ހަބަރު

މި ވެރިކަން ސިފަވަނީ ރަސްކަމެއް ގޮތަށް: ސައުދު

ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާއަށް 49 ވަނަ އަހަރު ފުރުުނު އިރު ރައީސް އަބްދުﷲ ޔާމީންގެ އަމަލުތައް މިސްރާބު ޖަހާފައިވަނީ ރަސްކަމެއްގައި އަމަލުތައް ހުންނަ ގޮތަށް ކަމަށް ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ އިދިކޮޅު ފަރާތްތަކުން މިއަދު ހަވީރު ކުނޫޒުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ ރައްޔިތުން އަޅުވެތި ކުރާ ސިފަޔަށް ވެރިކަން ކުރަމުން އަންނަ ކަމަށެވެ.

"މިއަދު އަޅުގަނޑުމެންނާ ނޮވެމްބަރު 11 ބައްދަލުކުރެއްވިއިރު ރާއްޖެ މިވަނީ ވަރަށް ބޮޑަށް ރަސްކަމެއްގެ ސިފަޔަށް، ރައްޔިތުން އަޅުވެތިވާ ސިފަޔަށް ސިޔާސީ މަޝްރަހު ބައްޓަންވަމުން މިދަނީ،" ސައުދު ވިދާޅުވި އެވެ.

ސައުދު ވިދާޅުވީ ރައްޔިތުންގެ ބާރުވެރިކަމާއި ރައްޔިތުންގެ ހިއްސާ އަދި ފަރުދީ މިނިވަންކަން ނިގުޅައިގަނެފައިވާ ކަމަށެވެ. އެކަންކަމަކީ މިނިވަން ވެރިކަމެއްގައި ގާނޫނޫން ރައްޔިތުންނަށް ލިބެންޖެހޭ ހައްގެއް ކަމަށް ސައުދު ވިދާޅުވި އެވެ. ސިޔާސީ ކަންކަން ހިންގާ ފަރާތްތަކަށް ނުހައްގުން ޖަލަށް ލައްވާފައިވާކަމަށް ސައުދު ވިދާޅުވި އެވެ.

ސިޔާސީ ގޮތުން ސަރުކާރު ތެރޭގައި ހުރި ކަންކަމަށް ޖަވާބުދާރީ ކުރުވަން މަސައްކަތްކޮށް އެވާހަކަ ދައްކާ ފަރާތްތަކަށް ޖަލު ހުކުމެއް އައުމުގެ ބިރު އޮންނަ ކަމަށް ސައުދު ވިދާޅުވި އެވެ.

"ފާރިސް މައުމޫންވެސް މިވަގުތު އެ ހުންނެވީ ހުކުމެއް ނުކޮށް ބަންދުކުރެވިފައި، 120 ދުވަސް ވަމުން މިދަނީ، ކާނަލް ނާޒިމްގެ މައްސަލައިގައިވެސް ކަންބޮޑުވުން ފާޅުކުރަން ޖެހޭ،" ސައުދު ވިދާޅުވި އެވެ.

ސައުދު އިތުރަށް ވިދާޅުވީ ސަރުކާރުގެ އަމަލުތައް ހުރީ އިގްތިސޯދީ ގޮތުން ރާއްޖެ އަޅުވެތިކަމަކަށް ގޮސްދާނެ ފަދަ ގޮތަކަށް ކަމަށެވެ.