ދުނިޔެ

ބަހުރައިންގައި ދިން ހަމަލާގެ ތުހުމަތުވެސް އީރާނަށް

ބަހުރައިނުގެ ރަށްފުށު ހިސާބެއްގައިވާ ތެޔޮ ހޮޅިއަކަށް ހުކުރު ދުވަހު ބަޔަކު ހަމަލާދީ ގޮއްވައިލުމުން އެގައުމާއި ސަރަހައްދީ އެހެން ގައުމުތަކުން އެކަމުގެ ތުހުމަތު އީރާނަށް ކޮށްފިއެވެ.

ބަހުރައިިނުގެ ވެރިރަށް މަނާމާއާއި 15 ކިލޯމީޓަރު ދުރުގައިވާ ބޫރީ ނަމަކަށް ކިޔާ އަވަށުގެ ތެރެއިން ތެޔޮ ހޮޅި ގޮއްވާލާފައިވާކަން އެގައުމުގެ އިދާރާތަކަށް އެނގުނީ ހޮނިހިރު ދުވަހުގެ ހެނދުނުއެވެ. އެހާދިސާގައި ރޯވި އަލިފާނުން ކައިރީގައިވާ ބައެއް ގެތަކަށް އަސަރުކޮށް މީހުން ހުސސްކުރަން ޖެހުނު ކަމަށް ބަހުރައިނުގެ މަސްއޫލުވެރިންނާ ހަވާލާދީ ޚަލީޖް ޓައިމްސް ނޫހުން ބުންޏެވެ.

ބަހުރައިނުން އިއްޔެ ބުނީީ ތެޔޮ ހޮޅިއަށް ހަމަލާދިން މީހުންނާ އީރާނުން މުވާސަލާތުކޮށް، އެމީހުންނަށް އިރުޝާދުތައް ދީފައިވާ ކަމަށެވެ. އެއާ އެކު ޔުނައިޓެޑް އަަރަބް އެމިރޭޓްސް ( ޔޫއޭއީ) އާއި ސައުދީން ވަނީ ހަމަލާ ކުށްވެރިކޮށް، ބަހުރައިނާ އެކުގައި ތިބިކަން ހާމަކޮށްފައެވެ.

ޔޫއޭއީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ބަހުރައިނުގެ ސަލާމަތަށް ނުރައްކާކުރަން ދިން ފިނޑި ޓެރަރިސްޓް ހަމަލާ ކުށްވެރި ކުރާ ކަމަށެވެ.

ސައުދީން ބުނީ ބަހުރައިނަށް ދިން ހަމަލާއަކީ އީރާނުން ސީދާ ގޮތެއްގައި ބަޔަކާ ހަވާލުކޮށްގެން ދިން ހަމަލާއެއް ކަމަށެވެ. އަދި އެގައުމުން ވަނީ ތެލުގެ ސިނާއަތުގެ މުހިއްމު ހުރިހާ ތަންތަނެއްގެ ސަލާމަތީ ކަންތައްތައް ވަރުގަދަކޮށްފައެެވެ. އަދި އެގައުމުން ވަނީ ޕައިޕްލައިން ތެރެއިން ބަހުރައިނަށް ތެޔޮ ފޮނުވުން ވަގުތީ ގޮތުން ހުއްޓާލާފައެވެ.

ފަހަކަށް އައިސް ހިނގި ބައެއް ހާދިސާތަކާއި ސައުދީން އެޅި ފިޔަވަޅަޅުތަކާ ގުޅިގެން އީރާނާއި ގަލްފުގެ ގައުމުތަކާ ދެމެދު ވަރަށް ބޮޑު ނުތަވަސްކަމެއް އުފެދި ހަނގުރާމައެއްގެ ބިރުވެރިކަން ވަނީ އުފެދިފައެވެ.

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒަށް އަމާޒުކޮށް ޔަމަނުގެ ހޫސީން ދޭން އުޅުނު ބެލިސްޓިކް މިސައިލުގެ ހަމަލާގެ ޒިންމާވެސް ސައުދީން އަޅުވާފައި ވަނީ އީރާނުގެ ބޮލުގައެވެ. އެއީ ހަނގުރާމައިގެ އަމަލެއް ކަމަށް ސައުދީން ވަނީ ސިފަކޮށްފައެވެ. އަދި ލުބުނާނުގައި އުޅޭ އީރާނުން މަދަދުދޭ ހިޒްބުﷲ އިން އެގައުމުގެ ބޮޑުވަޒީރު ސައުދުލް ހަރީރީގެ ފުރާނަފުޅަށް ނުރައްކާ ކުރާ ކަަމަށް ވިދާޅުވެ އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ހަރީރީ އިސްތިއުފާ ދެއްވީ ސައުދީގައި ހުންނަވައިގެންނެވެ.