ދުނިޔެ

އެއް ދުވަސް ތެރޭ 25 ބިލިޔަން ޑޮލަރުގެ ވިޔަފާރިކޮށް، އަލީބާބާއިން ރެކޯޑު ހަދައިފި

ޗައިނާގައި ފަހަކަށް އައިސް ކުލަގަދަކޮށް ފާހަގަ ކުރަން ފަށާފައިވާ ދުވަހެއް ކަަމަށްވާ ' ސިންގަލްސް ޑޭ' ގައި އޮން ލައިން ވިޔަފާރީގެ ގަދަބާރެއް ކަމަށްވާ އަލީބާބާ އިން 25 ބިލިޔަން ޑޮލަރުގެ ވިޔަފާރިކޮށް، އަމިއްލަ ރެކޯޑު މުގުރާލައިފިއެވެ.

ސައްވީސް ގަޑި އިރުގެ ތެރޭގައި އެންމެ ބޮޑު ވިޔަފާރިއެއް ވުމުގެ ރެކޯޑު ކުރިން ވެސް އޮތީ އަލީބާބާގެ އެވެ. އެއީ މިިދިޔަ އަހަރުގެ ސިންގަލްްސް ޑޭގައި 17.8 ބިލިޔަން ޑޮލަރުގެ ވިޔަފާރި ވުމުންނެވެ. އަލީބާބާއިން ހޮނިހިރު ދުވަހު ބުނީ މިއަހަރުގެ ސިންގަލްސްޑޭގެ ވިޔަފާރިފެށިތާ 13 ގަޑި އިރުގެ ތެރޭގައި 18 ބިލިޔަން ޑޮލަރުގެ ވިޔަފާރި ވި ކަމަށެވެ.

އެކުންފުނިން ބުނީ ހޮނިހިރު ދުވަހުގެ ވިޔަފާރި ފެށިތާ މިނެޓެއް ވީ އިރު ގަންނަ މީހުން އެއް ބިލިޔަން ޑޮލަރު ހަރަދުކުރި ކަމަށެވެ. އަދިި ރޭގެ މެންދަމު ޝަންހާއީ ގަޑިން 12 ޖެހި އިރު ހޮނިހިރު ދުވަހުގެ ވިޔަފާރީގެ އަގު ވަނީ 25.4 ބިލިޔަން ޑޮލަރަށް އަރާފައެވެ. އެއި ކުރީ އަހަރުގެ ސިންގަލްސްޑޭ އަށް ވުރެ 40 ޕަސެންޓް އިތުރު އަދަދެކެވެ.

މިއީ އެމެރިކާގައި އެންމެ ބޮޑަށް ވިޔަފާރިވާ ދުވަސްތައް ކަަމަށްވާ ' ބްލެކް ފްރައިޑޭ' އާއި ސައިބާ މަންޑޭ' ގައި ވާ ވިޔަފާރި އެއްކޮށްލުމުން ވާ ވަރަށް ވުރެެވެސް މަތީ މިންވަރެކެވެ.

ސިންގަލްޑޭ އަކީ ޗައިނާގައި ކައިވެނި ނުކޮށް ތިބި މީހުން ފާހަގަ ކުރާ ނުރަސްމީ ބަންދު ދުވަހެކެވެ. އަލީ ބާބާއިން އެދުވަސް ބޮޑު ފެސްޓިވަލަކަށް ބަދަލުކޮށް، ޑިސްކައުންޓްތައް ދޭން ފެށީ 2009 ވަނަ އަހަރުއެވެ. އެދުވަސް ފާހަގަ ކުރަނީ ހަމަ އެކަނި ޗައިނާގައި ކަމަށް ވިޔަސް އެދުވަހު އެހެން ގައުމުތަކުގެ މީހުން ކުރާ ވިޔަފާރިވެސް އިތުރުވާކަމަށް އަލީބާބާއިން ބުނެއެވެ.