ދުނިޔެ

ބިންހެލުމެއް އައިސް އީރާނާއި އިރާގުން 135 މީހުން މަރުވެއްޖެ

އީރާނާއި އިރާގު ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރިއަށް ރޭ ބާރުގަދަ ބިންހެލުމެއް އައިސް 135 މީހުން މަރުވެ އެތައް ބަޔަކު ޒަހަމްވެއްޖެއެވެ.

އީރާނުގެ އޮފިޝަލުންނާ ހަވާލާދީ ބީބީސީ ބުނީ މަރުވި މީހުންގެ ތެރެއިން 129 މީހުންނަކީ އެގައުމުގެ ކާމަންޝާގް ޕްރޮވިންސްގެ މީހުން ކަމަށެވެ.

އެމެރިކާގެ ޖިއޮލިކަލް ސާވޭއިން ބުނީ ރިކްޓަ މިންގަނޑުން 7.3 ގެ ބާރުމިނުގައި އައި އެ ބިންހެލުމުގެ މަރުކަޒު ހުރީ އިރާނާއި އިރާގު ގުޅޭ އިރު އުތުރު ބޯޑަރުގެ ކައިރީގައިވާ އިރާގު ރަށެއް ކަމަށްވާ ހަލަބްޖާގެ ހުޅަނގު ދެކުުނުން 30 ކިލޯމީޓަރު ދުރަށް ކަަމަށެވެ. ބިންހެލުމުގައި އިރާގުން އެންމެ ބޮޑު ގެއްލުމެއްވީ ދަރުބަންދިޚާން ނަމަކަށް ކިޔާ ރަށަކަށް ކަމަށެވެ. އެއީ ކުރުދިސްތާން ސަރަހައްދުގައިވާ ސުލައިމާނިއްޔާ ނަމަކަށް ކިޔާ ރަށުގެ އިރުމަތިން 75 ކިލޯމީޓަރު ދުރުގައިވާ ރަށެކެވެ.

އީރާނުން ބުނީ އެގައުމުން އެންމެ ބޮޑު ގެއްލުމެއްވީ ބޯޑަރާއި 15 ކިލޯމީޓަރު ދުރުގައިވާ ސަރްޕޯލޭ ޒަހަބް ނަމަކަށް ކިޔާ ރަށަށް ކަމަށެވެ. އުމްރާނީ ގޮތުން އެރަށަށް ލިބުނު ގެއްލުންތަކުގެ ތެރޭގައި ރަށުގެ މައި ދެހޮސްޕިޓަލު ހަލާކުވުން ހިމެނެއެވެ.
ސަރްޕޯލޭ ޒަހަބްގެ އިތުރުން ވެސް އީރާނުގެ އަށް އަވަށަކަށް ބިންހެލުމުގައި ގެއްލުންވިއެވެ.

ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުުރަން މިހާރުވެސް އަންނަނީ މަސަައްކަތް ކުރަމުންނެވެ. އެހެންވީމާ މަރުވި މީހުންގެ އަދަދު އަދި އިތުރުވާނެ ކަމަށް ބެލެވެއެވެ.