ރިޕޯޓް

ސައުދީން ހަރީރީއާ މެދު ކަންތައް ކުރީ ކިހިނެތް؟

ލުބުނާނުގެ ބޮޑުވަޒީރުކަމުން ސައުދުލް ހަރީރީ އިސްތިއުފާދެއްވީ އަމިއްލަފުޅު އިޚުތިޔާރުގައި ކަަމަކަށް އެގައުމުގެ ސިޔާސީ ލީޑަރުން ގަބޫލެއް ނުކުރައްވައެވެ. ސައުދީ އަރަބިއްޔާގައި ހުންނަވާފައި އޭނާ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވީ ވަރަށް ކަންތައް ބޮޑު ދުވަހެއްގައެވެ. އެއީ ކޮރަޕްޝަނުގެ ތުހުމަތު އެޅުވުމަށް ފަހު އެގައުމުގެ އަމީރުންތަކަކާއި ވަޒީރުންތަކެއް ހައްުޔަރުކުރި ދުވަހެކެވެ.

ސައުދީ ސަރުކާރުގެ ޓީވީ ޗެނަލަކުން ދެއްކ ހިތާބެއްގެ ޒަރިއްޔާއިން ހަރީރީ އެދުވަހު އިސްތިއުފާ ދެއްވުމަކީ އިއްތިފާގެއް ކަމަކަށް ވެސް ލުބުނާނުން ގަބޫލެއް ނުކުރެއެވެ. އެގައުމުން ތުހުމަތު ކުރަނީ ސައުދީން ހަރީރީ ރަހީނު ކުރީ ކަމަށެވެ. ނަމަވެސް ސައުދީން އެ ތުހުމަތަށް އިންކާރު ކުރެއެވެ.

ތޮމްސަން ރޮއިޓާސް އިން އިއްޔެ ވަނީ ހަރީރީގެ ވަރަށް އަރިސްް ބޭފުޅުންތަކަކާ ހަވާލާދީ އެހާދިސާ ހިނގިގޮތް ކަމަށް ބުނާ ވާހަކަ ތަކެއް އާއްމު ކޮށްފައެވެ. އެ އެޖެންސީގެ ރިޕޯޓްގައި ބުނެފައިވާ ގޮތުން ހަރީރީ ދަތުރުކުރެއްވި މަތިންދާބޯޓު ސައުދީގައި ޖެއްސުމާއި އެކުގައި ވެސް ކަންތައްތައް ރަނގަޅު ނޫންކަން އޭނާއަށް އެނގިވަޑައިގެންނެވިއެވެ.

" ނޮވެމްބަރުމަހުގެ ތިން ވަނަ ދުވަހު ސައުދުލް ހަރީރީގެ މަތިންދާބޯޓު ސައުދީ އަރަބިއްޔާގައި ޖެއްސި ވަގުތު އޭނާއަށް ލިބިވަޑައިގެންނެވީ ހައިރާން ކަމެއް. އޭނާއަށް މަރުހަބާ ވިދާޅުވާން ސައުދީ އަމީރުންނެއް ނުވަތަ މިނިސްޓްރީގެ މަސްއޫލުވެރިންނެއް ވަޑައިގެނެއް ނެތް. އެއީ އާއްމުކޮށް ގައުމެއްގެ ބޮޑުވަޒީރަކު ނުވަތަ އެހެން އޮފިޝަލަކު ރަސްގެފާނު ސަލްމާނާ ބައްދަލުކުރައްވަން ވަޑައިގެންނެވުމުން ކަންތައް ވާ ގޮތެއް ނޫން،" ހަރީރީގެ އަރިސް ، އަދި ލުބުނާނުގެ ސިޔާސީ އަދި ސަލާމަތީ އިސް އޮފިޝަލުން ރޮއިޓާސްއަށް ވިދާޅުވެފައި ވެއެވެ.

އެބޭފުޅުން ވިދާޅުވެފައިވާ ގޮތުގައި ސައުދީ އޮފިޝަލުން ހަރީރީގެ ފޯނު އަތުލިއެވެ. އަދި ސައުދީ ސަރުކާރުގެ ޓީވީ ޗެނަލަކުން ދުރަށް ދެއްކިި ހިތާބެއްގެ ޒަރިއްޔާއިން މަގާމުން އިސްތިއުފާ ދެއްވުމަށް ޖެހިގެން އައި ދުވަހު މަޖުބޫރު ކުރުވިއެވެ.

ހަރީރީގެ އިސްތިއުފާއާއި އެކު ލުބުނާނު ވެއްޓުނީ ސަރަހައްދަށް ނުފޫޒު ފޯރުވަން މަސަައްކަތް ކުރާ އީރާނާއި ހަމަ އެގޮތަށް މަސައްކަތް ކުރާ ސައުދީން ވަމުން އަންނަ އަރައިރުމުގެ މެދަށެވެ. ސޫރިޔާއާއި އިރާގާއި ޔަމަނުގައި ހިނގަމުންދާ ހަނގުރާމަ ތަކުގެ އެއް ސަަބަބަކީ އީރާނާއި ސައުދީގެ ދެކޮޅުވެރިކަމެވެ. އެ ތިން ގައުމުގައި ވެސް ދެގައުމުން ގެންދަނީ ހަނގުރާމަވެރި ޖަމާއަތްތަކަށް މަދަދުކުރަމުންނެވެ.

ހަރީރީގެ އަރިސް ބޭފުޅުން ވިދާޅުވެފައިވާ ގޮތުގައި ސައުދީ އަރަބިއްޔާގެ ޒަމާންވީ އެކުވެރިއާ، އަދި 2005 ވަނަ އަހަރު އަވަހާރަކޮށްލާފައިވާ ކުރީގެ ބޮޑުވަޒީރު ރަފީގުލް ހަރީރީގެ ދަރިކަލުން ސައުދު މަގާމު ދޫކޮށްލައްވަން ޖެހޭަ ކަމަށް ސައުދީން ކަނޑައެޅީ ހިޒްބުﷲ އާ ކުރިމަތިލައްވަން އޭނާ ދެކޮޅު ހެއްދެވުމުންނެވެ.

ސައުދުލް ހަރީރީގެ ބަދަލުގައި އޭނާގެ ބޭބޭފުޅު ބަހާއުލް ހަރީރީ ލުބުނާނުގެ ވެރިކަމަށް ގެންނަން ސައުދީން ބޭނުންވާ ކަން ގިނަ މަސްދަރު ތަކަކަކުން ރޮއިޓާަސްއަށް އެނގިފައިވާ ކަަމަށް އެ ޖެންސީގެ ރިޕޯޓުގައި ވެއެވެ. އަދި ބުނެފައި ވަނީ ބަހާއު މިހާރު ވަޑައިގެން ހުންނެވީ ސައުދީގައި ކަމަށާއި ބަހާއުށް ބައިއަތު ހިގަން އެގައުމަށް ދާން އާއިލާއަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް އާއިލާ އެކަމާ ދެކޮޅު ހަދާ ކަމަށް ވެސް އެ ރިޕޯޓުގައި ވެއެވެ.

އެއްވެސް އިހުތިރާމެއް ނުކުރޭ

ސައުދީ ރަސްގެފާނު ސަލްމާނު ބިން އަބުދުލް އަޒީރު އަލް ސައުދާ ބައްދަލުކުރައްވަން އެގައުމަށް ވަަޑައިގެންނެވުމަށް ހަރީރީއަށް އެންގެވީ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހު އޭނާއަށް ގުޅުއްވި ސައުދީ އޮފިޝަލެކެވެ. ފުރާ ވަޑައިގެންނެވުމުގެ ކުރިން އޭނާގެ އަރިސް ބޭފުޅުންނަށް ހަރީރީ ވިދާޅުވީ ހޯމަ ދުވަހު މަޝްވަރާތަކަކަށް އަލުން ވަޑައިގަންނަވާނެ ކަމަށެވެ. އަދި މީޑިއާ ޓީމަށް ވިދާޅުވީ ދެން ބައްދަލުކުރައްވާނީ ހަފުތާ ބަންދުގައި މިސްރުގެ ޝަރުމުއް ޝައިޚު ރިސޯޓުގައި ކަަމަަށެވެ.

ޝަރުމުއް ޝައިޚުގައި ބާއްވާ ވޯލްޑް ޔޫތު ފޯރަމްގެ ހަވާސާގައި މިސްރުގެ ރައީސް އަބުދުލް ފައްތާހު އައް ސީސީއާ ސައުދު ބައްދަލުކުރައްވަން ކުރިން އޮތީ ހަމަޖެހިފައެވެ.

" ސައުދީގައި މަތިންދާބޯޓު ޖެއްސުމާ އެކު ހަރީރީއަށް އެނގިވަޑައިގެންނެވި ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން. އެތަނުގައި ( އެއާޕޯޓުގައި ) ނެތް އެކަކުވެސް އޭނާއަށް އިސްތިގުބާލުކުރަން،" ރޮއިޓާސްއާ ވާހަކަ ދެއްކި މަސްދަރު ބުނެފައި ވެއެވެ.

އެ މަސްދަރުން ބުނެފައި ވަނީ އޭނާ ފައިބައި ވަޑައިގެންނެވުމާއި އެކު ފޯނު އަތުލި ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން ސައުދީ ސަރުކާރުގެ ބަހެއް ރޮއިޓާސްއަށް އަދި ނުލިބޭަ ކަމަށް އެ އެޖެންސީން ބުންޏެވެ.

ހަރީރީ ދެން ވަޑައިގެންނެވީ ވެރިރަށް ރިޔާޒުގައިވާ އޭނާގެ އަމިއްލަފުޅު ގެއަށެވެ.

ބައްޕާފުޅު ރަފީގުލް ހަރީރީ ފަދައިން އޭނާއަކީ ވެސް ލުބުނާނުގެ އިތުރުން ސައުދީގެ ރަށްވެހިން އޮންނަ ބޭފުޅެކެވެ. ރަފީގުލް ހަރީރީ މުއްސަނދިވެވަޑައިގެންނެވީ ވެސް ސައުދީގައި ކުރެއްވި ވިޔަފާރިންނެވެ. އެއާއިލާގެ ވިޔަފާރިއާއި ގެދޮރު އެގައުމުގައި ހުރެއެވެ. ސައުދުލް ހަރީރީ އުފަން ވެވަޑައިގެންނވީ ވެސް ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައެވެ.

ޖެހިގެން އައި ދުވަހު ސައުދީ އޮފިޝަލަކު އޭނާއަށް ގުުޅުއްވައި އެންގެވީ ވަލީ އަހުދު އަދި ޑިފެންސް މިނިސްޓަރު އަމީރު މުހައްމަދު ބިން ސަލްމާނާ ބައްދަލުކުރައްވަން ވަޑައިގެންނެވުމަށެވެ. އެ ބައްދަލުވުން އޮންނާނެ ކަމަށް އެންގެވި ތަނަށް ވަޑައިގެން މުހައްމަދުގެ އިންތިޒާރުގައި ހަރީރީ ހަތަރު ގަޑި އިރު ހޭދަކުރެއްވި ފަހުން ލިބިވަޑައިގެންނެވީ ލިޔެފައިވާ އިސްތިއުފާގެ ހިތާބެވެ.

" ސައުދީއަށް ވަޑައިގެންނެވި ވަގުތުން ފެށިގެން ވެސް އެމީހުން އޭނާއަކަށް އެއްވެސް އިހުތިރާމެއް ނުކުރޭަ،" ރޮއިޓާސްއާ ވާހަކަ ދެއްކި މަސްދަރު ބުނެފައި ވެއެވެ.

މުހައްމަދު ބިން ސަލްމާނާ ކުރިން ބައްދަލުކުރެއްވި

މިފަހަރުގެ ދަތުރުފުޅުގެ ކުޑަ ދުވަސްކޮޅެއް ކުރިން ހަރީރީ ސައުދީއަށް ވަޑައިގެންނެވިއެވެ. އޭނާއަކީ ގިނަ ގިނައިން އެގައުމަށް ވަޑައިގަންނަވާ ބޭފުޅެކެވެ. އެދަތުރުފުޅުގައި އޭނާ ސައުދީ އަރަބިއްޔާގެ ޖާސޫސީ އޮފިޝަލަކާއި ގަލްފް އެފެއާޒް މިނިސްޓަރު ސަމީރު އަލް ސަބްހާން އާ ބައްދަލުކުރައްވަން މުހައްމަދު ބިން ސަލްމާން އިންތިޒާމްކޮށްދެއްވިއެެވެ. ސަބްހާން އަކީ ލުބުނާނުގެ ކަންތައްތައް ބަލަން ސައުދީން ހާއްސަކޮށްފައި ހުންނަވާ ބޭފުޅާއެވެ.

އެދަތުރުފުޅުން އެނބުރި ވަޑައިގެންނެވީ ' ހިތްޕުޅު ހަމަޖެހިވަޑައިގެން ހުންވަ'އެވެ.

" އޭނާ ވިދާޅުވި ވަލީ އަހުދުގެ ފަރާތްޕުޅުން އަޑު އިވިވަޑައިގެންނެވީ ހިތްވަރު ލިބިވަޑައިގަންނަވާ ފަދަ ވާހަކަފުޅު ތަކޭ. އޭގެ ތެރޭގައި ހިމެނޭ ލުބުނާނު ސިފައިންނަށް ސައުދީން ދޭން ވައުދުވީ ( އެކަމަކު އަދި ނުދީ އޮތް) އެހީ އަލުން މުރާޖައާ ކުރުން ވެސް، " ރޮއިޓާސްއާ ވާހަކަަ ދެއްކި މަސްދަރުންް ބުނެފަައި ވެެއެވެ.

އަރިސް ބޭފުޅުން ވިދާޅުވެފައި ވަނީ ލުބުނާނުގެ ރައްޔިތުންގެ ހައްގުގައި ( އެމީހުންނަށް ވެދާނެ ގެއްލުމަކުން ސަލާމަތް ކުރަން) ހިޒްބުﷲ ގުޅުން ބާއްވަވަން ޖެހިވަޑައިގަންނަވާކަން ސައުދީ އޮފިޝަލުންނަށް ވިސްނައި ދެއްވިއްޖެ ކަމަށް ހަރީރީ ގަބޫލުކުރެއްވި ކަމަށެވެ.

މެދު އިރުމައްޗާއި އެހެން ސަަރަހައްދުތަކުގެ ވެސް ގިނަ ގައުމުތަކުން ޓެރަރިސްޓް ޖަމާއަތެއް ކަމަށް ބަލާ ހިޒްބުﷲގެ ވަރުގަދަ ލަޝްކަރެއް ލުބުނާނުގައި އޮވެއެވެ. ލުބުނާނު ސަރުކާރުގެ ރަސްމީ ލަޝްކަރަށް ވުރެ ބިޔައީ ވެސް އެ ލަޝްކަރެވެ. އަދި އެމީހުން މީހުން ލުބުނާނު ޕާލަމެންޓުގައި ވެސް ތިބެއެވެ.

އެޖަަމާއަތް ބަލިކަށިކޮށްލަން މީގެ 10 ވަރަކަށް އަހަރު ކުރިން ސައުދީން މަަސައްކަތް ކުރުމުން ލުބުނާނުގެ ޝިޔައީންނާއި ސުންނީންނާ ދެމެދު ހަނގުރާމަ ހިނގިއެވެ. އެ ހަނގުރާމައިގައި ހިޒްބުﷲ އިން ވެރިރަށް ބައިރޫތު ހިފިއެވެ.

" އަހަރެމެންނަށް ގަބޫލު ކުރެވޭ ގޮތުގައި އެ ބައްދަލުވުމުގައި ވީ ގޮތަކީ ލުބުނާނު ސަރުކާރުން ހިޒްބުﷲއާ މެދު ގެންގުޅޭ އުސޫލު ހަރީރީ ހާމަ ކުރެއްވީ. އެ ޖަމާއަތާ ކުރިމަތިލުމަަަކަށް ހިނގައްޖެ ނަމަ ގައުމު ހަމަނުޖެހުމަށް ވެއްޓިދާނެ ކަަމަށް ވިދާޅުވީ. އަހަރެންނަށް ހީވަނީ އިވުނު ވާހަކަޔާ އެމީހުން ގަޔާ ނުވީހެން،" ބައްދަލުވުމާ ބެހޭ ގޮތުން މައުލޫމާތު ލިބި ހުރި މަސްދަރަކުން ރޮއިޓާސްއަށް ބުނެފައި ވެއެވެ.

މަސްދަރުތަކުން ބުނެފައި ވަނީ ' އަޅުގަނޑުގެ ނުވަތަ ލުބުނާނުގެ ބާރު ނުހިނގާ ކަމެއްގެ ޒިންމާ އަޅުގަނޑުމެންގެ ބޮލުގައި ނާޅުއްވާށޭ، " ސަބްހާން އަރިހު ހަރީރީ ވިދާޅުވި ކަމަށެވެ. ނަމަވެސް ސައުދީން ހިޒްބުﷲއާ މެދު ގެންގުޅޭ އުސޫލު އޭނާއަށް ރަނގަޅަށް ވިސްނި ވަޑައި ނުގަތީއެވެ.

ސައުދީން ދެކެނީ ހިޒްބުﷲ އަކީ އެގަައުމުގެ ދެމި އޮތުމަށް ނުރައްކާ ކުރާ ބައެއް ކަމަށެވެ.

އެ ދައުވާ އާ މެދު ސަބްހާންގެ ކޮމެންޓެއް ވެސް ރޮއިޓާސްއަކަށް ލިބިފައެއް ނުވެއެވެ.

ހިތާބުގައި ވަނީ ހަރީރީގެ ބަސްމަގެއް ނޫން

އިސްތިއުފާ ދެއްވުމުގެ ގޮތުން ހަރީރީ ދެއްވި ހިތާބުން އޭނާގެ އަރިސް ބޭފުޅުންނަށް ލިބިވަަޑައިގެންނެވީ ޝޮކެކެވެ.

ލުބުނާނުގެ ރައީސް މިޝޭލް އައޫން އެގައުމުގައި ތިއްބަވާ އެހެން ގައުމުތަކުގެ ސަފީރުންނަށް ވިދާޅުވީ ސައުދީން ހަރީރީ ރަހީނުކޮށްފައިވާ ކަމަށެވެ. އައޫން އަކީ ހިޒްބުﷲގެ ބައިވެރިއެކެވެ. ފާއިތުވި ހުކުރު ދުވަހު ފްރާންސް ސަރުކާރުން ބުނީ ހަރީރީގެ ހުރިހާ މިނިވަންކަމެއް އަނބުރައި އިއާދަކުރަން އެގައުމުން ބޭނުންވާ ކަމަށެވެ.

އިސްތިއުފާގެ ހިތާބުގައި ހަރީރީ ވިދާޅުވީ " އީރާނާއި ހިޒްބުﷲ އިން ސަރަހައްދު ގަޑުބަޑު ކުރަމުންދާ" ކަމަށެވެ. އަދި ވިދާޅުވީ އަރަބި ދުނިޔެއާ ދިމާލަށް ނުލަފާ ކަމާ އެކު ދިއްކުރަމުންދާ އަތް، ( އަރަބީން) ކަނޑައިލާނެ ކަމަށެވެ.

ހަރީރީގެ އަރިސް ބޭފުޅުން ވިދާޅުވާ ގޮތުގަިއ އެއީ އޭނާގެ ބަސްމަގެއް ނޫނެވެ.

މި ކަންކަމުގެ އިތުރުން ހަރީރި އިސްތިއުފާ ދެއްވި ދުވަހުގެ ކުރީ ދުވަހުން ފެށިގެން ސައުދީގެ މަޝްރަހުގައި ހިނގި ކަންތައްތަކަކީ ވެސް އޭނާގެ އިސްތިއުފާއާ މެދު ސުވާލު އުފެދޭ ކަންކަމެވެ. އޭނާ އިސްތިއުފާ ދެއްވުމުގެ ކުރިން ސައުދީގައި 200 އަށް ވުރެ ގިނަ މީހުން ހައްޔަރު ކުރިއެވެ. އޭގެ ތެރޭގައި 11 އަމީރަކާއި ވަޒީރުންނާއި ބޮޑެތި ވިޔަފާރިވެރިން ހިމެނެއެވެ. އެމީހުން ހައްޔަރު ކުރީ ކޮރަޕްޝަނުގެ ތުހުމަތަށެވެ.