މިހާރުގެ ކޯޗް ޖިއަމްޕިއޭރޯ ވެންޗޫރާ ވަކި ކޮށް، އިޓަލީގެ ކޯޗް ކަމަށް އެ ގައުމުގެ ކާލޯ އަންޗެލޯޓީ ގެންނަން އުޅޭ ކަމުގެ އަޑުތައް އިޓަލީގެ ފުޓްބޯޅަ މަސްރަހުގައި ގަދަ ވެއްޖެ އެވެ.
ވެންޗޫރާ ވަކި ކުރަން އުޅޭ ވާހަކަ ގަދަވީ، އަންނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްޑްކަޕްގެ ޖާގަ ހޯދުމަށް ކުޅެންޖެހޭ ޕްލޭއޮފް ބުރުގައި، ޕްލޭއޮފްގެ ފުރަތަމަ މެޗުން ސްވިޑެން އަތުން އިޓަލީ ބަލި ވުމުންނެވެ. މިދިޔަ ހުކުރު ދުވަހުގެ ރޭ ސްވިޑެންގައި ކުޅުނު މެޗު އެ ޓީމު ކާމިޔާބު ކުރީ 1-0 ން ނެވެ. މާދަމާ ރޭ މިލާންގެ ސެންސީރޯ ސްޓޭޑިއަމްގައި ކުޅޭ ދެ ވަނަ ލެގް މެޗުން އިޓަލީއަށް ނަތީޖާއެއް ނުނެރެވިއްޖެނަމަ 1958 ގެ ފަހުން ފުރަތަމަ ފަހަރަށް އެ ގައުމަށް ވޯލްޑްކަޕުން ޖާގަ ގެއްލޭނެ އެވެ.
އިޓަލީގެ ކުޅިވަރު ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި، ވޯލްޑްކަޕްގެ ޖާގަ އިޓަލީއަށް ލިބުނަސް، ވެންޗޫރާގެ މަގާމު ސަލާމަތްވުމީ ދުރު ކަމެކެވެ. އޭނާ ވަނީ 2020 ވަނަ އަހަރާ ހަމަޔަށް އިޓަލީގެ އެއްބަސްވުން އާ ކޮށްފަ އެވެ. ނަމަވެސް، އޭނާއާ މެދު ސުވާލު އުފެދުނީ ކޮލިފައިންގައި ސްޕެއިން އަތުން 3-0 ބަލިވެ ގުރޫޕްގެ އެއް ވަނަ ނުހޯދުމުން ނެވެ.
އަންޗެލޯޓީ މިވަގުތު ހުރީ ހުސް ކޮށެވެ. ސެޕްޓެމްބަރު މަހު ފަހު ކޮޅު ބަޔާން މިޔުނިކްގެ ކޯޗް ކަމުން ވަކި ކުރުމުން، އޭނާ ބުނީ މި ސީޒަންގައި އިތުރު ޓީމަކާ ހަވާލު ނުވާނެ ކަމަށެވެ. ނަމަވެސް އިޓަލީގެ މީޑިއާތަކުން ބުނަނީ އިޓަލީގެ ފުޓްބޯޅަ އިދާރާއިން އޭނާއާ ވާހަކަ ދައްކަން އިށިންދެއްޖެނަމަ އަންޗެލޯޓީގެ ނިންމުން ބަދަލު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ކޮރޭޝިއާގެ ގައުމީ ޓީމަށް އަންޗެލޯޓީ ގެނައުމަށްވެސް އެގައުމުގެ ފުޓްބޯޅަ އިދާރާއިން މަސައްކަތް ކުރާ ކަމުގެ އަޑުތައް ވެސް ވަނީ ފެތުރިފަ އެވެ.
އަންޗެލޯޓީ ވަނީ އޭނާގެ ކޯޗިން ކެރިއަރުގައި އިޓަލީގެ ޔުވެންޓަސް އައީ އޭސީ މިލާންއަށް ކާމިޔާބު ހޯދައި ދީފަ އެވެ. މީގެ އިތުރުން ޗެލްސީ އާއި ޕީއެސްޖީ އާއި ރެއާލް މެޑްރިޑަށްވެސް އޭނާ ކާމިޔާބު ހޯދައިދިނެވެ. އިޓަލީއަށް ނިސްބަތްވާ ކޯޗުންގެ ތެރެއިން ޔޫރަޕްގައި އެންމެ ގިނަ ކާމިޔާބު ހޯދާފައި އެއް ކޯޗަކީވެސް އަންޗެލޯޓީ އެވެ.
އިޓަލީގެ ގައުމީ ޓީމަށް ގެންނާނެ ކަމަށް މީޑިއާއިން ގެންގުޅޭ ލިސްޓްގައި އޮތީ އަންޗެލޯޓީގެ ނަން އެކަންޏެއް ނޫނެވެ. އިޓަލީގެ 21 އަހަރުން ދަށުގެ ޓީމުގެ ކޯޗް ލުއީޖީ ޑި ބިއާޖޯގެ އިތުރުން ގައުމީ ޓީމުގެ ކުރީގެ ކޯޗް ޗެލްސީގެ އެންޓޯނިއޯ ކޮންޓޭގެ ނަންވެސް ހިމެނެ އެވެ. ނަމަވެސް ކޮންޓޭ ޗެލްސީގައި ގިނަ ދުވަސްތަކެއް ހުންނަން ހިޔާލު ކޮށްފައި ވުމުން އޭނާ އެނބުރި އިޓަލީއަށް އަންނާނެ ކަަމަށް ނުބެލެވެ އެވެ. ވެންޗޫރާ ވަކި ކޮށްފިނަމަ މަގާމަށް ގެންނާނެ ކަމަށް ބެލެވެނީ ޑި ބިއާޖޯ އެވެ. ޒުވާން ޓީމުގައި އޭނާ ބޭނުން ކުރާ 4-3-3 ގެ ފޯމޭޝަންއަށް ގިނަ ބޔަކު ތައުރީފް ކުރެ އެވެ.