ދެ ވަނަ ލެގްގައި ކުޅުނު މެޗުތަކުން ނަތީޖާ ނުނެރެވުނަސް ފުރަތަމަ ލެގްގައި މޮޅުވެފައި ވުމުން ކޮރޭޝިއާ އާއި ސްވިޒަލޭންޑް ވޯލްޑް ކަޕުން ޖާގަ ހޯދައިފި އެވެ.
ގްރީސްގެ ވެރިރަށް އެތެންސްގައި އެގައުމާ ދެކޮޅަށް ކޮރޭޝިއާ ކުޅުނު ދެ ވަނަ ލެގް މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެން ނެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކޮރޭޝިއާގައި ކުޅުނު މެޗު ކޮރޭޝިއާ ކާމިޔާބު ކުރީ 4-1 ންނެވެ.
ރޭގެ މެޗުގައި ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް އީވާން ޕެރިސިޗް އަށް ލިބިގެން ދިޔަ އެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލް ދަނޑި އަށެވެ. ފުރަތަމަ ލެގް މެޗުގައި ކޮރޭޝިއާ ކާމިޔާބު ކުރި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ ޕެރިސިޗްއެވެ.
ފުރަތަމަ ލެގް މެޗުގައި އާދައިގެ ކުޅުމެއް ފެނުނަސް، ރޭގެ މެޗުގައި، ގްރީސްގެ ފަރާތުންވެސް ވަނީ ކުރިއެރުން ފެނިފަ އެވެ. ނަމަވެސް، ތިން ލަނޑުގެ ލީޑެއް އަނބުރަލުމުގެ ގާބިލު ކަމެއް ގްރީސްއަކަށް ނުލިބުނެވެ.
މިއީ ކޮރޭޝިއާ ވޯލްޑް ކަޕަށް ކޮލިފައިވި ފަސް ވަނަ ފަހަރެވެ. ކުރިން ޔޫގޮސްލޭވިއާ ބައެއްގެ ގޮތުގައި އޮތް ކޮރޭޝިއާގެ ފުރަތަމަ ވޯލްޑްކަޕަކީ 1998 ގައި ފްރާންސްގައި ބޭއްވި ވޯލްޑްކަޕެވެ. އެ މުބާރާތުގެ ތިން ވަނަ އެ ޓީމުން ހޯދި އެވެ. އޭގެ ފަހުން 2010 ވަނަ އަހަރުގެ ވޯލްޑްކަޕް ފިޔަވައި ހުރިހާ ވޯލްޑްކަޕުން އެ ޓީމު ދަނީ ޖާގަ ހޯދަމުންނެވެ.
ސްވިޒަލޭންޑްވެސް ވޯލްޑް ކަޕް ޖާގަ ހޯދީ، ފުރަތަމަ ބުރުގައި ކުޅުނު މެޗުން މޮޅުވެގެން ނެވެ. އުތުރު އަޔަލޭންޑާ ދެކޮޅަށް ކުޅުނު ދެ ވަނަ ލެގް މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެން ނެވެ. ރޭގެ މެޗުގައި އެޑްވާންޓޭޖް އޮތީވެސް އަމިއްލަ ދަނޑުގައި ކުޅެމުން ދިޔަ ސްވިޒަލޭންޑަށެވެ.
ތިރިސް އެއް އަހަރު ފަހުން ވޯލްޑް ކަޕަށް ދިއުމަށް އުތުރު އަޔަލޭންޑް ކުރި އުންމީދަށް ހުރަސް އެޅުނީ ފުރަތަމަ ލެގް ގައި އަމިއްލަ ދަނޑުގައި ސްވިޒަލޭންޑް ހިފަހައްޓާ ނުލެވުމުން ނެވެ. އަދި ރޭ ރަށުން ބޭރުގައި ކުޅެން ޖެހުމުން އެކަމަށް ކުރަން ޖެހޭ މަސައްކަތް ބޮޑުވެގެން ދިޔަ އެވެ.
މިއީ ސްވިޒަލޭޏްޑް ވޯލްޑްކަޕްގައި ވާދަ ކުރާ 11 ވަނަ ފަހަރެވެ. 2006 ވަނަ އަހަރުގެ ފަހުން އެ ޓީމުން އަންނަނީ ގަވާއިދުން ވޯލްޑްކަޕުން ޖާގަ ހޯދަމުން ނެވެ. ވޯލްޑްކަޕްގައި އެޓީމުގެ އެންމެ ރަނގަޅު ރެކޯޑެއް އޮތީ 1954 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑްކަޕްގައެވެ. އެ މުބާރާތުގެ ކްއާޓާ ފައިނަލަށް އެ ޓީމު ދަތުރު ކުރި އެވެ.