ދުނިޔެ

ފިއްތުންތަކާ އެކު ބަންގާޅު އުއްތަމަފަނޑިޔާރު އިސްތިއުފާދެއްވައިފި

ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހެއް އުވާލުމާ ގުޅިގެން ސަރުކާރުން ބޮޑެތި ފިއްތުންތައް ކުރިމަތިކޮށްފަައި ވަނިކޮށް ބަންގްލަދޭޝްގެ އުއްތަމަ ފަނޑިޔާރު ސުރެންދުރަ ކުމާރު ސިންހާ މަގާން އިސްތިއުފާ ދެއްވައިފިއެވެ.

ސިންހާ އިސްތިއުފާ ދެއްވީ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމަށް ނެންނެވި އެއް މަސްދުވަހުގެ ޗުއްޓީއެއް ނިމުނުތާ އެއް ދުވަސް ފަހުންނެވެ. އޭނާ އިސްތިއުފާގެ ސިޓީ ފޮނުއްވީ ގައުމުން ބޭރުގައި ހުންވައިގެންނެވެ.

ބަންގްލަދޭޝް އުފެދުނުތާ 47 އަހަރު ވީއިރު އެގައުމުގެ އުއްތަމަ ފަނޑިޔާރުކަމުގެ މަގާމު ފުރުއްވި ބޭފުޅަކު މަގާމުގެ މުއްދަތު ހަމަ ނުކުރައްވައި އިސްތިއުފާ ދެއްވި ފުރަތަމަ ފަހަރެވެ. ސިންހާ އިސްތިއުފާ ދެއްވި އިރު އޭނާ އުމުރު ހަމަވެގެން މުސްކުޅި ކުރައްވަން ބާކީ އޮތީ އަހަރެއްހާ ދުވަހެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު އޮސްޓްރޭލިއާއަށް ވަޑައިގެންނެވީ ގާނޫނު އަސާސީއަށް ކުރިން ގެނެސްފަައިވާ އިސްލާހެއް ސުޕްރީމް ކޯޓުން އުވައިލުމުން ސަރުކާރުން އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ދަނިކޮށެވެ. އެކޯޓުން އުވައިލެއްވީ އެޕެކްސް ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކިކުރުމުގެ ބާރު ޕާލަމެންޓަށް އޮންނަ ގޮތަށް ގެނެސްފައިވާ އިސްލާހެވެ. އެ މާއްދާ އުވައިލުމުގައި ސިންހާ ބެއްލެވި ކަންތައްތަކަށް ބަންގާޅުގެ ވެރިކަން ކުރާ އަވާމީ ލީގުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެކަމުގައި ބޮޑުވަޒީރު ޝައިޚު ހަސީނާވެސް ވަނީ ބައިވެރިވަޑައިގެންފައެވެ.

ބަންގާޅު ސަރުކާރުގެ ފާޑުކިއުންތައް އަމާޒުވެފައި ވަނިކޮށް ސުޕްރީމް ކޯޓުން ވެސް ވަނީ ސިންހާއާ ދެކޮޅަށް ބަޔާނެއް ނެރެފައެވެ. އެކޯޓުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސިންހާއާ ދެކޮޅަށް ކޮށްފައިވާ ތުހުމަތު ތަކާ ހެދި އޭނާއާ އެކު މަސައްކަތް ކުރައްވަން ދެން ތިއްބެވި ފަނޑިޔާރުން ބޭނުންވެވަޑައި ނުގަންނަވާ ކަމަށެވެ.

ސިންހާއާ ދެކޮޅަށް ކޮށްފައިވާ ތުހުމަތު ތަކުގެ ތެރޭގައި މަނީ ލޯންޑްރިންއާއި ޚިޔާނާތާއި ފަސާދައިގެ ތުހުމަތުތައް ހިމެނެއެވެ. އެހުރިހާ ތުހުމަތެއް ވެސް އޭނާއަށް ކުރީ ސަރުކާރާ މަައްސަލަ ޖެހުނު ފަހުންނެވެ.

ސިންހާގެ އިސްތިއުފާގެ ސިޓީފުޅު ބަންގާޅުގެ ރައީސަަށް ލިބިވަޑައިގެންފައިވާކަން ރައީސްގެ ޕްރެސް ސެކްރެޓަރީ ހާމަ ކުރެއްވީ އިއްޔެ ހެނދުނުއެވެ.

ސިންހާ އިސްތިއުފާ ދެއްވުމުން ބަންގްލަދޭޝްގެ އިދިކޮޅު ފަރާތްތަކުން ބުނީ އެއީ އެއީ ބަންގްލަދޭޝްގެ ތާރީހުގެ ކަޅު ސަފުހާއެއް ކަމަށެވެ. ނަމަވެސް ސަރުކާރުން ބުނީ އެކަމުގައި ކަންބޮޑުވާން ޖެހޭ ކަމެއް ނެތް ކަމަށެވެ. - ޑާކާ ޓްރައިބިއުން