ކްރިސްޓިއާނޯ ރޮނާލްޑޯގެ ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒް ބަލިވެ އިން ހަބަރު މީޑިއާގައި އާންމުވިތާ މާ ގިނަ ދުވަހެއް އަދި ނުވެ އެވެ. އެހެން ނަމަވެސް އިއްޔެ މިވަނީ ޖޯޖީނާ ވިހާ ރޮނާލްޑޯއަށް އިތުރު އަންހެން ކުއްޖަކު ލިބިފަ އެވެ. އެއީ ރޮނާލްޑޯގެ ހަތަރު ވަނަ ދަރިފުޅެވެ.
ކްރިސްޓިއާނޯއަށް ހަތަރު ވަނަ ދަރިފުޅު ލިބުނުކަން އިއުލާނު ކުރުމަށް އޭނާ އިއްޔެ ވަނީ ޓުވިޓާގައި ފޮޓޯއެއް އާންމުކޮށްފަ އެވެ. އެ ފޮޓޯއިން ފެނިގެންދަނީ ޖޯޖީނާ ދަރިފުޅު އުރާލައިގެން އަދި ކައިރީގައި ރޮނާލްޑޯ އަދި ދޮށީ ދަރިފުޅު ކްރިސްޓިއާނޯ ރޮނާލްޑޯ ޖޫނިއާ ހުއްޓިލައިގެން ހުންނަ މަންޒަރެވެ. އަދި އެ ފޮޓޯ އާ އެކު ޖޯޖީނާ ވިހާ ދަރިފުޅަށް އަލާނާ މާޓީނާގެ ނަމުން ނަން ކިއުމަށްފަހު އަލާނާ އަދި ޖޯޖީނާގެ ހާލު ރަނގަޅު ކަމަށްވަނީ ބުނެފަ އެވެ. އަދި އެމީހުން ވަރަށް އުފަލުން ތިބި ކަމަށެވެ.
މި އަހަރުގެ ކުރީކޮޅު ރޮނާލްޑޯއަށް އެއް މާބަނޑު ދެކުދިން ލިބުނުއިރު އެ ކުދިން ހޯދާފައިވަނީ ސަރޮގޭޓް މަަންމައެއް މެދުވެރިކޮށެވެ. އެކުދިން އުފަންވީ ޖޫން މަހުގެ އަށް ވަނަ ދުވަހު އެވެ.
ރޮނާލްޑޯގެ ދޮށީ ދަރިފުޅު ކްރިސްޓިއާނޯ ރޮނާލްޑޯ ޖޫނިއާވެސް އޭނާ ހޯދާފައިވަނީ ސަރޮގޭޓް މަންމައެއް މެދުވެރިކޮށެވެ. އެ އަންހެން މީހާގެ މައުލޫމާތުވެސް ވަނީ ސިއްރުކޮށްފަ އެވެ. ރޮނާލްޑޯގެ ފުރަތަމަ ދަރި އުފަންވީ 2010 ވަނަ އަހަރެވެ.
އުމުރުން މިހާރު ހަތް އަހަރުވެފައިވާ ކްރިސްޓިއާނޯ ޖޫނިއާގެ ސަރޮގޭޓް މަންމައަށް އެފަހަރު ވަނީ 10 މިިލިއަން ޑޮލަރުދީފަ އެވެ. ރޮނާލްޑޯގެ މިލްކިއްޔާތު 230 މިލިއަން ޑޮލަރު އެބަހުރިކަމަށްވެ އެވެ.