ފިނިޕޭޖް

އާ ތަރިންގެ ތެެރެއިން އެންމެ މޮޅީ ކާކު؟

ފިލްމީ ދާއިރާއަށް މާގިނަ އާ ތަރިންތަކެއް ނުނުކުންނަ ރާއްޖޭގެ ފިލްމީ އިންޑަސްޓްރީއަށް މި އަހަރު ބޮޑު އަހަރަކަށްވާ އެއް ސަބަބަކީ އެއީ އެވެ. މުޅިން އާ ތަރިންތަކެއް ގެނެސް ފިލްމީ ދާއިރާގެ އާބާދީ ބޮޑުކޮށްލާ މުއްސަނދި ކޮށްލީ އެވެ. ގިނަ ތަރިން އެންމެ ފުރަތަމަވެސް ގެނެސް ވައްޓާލީ ފިލްމު ތަކުގެ ލީޑް ރޯލަށެވެ. ގިނަ ބަޔަކަށް ކަމުދިޔަވެސްމެ އެވެ.

މި އަހަރު މުޅިން އަލަށް ފިލްމީ ދާއިރާއަށް ނުކުމެ ފިލްމުތަކުގެ ލީޑް ރޯލުން ތައާރަފްވި ތަރިންނަކީ ނުޒުހަތު ޝުއައިބު، އަހްމަދު ޝިބާން، އަދި މުހައްމަދު ޔުނާން އެވެ. ފިލްމެއްގެ ލީޑް ރޯލަކުން އަލަށް ޖާދުﷲ އިސްމާއިލް ފެނިގެން ދިޔަ ނަމަވެސް އެކްޓިންގެ ދާއިރާއަށް ޖާދު އަކީ އާ މޫނަކަށް ނުވާނެ އެވެ. އެއީ ޖާދުގެ ގިނަ ލަވަތަކެއް ފެނިގެން ގޮސްފައ ހުރީތީ އެވެ.

އާ މޫނެއްގެ ގޮތުގައި ލީޑް ރޯލުން މި އަހަރު އެންމެ ފުރަތަމަ ފިލްމު އިންޑަސްޓްރީއަށް ނޭވަލި ތަރިއަކީ ނުޒުހަތު ޝުއައިބެވެ. މި އަހަރު އެޅުވި "މަލިކާ" އިން ނުޒުހަތު އާންމުންގެ ސަމާލުކަމަށް ހޯދާ އޭނާގެ އެކްޓިން އަށް ވަނީ ގިނަ ބަޔަކު ތައުރީފް ކޮށްފަ އެވެ. ނުޒޫ މިހާތަނަށް ފެނިގެން ގޮސްފައިވަނީ "މަލިކާ" އަދި "ނޯޓީ 40" އިންނެވެ. "ހައްދު"ގެ ހާއްސަ އައިޓަމް ސޯންގަކުންވެސް ނުޒޫ ވަނީ ފެނިގެން ގޮސްފަ އެވެ. ޑާކްރެއިން އިން އަންނަ އަހަރު އަޅުވަން ތައްޔާރުވަމުން އަންނަ "ވަކިން ލޯބިން" ގައިވެސް ނުޒޫ ފެނިގެންދާނެ އެވެ. އެ ފިލްމުގެ ޝޫޓިން މިހާރު ވަނީ ނިންމާލާފަ އެވެ.

އެކްޓު ކުރުމުގެ އިތުރުން އެއީ ނެށުންތެރިއެއް އަދި ލަވަކިޔުންތެރިއެއްވެސްމެ އެވެ.

އަބްދުލް ފައްތާހުގެ "ހައްދު" އިން ތައާރަފްވި އަހްމަދު ޝިބާން އަށް ގިނަ ބައެއްގެ ހާއްސަކޮށް އަންހެން ކުދިންގެ ސަމާލުކަން ހުއްޓުނީ އޭނާގެ އެކްޓިންގެ ހުނަރަށްވުރެ ބޮޑަށް ފިޒީކަށް ހިތް ކިޔައިގެންނެވެ. އެންމެ ފުރަތަމަ ފައްތާހު މި ދާއިރާއަށް ޝިބާން ނެރެފައިވަނީވެސް އޭނާގެ ލުކަށް ބަލައި ފިލްމީ ދާއިރާއަށް ބަދަލެއް ގެންނަން ނެރުނު ތަރި އެއްގެ ގޮތުގަ އެވެ. ހައްދު އަށް ފަހު މަދު ބަޔަކު ޝިބާން އަށް ތައުރީފް ކުރި ނަމަވެސް ފައްތާހު ހުރީ ޝިބާން އާ އެކު އިތުރު ފިލްމުތައް ހެދުމަށް އަތުކުރި އޮޅާލައިގެންނެވެ.

ރީތި ކަމަކީ ފިލްމީ ދާއިރާއިން ކުރިއަށްދާން ޕްލަސް ޕޮއިންޓެއް ނަމަވެސް އެކްޓު ނުކުރެވޭނަމަ ފިލްމީ ދާއިރާއިން ކުރިއަށް ނުދެވޭނެ ކަމަށް ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ތަޖުރިބާކާރު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

މިހާރު އޮލިމްޕަހުގައި ރަސްކަން ކުރަމުން އަންނަ ތަރި އަކީ ޔުނާނެވެ. މިހާތަނަށް މާލޭގައި ޔުނާން ފެނިގެންދާ "ބޮސް"ގެ 12 ޝޯ ހައުސްފުލްކޮށް ދެއްކިއިރު ފިލްމު ބެލި ގިނަ މީހުންވަނީ ޔުނާނަށް ތައުރީފްކޮށްފަ އެވެ. އަތޮޅު ތެރެއިން ފިލްމު ބެލި މީހުންވެސް ޔުނާނަށް ތައުރީފް ކުރި އެވެ. އެހެން ނަމަވެސް ފިލްމުގައި ޔުނާން ދައްކަން ޖެހޭ ކެރެކްޓާ އޭނާއަށް ދެއްކުނު ކަމާއިމެދު ބައެއް މީހުން އަންނަނީ ސުވާލު އުފައްދަމުންނެވެ. "ބޮސް" ޓީމުން ވަނީ ފިލްމު އެޅުވުމުގެ ކުރިންވެސް ޔުނާން އަށް ތައުރީފް ކޮށްފަ އެވެ.

ޔުނާން ކުރިއަށް އޮތްތަނުގައި ފިލްމީ ދާއިރާއިން ފެންނާނެ ތޯ އެއީ ގިނަ ބަޔަކު ކުރަމުން އަންނަ ސުވާލެކެވެ. ބޮސް ރލީޒްކުރުމުގެ ކުރިން ޔުނާން ބުނެފައިވަނީ އިތުރު ފިލްމު ކުޅުމުގެ ވިސްނުމެއް ނެތް ނަމަވެސް އޭނާ ފިލްމީ ދާއިރާއަށް ނެރެދިން ފާތިމަތު ނަހުލާ އަދި އައިޝަތު ރިޝްމީ އެދިއްޖެ ނަމަ އެ ފުުރުސަތެއްގެ ބޭނުން ހިފާނެ ކަމަށެވެ.