ކުޅިވަރު

ރެއާލްގެ އިސްކޯއަށް ވެސް އަނިޔާ ވެއްޖެ

Nov 12, 2017

ކޮސްޓަރިކާއާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި ސްޕެއިންގެ އެ ޓޭކިން މިޑްފީލްޑާ އިސްކޯ އަށް އަނިޔާވެ، ރެއާލް މެޑްރިޑްގެ އަނިޔާގެ ލިސްޓަށް އިތުރު ބޮޅެއް އިތުރު ވެއްޖެ އެވެ.

ރެއާލްއަށް ކުރިމަތީގައި އޮތީ ވާދަވެރި އަދި އެހާމެ މުހިންމު މެޗެކެވެ. އެއީ ވާދަވެރި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗާ ކުރިމަތިލާއިރު، އިސްކޯގެ އިތުރުން ގެރެތު ބޭލްއަށްވެސް ވަނީ އަނިޔާ ވެފަ އެވެ. ބޭލް އަށް އަނިޔާވެ، އޭނާ އަށް މިއަހަރު އެއްވެސް މެޗެއް ނުކުޅެވޭނެ އެވެ.

އިސްކޯގެ އަނިޔާއާ ބެހޭގޮތުން އިތުރު އެއްޗެއް ބުނަން އެނގޭނީ، މިއަދު ހަދާ ޓެސްޓްތަކަށް ފަހު އެވެ. އިސްކޯ އަށް އަނިޔާވީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. ކޮސްޓަރިކާގެ ކެންޑަލް ވަސްޓޮން ކުރި ޗެލެންޖެއްގައި އިސްކޯއަށް ވަސްޓޮން ޓެކްލު ކުރުމުން އިސްކޯ ވެއްޓުނީ އެވެ. ބޯޅަ އަލުން ހޯދަން ދުއްވައިގަންނަން އުޅުނު ނަމަވެސް އިސްކޯ ނިންމީ މަޑު ކުރާށެވެ.

ސްޕެއިންގެ ކޯޗް ހޫލެން ލެޕޮޓޮގީ ފާހަގަ ކުރާ ގޮތުގައި، އިސްކޯ އަކީ މެޗުގެ ހުރިހާ މިނެޓެއްގައިވެސް ކުޅެން ބޭނުންވާ ކުޅުންތެރިޔެކެވެ. ނަމަވެސް، ރޭގެ މެޗުގައި އަނިޔާވުމުން، ބަދަލު ކުރަން އެދުނީ އޭނާ އަމިއްލަ އަށެވެ. އިސްކޯގެ އަނިޔާއާ ގުޅިގެން އެންމެ ބޮޑަށް ކަންބޮޑުވާނެ އެކަކީ ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން އެވެ. ޒިދާންގެ ޓީމުގައި، މި ސީޒަންގައި އެންމެ ރަނގަޅަށް ކުޅެމުންދާ ކުޅުންތެރިޔަކީ އިސްކޯ އެވެ. ރޭގެ މެޗުގައި އޭނާގެ ބަދަލުގައި ކުޅެން އެރީ، ރެއާލް މެޑްރިޑްގައި އޭނާގެ ޕެއާ މާކޯ އެސެންސިއޯ އެވެ.

މަލަގާގެ ސްޓޭޑިއަމްގައި ކުޅުނު މެޗު ސްޕެއިން ކާމިޔާބު ކުރީ 5-0 ން ނެވެ. ސްޕެއިންގެ ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ، ޑޭވިޑް ސިލްވާ އެވެ. ދެން ލަނޑުތައް ކާމިޔާބު ކުރީ ޖޯޑީ އަލްބާ އާއި އަލްވާރޯ މޮރާޓާގެ އިތުރުން އަންދުރޭ އިނިއެސްޓާ އެވެ.