ދުނިޔެ

ސައުދީ ޝާހީ ބޭފުޅުންނާއެކު ހައްޔަރު ކުރި ބައެއް މީހުން ދޫކޮށްލައިފި

  • ހައްުޔަރު ކުރީ 208 މީހުން، ދޫކޮށްލީ ހަތް މީހުން.
  • ކޮރަޕްޝަނުން 100 ބިލިޔަން ޑޮލަރު ގެއްލިފައިވޭ
  • ހޯދިފައި ވަނީ ވަރުގަދަ ހެކިތަކެއް

( ރިޔާޒު، އެސްޕީއޭ) ކޮރަޕްޝަން ހުއްޓުވަން ކަމަށް ބުނެ މިދިޔަ ހަފުތާގައި ސައުދީ އަރަބިއްޔާގައި ހައްޔަރު ކުރި 200 އަށް ވުރެ ގިނަ މީހުންގެ ތެރެއިން ބައެއް މީހުން ދޫކޮށްލައިފިއެވެ.

ކޮރަޕްޝަނުގެ ތުހުމަަތަށް މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހުން ފެށިގެން މިހައިތަނަށް ހައްޔަރު ކުރި 208 މީހުންގެ ތެރޭގައި އެގައުމުގެ ޝާހީ އާއިލާގެ 11 ބޭފުޅަކާއި ވަޒީރުންނާއި ކުރިން ވަޒީރުކަން ކުރައްވާފައި ތިއްބެވި ބޭފުޅުން އަދި ވިޔަފާރިވެރިން ހިމެނެއެވެ. އޭގެ ތެރޭގައި ބިލިޔަނަރު އަމީރު ވަލީދު ބިން ތަލާލް ވެސް ހިމެނިވަޑައިގަންނަަވައެވެ. އޭނާއަކީ އެޕަލް ކުންފުންޏާއި ޓްވިޓާ އަދި ފޯސީޒަންސްގެ ހިއްސާ އޮންނަ ބޭފުޅެކެވެ.

ސައުދީ އެޓާނީ ޖެނެރަލް ޝައިޚު ސައުލް އަލް މުޖީބު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ހައްޔަރު ކުރި 208 މީހުންގެ ތެރެއިން ހަތް މީހުންގެ ކުށެެއް ނެތުމުން ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮންކޮން ބައެއް ކަމެއް ހާމަކުރައްވާފައެއް ނުވެއެވެ. އޭގެ ތެރޭގައި ޝާހީ ބޭފުޅަކު ހިމެނޭ ކަމެއް ނުވަތަ ނޫންކަމެއް ވެސް ހާމައެއް ނުކުރައްވައެވެ.

ބަޔާނުގައި ވިދާޅުވެފައި ވަނީ މީހުން ހައްޔަރު ކުރުމުގެ އިތުރުން ބައެއް ބޭންކް އެކައުންޓްތައް ފްރީޒްކޮށްފައި ވަނީ ކޮރަޕްޝަން ނައްތައިލުމަށް މިހިނގާ ނޮވެމްބަަރުމަހުގެ ހަތަރު ވަނަ ދުވަހު ރަސްގެފާނު ސަލްމާން ބިން އަބުދުލް އަޒީޒު އަލް ސައުދު ނެރުއްވި ގަރާރާ އެއްގޮތަށް ކަމަށެވެ. އެގޮތުން ފްރީޒްކޮށްގައި ވާނީ ފަރުދުންގެ އަމިއްލަ އެކައުންޓްތައް ކަމަށާއި އެހެންވީމާ ވިޔަފާރިތަކަށް މައްސަލައެއް ކުރިމަތި ނުވާނެ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

ބަލަމުންދާ މައްސަލައިގެ ތަފުސީލު އާއްމު ކުރެއްވުމަށް ނެރުއްވި އެ ބަޔާނުގައި މުޖީބު ވިދާޅުވެފައި ވަނީ ތަހުގީގުން ހޯދިފައި ވަނީ ވަރަށް ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތަކެއް ކަމަށާއި ކޮރަޕްޝަނުން ހޯދާފައިވާ ފައިސާ 100 ބިލިޔަން ޑޮލަރަށް އަރާނެ ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ ތުހުމަތު ކުރެވޭ މީހުންނާ ދެކޮޅަށް ހޯދިފައި ވަނީ ވަރަށް ވަރުގަދަ ހެކި ކަމަށެވެ.


ސައުދީ ރަސްކަމުގެ އިސްބޭފުޅުންގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންތައް ތަހުގީގު ކުރުމަށް އެ ގައުމުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އިސްކޮށް ހުންނަވައިގެން މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު ވަނީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ކޮމިޓީ އެއް އުފައްދާފައެވެ. އެ ކޮމިޓީގެ އަމުރަށް ޝާހީ އާއިލާގެ 11 ބޭފުޅަކާއި ހަތަރު މިނިސްޓަރަކު ބަނީ ހައްޔަރުކޮށްފައެވެ.

ބޮޑެތި ބާރުތަކެއް ލިބިދޭ ގޮތަށް ސައުދީގެ ރަސްގެފާނު ސަލްމާން އުފެއްދެވި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ކޮމިޝަންގެ އަމުރަކަށް ހައްޔަރުކުރި ޝާހީ އާއިލާގެ ބޭފުޅުންގެ ތެރޭގައި ސައުދީ ޝާހީ އާއިލާގެ ބިލިއަނަރު އަދި އެ ގައުމުގެ މައި ވިޔަފާރި ކުންފުނީގެ ވެރިޔާ ޕްރިންސް އަލްވަލީދު ހިމެނެ އެވެ. މީގެ އިތުރަށް ޝާހީ އާއިލާގެ އިތުރު 10 ބޭފުޅަކު ވެސް ވަނީ ހައްޔަރުކޮށްފައިވެ އެވެ. އަދި މީގެ އިތުރުން ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ކަމަށް ބުނެ، ދެ ވަޒީރަކު ވެސް ވަނީ މަގާމުން ދުރުކޮށްފަ އެވެ.

މަގާމުން ދުރުކުރީ އެ ގައުމުގެ ނޭޝަނަލް ގާޑް މިނިސްޓަރާއި އިކޮނޮމިކް މިނިސްޓަރެވެ. މީގެ އިތުރަށް ކަނޑުގެ ސިފައިންގެ ކޮމާންޑަރު ވެސް މަގާމުން ވަނީ ދުރުކޮށްފަ އެވެ.

އެ ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކުގެ ތެރޭގައި 2009 ވަނަ އަހަރު ޖިއްދާގެ މަގުތަކުގައި ފެންބޮޑުވި ހާދިސާ އާއި ސައުދީ އަރަބިއްޔާގައި މާސް ވައިރަސް ފުޅާދާއިރާއެއްގައި ފެތުރުމުގައި އިހުމާލުވި ފަރާތްތަކުގެ މައްސަލަ ހިމެނެ އެވެ.

އަލަށް އުފެއްދި ކޮމިޝަނަށް ލިބިދީފައިވާ ބާރުތަކުގެ ތެރޭގައި ތުހުމަތު ކުރެވޭ މީހުންގެ އެކައުންޓްތައް ފްރީޒް ކުރުމާއި މުދާ ހިފެހެއްޓުމާއި ގައުމުން ފުރައިގެން ދިޔުން މަނާކުރުން ފަދަ ބޮޑެތި ބާރުތައް ހިމެނެ އެވެ. ސައުދީގެ ވަލީއަހުދު މުހައްމަދުގެ އިތުރުން ކޮރަޕްޝަން ނައްތާލުމަށް އުފެއްދި ކޮމިޝަންގައި ދެން ހިމެނެނީ އެންޓި ކޮރަޕްޝަންގެ ވެރިޔާ އާއި ޕަބްލިކް ސެކްރިއުޓީ ޑިވިޝަންގެ ވެރިޔާ އާއި އެ ގައުމުގެ ޕްރޮސިކިއުޓާ ޖެނެރަލް އަދި މައްސަލަތައް ތަހުގީގު ކުރާ މައިއިދާރާގެ ވެރިޔާ އެވެ.