވެ. (ނުނިމޭ)