ހދ. ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކުރަން އެ ރަށު އާބާދީން މަދުވަނީ 180 މީހުން ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ހަވަނަ އަހަރީ ދުވަސް ފާހަގަކުރަން ކުޅިދުއްފުށީގައި ރޭ ބޭއްވި "އުދުހޭ" ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެ ރަށު ދަފްތަރަށް 180 މީހުން އިތުރުވުމާއެކު އެ ރަށް ސިޓީއަކަށް ބަދަލުކުރަން ބޭނުންވާ ގާނޫނީ އިޖުރާއަތްތައް ފުރިހަމަކުރުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނައިން ދައްކާ ވާހަކައެއް ކޮން އިރަކުން ހޭ އަޅުގަނޑުމެން ސިޓީއަކަށް ބަދަލުވާނީ، ހަމައެކަނި ހުރަހަކީ 180 ރައްޔިތުން ކުޅުދުއްފުއްށީގެ ރައްވެހިންގެ ގޮތުގައި ރަޖިސްޓަރީ ވެގެން ދިއުން، އޭރުން އަޅުގަނޑުމެން ސިޓީއަކަށް ބަދަލުކުރަން ކުރަންޖެހޭ ކަންކަން ކުރެވޭނެ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދުވަނީ އެ ރަށު ރައްޔިތުން ސިޓީއަކަށް ބަދަލުކުރަން ބޭނުންވެފަ ތިބިކަމަށް ސަރުކާރުންވެސް ސަމާލުކަމެއް ދެއްވުމަށް ސަރުކާރަށް ގޮވާލައްވާފަ އެވެ.
ސިޓީއެއްގެ ދަރަޖަ ދެނީ އެ ރަށެއްގެ ރަށްވެހިންގެ އާބާދީ 10،000 މީހުން އިން މަތިވީމަ އެވެ. މިހާތަނަށް ރާއްޖޭގައި ސިޓީގެ ދަރަޖަ ދީފައިވަނީ އައްޑޫ އަދި ފުވައްމުލަކަށެވެ. އޭގެ އިތުރުން ގދ. ތިނަދޫއަށް 2018 ވަނަ އަހަރު ނިމުމުގެ ސިޓީއެއްގެ ދަރަޖަ ދޭން ސަރުކާރުން ވަނީ ނިންމާފަ އެވެ.