ހަބަރު

ކުޅުދުއްފުށީގައި ފުޅި ބަންދުކުރާ ފެކްޓަރީ އަޅަން ފަށައިފި

ފެން ކުންފުނި، އެމްޑަބްލިއުއެސްސީ އަދި އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް (އައިބީއެމް) އިން ހދ. ކުޅުދުއްފުށީގައި އިމާރާތް ކުރަން ނިންމާފައިވާ ފެން އުފައްދާ ކާރުހާނާގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

އެ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ފެންކުންފުންޏާއި އައިބީއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި، އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު މުހައްމަދު ޝިފާގު އަދި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ.

މިއަދުގެ އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަޒުލް ވިދާޅުވީ ފެން ބަންދުކުރާ ކާރުހާނާތައް މީގެ ކުރިން އިމާރާތްކޮށް އެ މަސައްކަތްތައް ކުރަމުން އައީ މާލޭ ސަރަހައްދުގައި އެކަނި ކަމަށެވެ. އެހެން ކަމުން އަތޮޅުތަކުގެ ތެރެއަށް ފެން ލިބޭ އަގު ބޮޑު ކަމަށެވެ. އެހެން ނަމަވެސް އެރަށުގައި ފެން ބަންދު ކުރަން ފެށުމުން ހދ. އަދި ހއ. އަތޮޅުގެ ރައްޔިތުންނަށް ހެޔޮ އަގެއްގައި ފެން ލިބޭނެ ކަމަށެވެ. އަދި މިހާރު ރ. ދުވާފަރުގައި ވެސް ފެން ބަންދުކުރާ ކާރުހާނާގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ކުޅުދުއްފުށީގައި އިމާރާތްކުރާ ފެން ބަންދުކުރާ ކާރުހާނާގެ މަސައްކަތް އަންނަ އަހަރުގެ ދެވަނަ ކުއާޓާއަށް ނިންމާއިރު 15-20 އާއި ދެމެދުގެ ވަޒީފާ އުފެދޭނެ ކަމަށް ވިދާޅުވި އެވެ. އަދި އެދެ އަތޮޅުގެ އެހެން ރަށްތަކަށް ފެން ޑިސްޓްރިބިއުޓް ކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތުވެސް ލިބޭނެ ކަމަށެވެ.

ފަޒުލް ވިދާޅުވީ އެ ކާރުހާނާއިން 330 އެމްއެލް، 1.5 އެމްއެލް އަދި 500 އެމްއެލްގެ ފެން ފުޅި އުފައްދާނެ ކަމަށެވެ. އަދި ގަޑިއަކު 10،000 ފުޅި އުފައްދާނެ ކަމަށެވެ. މި އަންނަ އަހަރުގެ ތިން ވަނަ ކުއާޓާ ނިމޭއިރު ފަސް ލީޓަރުގެ ލައިނެއް އެ ކާރުހާނާއަށް ގެންދާނެ ކަމަށެވެ. އެ ލައިން ގެނައުމުން ގަޑިއިރަކަށް ދެހާސް ފުޅި އުފެއްދޭނެ ކަމަށެވެ.

އެ ޕްރޮޖެކްޓަށް ޖުމްލަ 30 މިލިއަން ރުފިޔާ އައިބީއެމްގެ ބަޖެޓުން ހަރަދު ކުރަން ވަނީ ނިންމާފަ އެވެ.

އެ ރަސްމިއްޔާތުގައ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ފެނުގެ ހިދުމަތަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެމުން އަންނަ ކަމަށެވެ. މުއިއްޒު ވިދާޅުވީ މާލޭގައި ފެން އުަފއްދާ ކާރުހާނާގައި ފެން އުފައްދާ މިންވަރުގެ ދެގުނަ އިތުރަށް ކުޅުދުއްފުށީގައި އަޅާ ކާރުހަނާގައި ފެން އުފައްދާ ބަންދުކުރެވޭނެ ކަމަށެވެ.

އެ ކާރުހާނާގެ މަސައްކަތް ނިމި ފެން ބަންދުކުރަން ފެށުމުން ހދ އަދި ހއ. އަތޮޅަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެތައް ފައިދާއެއް ވެގެންދާނެ ކަމަށެވެ.

"ސީދާ ގޮތުން މި ދަންނަވަނީ ފެނުގެ އަގު ހެޔޮވެގެން ދިއުން އަދި ވަޒީފާގެ ފުރުސަތުތައް އިތުރުވެގެން ދިއުން، އަދި ނުސީދާ ގޮތުން ވާ ފައިދާތަކުގެ ތެރޭގައި މިރަށުގެ ތަރައްގީގެ މަޝްރޫއުތަކަށް ވަރަށް ބޮޑު ފައިދާތަކެއް ލިބިގެންދާނެ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މިއަދު އަމަލީ މަސައްކަތް ފަށާ، އެއާޕޯޓު މަޝްރޫއުގެ މަސައްކަތް ނިމި އެއާޕޯޓުގެ ހިދުމަތް ދޭން ފަށާއިރު އެ ކާރުހާނާއިން އެއާޕޯޓަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ. އަދި ހދ. އަތޮޅުގެ ޓޫރިޒަމް ފެށިގެން އަންނައިރު ފައިދާލިބޭނެ ކަމެއް ކަމަށެވެ.

ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމަށް އެރަށަށް ގެންގޮސްފައިވާ އެމްޓީސީސީގެ މަހާޖައްރާފަށް އެރަށު ރައްޔިތުންގެ ފަރާތުން ފަރިވަޅު އެރުވުމަކީ އެއާޕޯޓަށް އެރަށު މީހުން ބޭނުންވެފައި ތިބި މިންވަރު ދޭހަވާ ކަމެއް ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

"މިހާތަނަށް އެއްވެސް ރަށަކުން އަޅުގަނޑުމެންނަށް ފެނުނު ކަމެއް ނޫން އެއީކީ، މި ރަށުގެ އެތައް ސަތޭކަ އަންހެނުންނެއް ނުކުމެ އެ ދިން ފަރިވަޅަކީ އެއާޕޯޓަށް އެރަށު މީހުން ބޭނުންވެފައި ތިބި މިންވަރު ދޭހަވާ ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒުގެ ވާހަކައިގައި ކުޅުދުއްފުށީގައި ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުގެ ވާހަކަތައް ވިދާޅުވި އެވެ.