ކުޅިވަރު

މެދުކެނޑުމަކަށް ފަހު ޓިއުނީޝިއާ، މޮރޮކޯ ވޯލްޑްކަޕަށް

Nov 12, 2017

އެފްރިކާ ބައްރުގެ ވޯލްޑް ކަޕްގެ ފަހު ދެ ޖާގަ، އުތުރު އެފްރިކާ ސަރަހައްދުގައި އޮންނަ ދެ ގައުމު ކަމަށްވާ ޓިއުނީޝިއާ އާއި މޮރޮކޯ ހޯދައިފި އެވެ. ދެ ގައުމުވެސް ވޯލްޑް ކަޕް ޖާގަ ހޯދީ މެދުކެނޑުމަށްފަހު އެވެ.

ވޯލްޑްކަޕްގެ ޖާގަ ހޯދަން މޮރޮކޯއަށް ބޭނުން ވަނީ އެންމެ ޕޮއިންޓެކެވެ. ނަމަވެސް، އައިވަރީ ކޯސްޓާ ދެކޮޅަށް ކުޅުނު މެޗު އެ ޓީމު ވަނީ 2-0 މޮޅުވެފަ އެވެ. މޮރޮކޯގެ ފުރަތަމަ ލަނޑު 25 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ނާބިލް ލިރާރް އެވެ. ދެ ވަނަ ލަނޑު އޭގެ ފަސް މިނެޓް ފަހުން ކާމިޔަބު ކުރީ، މެހްދީ ބިނާތިއްޔާ އެވެ.

މޮރޮކޯގެ ކޯޗަކީ ފްރާންސްގެ ހާވޭ ރެނާޑް އެވެ. އެފްރިކާގެ ފުޓްބޯޅައިގައި އޭނާއަށް މަގުބޫލު ކަމެއް ލިބުނީ 2015 ވަނަ އަހަރު ބޭއްވި އެފްރިކަން ކަޕް އޮފްނޭޝަން އައިވަރީ ކޯސްޓްގެ ޓީމަށް ހޯދައިދިނުމުން ނެވެ.

މީގެ ކުރިން މޮރޮކޯ ވޯލްޑް ކަޕުން ޖާގަ ހޯދާފައި ވަނީ ފްރާންސްގައި 1998 ގައި ބޭއްވި ވޯލްޑް ކަޕްގަ އެވެ. އެ ޓީމުން އެންމެ ފުރަތަމަ ވޯލްޑްކަޕްގައި ވާދަ ކުރީ މެކްސިކޯގައި 1970 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕްގަ އެވެ.

ޓިއުނީޝީއާ ވޯލްޑްކަޕުން ޖާގަ ހޯދީ، ލީބިޔާއާ ދެކޮޅަށް ކުޅުނު މެޗުން ޕޮއިންޓެއް ހޯދައިގެން ނެވެ. ދެ ޓީމު ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

ޓީއުނީޝިއާ އެންމެ ފަހުން ވޯލްޑްކަޕުން ޖާގަ ހޯދީ ޖަރުމަންގައި 2006 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގަ އެވެ. އެ ޓީމުން އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ވަދަ ކުރީ 1978 ވަނަ އަހަރު އަޖެންޓީނާގައި ބޭއްވި ވޯލްޑް ކަޕްގަ އެވެ. އެ ޓީމަކީ ވޯލްޑްކަޕްގައި އެންމެ ފުރަތަމަ މެޗަކުން މޮޅުވި އެފްރިކާ ބައްރުގެ ޓީމެވެ. އެ އަހަރު ވޯލްޑް ކަޕްގައި މެކްސިކޯ އަތުން އެޓީމު މޮޅުވީ 3-1 ން ނެވެ.

ޓިއުނީޝިއާ އާއި މޮރޮކޯގެ އިތުރުން އެފްރިކާ ބައްރުން ވޯލްޑްކަޕްގެ ޖާގަ ހޯދާފައި ވަނީ ނައިޖީރިއާ، މިސްރު އަދި ސެނަގާލް އެވެ.

ވޯލްޑްކަޕުން ޖަގަ ކަށަވަރު ކޮށްފައިވާ ގައުމުތައް

އޭޝިއާ: އިރާން، ޖަޕާން، ދެކުނު ކޮރެއާ ސައުދީ އަރަބިއްޔާ

ދެކުނު އެމެރިކާ: ބްރެޒިލް، އުރުގުއޭ، އާޖެންޓީނާ، ކޮލަމްބިއާ، ޕެރޫ

އުތުރު އެމެރިކާ އަދި ކެރީބިއަން: މެކްސިކޯ، ކޮސްޓަރިކާ، ޕެނަމާ

އެފްރިކާ: ނައިޖީރިއާ، މިސްރު، ސެނަގާލް، މޮރޮކޯ، ޓިއުނީޝިއާ

ޔޫރަޕް: ބެލްޖިއަމް، ޖަރުމަން، ޕޮލެންޑް، ސްޕެއިން، އިންގްލެންޑް، ފްރާންސް، ޕޯޗްގަލް، ސާބިއާ، އައިސްލެންޑް، ރަޝިއާ (މުބާރާތް ބައްވާ ގައުމުގެ ހައިސިއްޔަތުން)