ހަބަރު

ބޭރުތޮށި ނުސާފު ބިސް ވިއްކުން މަނާކޮށްފި

ބޭރުތޮށި ނުސާފުކޮށް އަދި ނަޖިސް ހަރުލާފައި ހުންނަ ބިސް ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާކޮށްފި އެވެ.

ހެލްތު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ފަހަކަށް އައިސް ބޭރުތޮށި ނުސާފުކޮށް ހުންނަ ބިސް ވިއްކަމުން އަންނަ ކަމަށެވެ. ރާއްޖެއަށް އެތެރެކޮށް ވިއްކާ ބިހާއި ބިހުގެ ބާވަތްތައް ހުންނަންވާނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މިންގަޑު "ބަންދުކުރި ކާބޯތަކެތި ލޭބަލްކުރުމުގެ ގައުމީ މިންގަނޑާ" އި އެއްގޮތަށް ކަމަށެވެ.

އަދި ދިގު މުއްދަތު ޖަހައިގެން ޓްރީޓްމެންޓް ނުދީ ފިނި ނުކޮށް ހުންނަ ކުކުޅުބިސް ވިއްކަމުންދާ ކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެފައިވެ އެވެ. އެ މިނިސްޓްރީން ބުނީ ޕްރޮސަސް ނުވަތަ ޓްރީޓް ނުކޮށް ތާޒާ ކުކުޅުބިސް އޭގެ އަސްލު ނުގެއްލޭ ގޮތަށް ފިނިކޮށް (5°C އަށްވުރެ ދަށުގައި) ރައްކާކުރެވޭ މުއްދަތަކީ ތިން ހަފުތާއާއި ފަސް ހަފުތާއާ ދެމެދު ކަމަށެވެ. އަދި އެއަށް ވުރެ ދިގުމުއްދަތަށް ފެންވަރަށް ބަދަލެއް ނާންނަގޮތަށް ބެހެއްޓޭނީ އިތުރު ޓްރީޓްމެންޓެއް ދީގެން ކަމަށެވެ.

އެ އިއުނާލުގައި އިތުރަށް ބުނެފައިވަނީ އަންނަ ޖެނުއަރީ މަހުގެ 15 އިން ފެށިގެން ރާއްޖެއަށް އެތެރެކުރާ ކުކުޅު ބިހުގެ މުއްދަތު ހަމަވާ ތާރީހު ފަސް ހަފްތާއަށްވުރެ ދިގުނަމަ، ދުވަސްހަމަވާ މުއްދަތު ދިގު ކުރުމަށްޓަކައި ކޮށްފައިވާކަމެއް ބަޔާންކުރާ، އެ ގައުމެއްގެ ފުޑް ސޭފްޓީ އޮތޯރިޓީގެ ލިޔުމެއް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި ކުރިއެކޭ ވެސް އެއްގޮތަށް ރާއްޖެއަށް އެތެރެކުރާ ބިހާބިހުގެ ބާވަތްތަކަށް ހެލްތު ކްލިއަރެންސް ދޫކުރާނީ ސެޓްފިކެޓް އޮފް އޮރިޖިންގެ އިތުރުން ހެލްތު ސެޓްފިކްޓްވެސް ހުށަހެޅުމުން ކަމަށެވެ.

މި އަހަރުގެ ތެރޭގައި ތަގައްޔަރުވެފައި ހުރި ކުކުޅު ބިސްވެސް ރާއްޖެ އެތެރެކޮށް ވިއްކާފަ އެވެ. އެހެން ނަމަވެސް ހެލްތު މިނިސްޓްރީން ވަނީ ބާޒާރުގައި ހުރި ބިސްތައް ނަގާ ނައްތާލާފަ އެެވެ.