އިންޑިއާގެ ވެރިރަށް ނިއު ދިއްލީ ހިމެނޭ ސަރަހައްދުގެ ޖައްވު އިންތިހާއަށް ނުސާފުވެފައި ވާތީ އެކަން ހައްލުކުރަން މަރުކަޒީ ސަރުކާރަށާއި ސަރަހައްދީ ސަރުކާރުތަކަށް ބާރު އަޅައި ދިނުމަށް އެދި ހުށަހެޅި މައްސަލައެއް ބަލަން ސުޕްރީމްކޯޓުން ނިންމައިފިއެވެ.
ބިޒްނަސް ސްޓޭންޑާޑް ނޫހުން މިއަދު ބުނީ އާރްކޭ ކަޕޫރު ނަމަކަށް ކިޔާ ގާނޫނީ ވަކީލަކު ހުށަހެޅި އެ މައްސަލަ ބަލަންް ނިންމީ އިންޑިއާގެ އުއްތަމަ ފަނޑިޔާރު ދީޕަކް މިސްރާއާއި އެކު ތިން ފަނޑިޔާރުން ހިމެނިވަޑައިގެންނެވި ބެެންޗަކުން ކަމަށެވެ. އެ މައްސަލަ ބަލަން ނިންމުމަށް ފަހު ސުޕްރީމް ކޯޓުން ބުނެފައި ވަނީ ' ތަޣައްޔަރު ވުމަކީ އަޅައި ނުލައި ދޫކޮށްލެވޭނެ ކަމެއް ނޫން' ކަމަށެވެ.
ކަޕޫރު ހުށަހެޅި މައްސަލައިގައި ސުޕްރީމްކޯޓުގައި އެދިފައި ވަނީ ޖައްވު ނުސާފު ވުމުގެ މައްސަލައަށް ހައްލެއް ހޯދަން މަރުކަޒީ ސަރުކާރާއި ސަރަަހައްދީ ސަރުކާރުތަކަށް އެކޯޓުން އިރުޝާދުތައް ދިނުމަށެވެ. އަދި ދިއްލީގައި ދުއްވާ ކާރުތަކުގެ ތެރެއިން އެއް ވަގުތެއްގައި މަގުތަކަށް ނުކުންނަ އަމިއްލަ ކާރުތައް މަދު ކުރަން ދާދި ފަހުން އެކުލަވައިލާފައިވާ ގަވައިދަކަށް އަމަލުކުރަން ލާޒިމުކޮށްދިނުމަށް ވެސް އޭނާ އެދިފައި ވެއެވެ.
' އޮޑް- އީވަން ޕްލޭން' ނަން ދީފައިވާ އެ ގަވާއިދުގެ ދަށުން އަމިއްލަ ކާރުތަކުގެ ތެރެއިން ނަމްބަރު ޕްލޭޓުގައި އޮނަހިރި އަދަދެއް އޮންނަ ކާރުތައް މަގުތަކަށް ނުކުންނަ ދުވަހު ހިރި އަދަދުތައް ހުންނަ ކާރުތައް ނެރެގެން ނުވާނެއެވެ.
ދިއްލީގެ ޖައްވު ނުސާފުވުމުގެ ސަަބަބުން ރޭލު ދަތުރުތަކާއި ވައިގެ ދަތުރުތަކަށް ބުރޫ އަރާފައި ވާއިރު އިންޑިއާގެ ހެލްތު މިނިސްޓްރީން ވެސް ވަނީ އެކަމާ ގުޅިގެން ހާއްސާ އިރުޝާދެއް ދީފައެވެ. އެގޮތުން ދިއްލީގައި ދިރިއުޅޭ މީހުން ގެތަކުގައި ތިބުމަށް އެ މިނިސްޓްރީން ވަނީ އިރުޝާދު ދީފައެވެ.
ޖައްވު ނުސާފު ވުމުގެ މައްސަލަ ނިއުދިއްލީގެ އިތުރުން ޕަންޖާބު ސްޓޭޓާއި އުއްތަރު ޕްރަދޭޝް ސްޓޭޓާއި ރާޖަސްތާން ސްޓޭޓުގެ ބައެއް ސަރަހައްދުތަކަަށް ވެސް ވަނީ ކުރިމަތިވެފައެވެ. އަދި އެމައްސަލައަށް ހައްްލެއް ލިބޭ ފަދަ ގޮތަކަށް މޫސުން ލަފާ ނުކުރެވޭ ކަމަށް މޫސުމާ ބެހޭަ އިދާރާއިން ބުނުމުން އެ ސަަރަހައްދުތަކުގެ ހުރިހާ ސްކޫލްތައް ވެސް ބަންދުކުރިއެވެ.