ވާހަކަ

މިންނުގެ ޑައިރީ

(12 ނޮވެމްބަރ 2017 އާ ގުޅޭ)
އަހަރެން ވަކިގޮތެއް ނިންމުމުގައި އެހެންމީހެއްގެ ޚިޔާލެއް ވެސް ބޭނުންވެއެވެ. އެމީހަކީ ސުހައްތައަށްވާން އަހަރެން ބޭނުމެވެ. ނަމަވެސް ޖެހިލުންވެ ބިރުގަންނަނީއެވެ. އަހަންނަށް އެޅޭ އެންމެ ކަތި ފިޔަވަޅަކުން އެމީހުންގެ މުޅި ދިރިއުޅުން އެފުއްމިފުށަށް ޖެހިގެން ހިނގައިދާނެތީއެވެ.

ރޭގަނޑުގެ ކެއުން ނިންމާލާފައި އޮފީހުގެ ކަމެއް ޖެހިގެންނޭ ބުނެ ޖައުބެއާއި ހައިކަލް ގެއިން ނުކުމެގެނ ދިޔައެވެ. ކޭތަށިތައް ނަގާ ބަދިގެ ތެރެ ސާފުކޮށްފައި އަހަރެން އައީ ސުހައްތަގެ ގާތަށެވެ. ސުހައްތަ މާލެ އައިފަހުން އަހަރުމެން ދެ މީހުންގެ ދެމެދުގައި ކޮންމެވެސް ވަރެއްގެ ދުރުކަމެއް އުފެދިފައި ވާކަން އަހަންނަށް އެނގެއެވެ. ސުހައްތަ ކުރާ ސުވާލުތަކުން އެކަން ސުހައްތައަށް އިހުސާސް ކުރެވޭކަން ޔަގީންވެއެވެ. އެ ދުރުކަން ނައްތާލުމަށާއި އަހަރެންގެ ހިތާއި ސިކުނޑީގައިވާ ހާސްކަމަށް ލުޔެއް ހޯދުމަށް އަހަރެން ބޭނުމެވެ. ކުރީން ވެސް އަހަރެންގެ ހުރިހާ ކަމެއް ޚިއްސާ ކުރަމުން އައީ އެ ދައްތައާއެވެ. އެހެންވެ ކޮންމެވެސް ގޮތަކުން އަހަރެން އިން ހާލަތު އެ ދައްތައަށް ވިސްނޭނެނަމައޭ ހިތަށް އެރީއެވެ.

ސުހައްތަގެ އެނދުގައި އަހަރެން އިށީނުމާއެކު ސުހައްތަ ވިހަންވާއިރަށް ގަނެފައި ހުރި ބޭބީ ހެދުންކޮޅުތައް ދައްކާލިއެވެ. ހައިކަލްގެ އެހީތެރިކަމާއެކު ރާއްޖޭން ބޭރުން ވިޔަފާރިކުރެވުނުކަން ސުހައްތަ އަހަރެން ގާތުގައި ބުންޏެވެ. އެ ހުރިހާ ވާހަކައެއް ދެކެވެމުން ދިޔައިރު ވެސް އަހަންނަށް ބެލެނީ ސުހައްތަގެ ބަނޑަށެވެ. ގަސްދަކުނޫނެވެ. އެކަން ސުހައްތައަށް ފާހަގަ ކުރެވުނުކަން އެނގުނީ ސުވާލު ކުރީމައެވެ.

ސުހާ: "މިންނު! ކިހިނެއްވީ؟ ހެދުމުގައި އެއްޗެއް ހުރީތަ؟"

އަހަރެން ނިކަން އަވަހަށް ދެފަރާތަށް ބޯހޫރާލީމެވެ. އަދި އަވަހަށް އިސްޖަހާލީމެވެ. އެއާއެކު ސުހައްތަ ކުރާން ހުރީ މަސައްކަތް ހުއްޓާލާފައި އައިސް އަހަރެންގެ ގާތުގައި އެނދުގައި އިށީނެވެ.

ސުހާ: "ދެން ބުނެބަލަ! ވާހަކައެއް ދައްކަންތަ ތި އައީ؟"

ދެން ވެސް އަހަރެން ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރާލީމެވެ. އިރުކޮޅަކު މަޑުކޮށްލާފައި އަހަރެން ސުހައްތަ ގާތުން އަހާލީ ބަނޑު ބޮޑުވަމުން އަންނައިރު ތަދުވޭތޯއެވެ. އެއާއެކު އިވިގެން ދިޔައީ ސުހައްތަގެ ހުނުމުގެ އަޑެވެ. އަހަރެންގެ މޮޔަކަން އެނގުނީ ސުހައްތަ ދެއްކި ވާހަކަތަކުންނެވެ.

ސުހާ: "އަންހެނަކަށް މީ ނެޗުރަލްކަމެއް. އިރާދަކުރެއްވިއްޔާ މިންނުގެ ކައިވެންޏަށްފަހު މި ކަހަލަ ދުވަހެއް އަތުވެދާނެ. އޭރުން އެނގޭނެ ބަލިވެ އިނުމަކީ ދުލުން ބަޔާން ކޮށްދެވޭވަރަށްވުރެ ފުރިހަމަ އިހުސާސެއްކަން. މިންނުއަށް އެނގޭތަ! އެ ދުވަހަކުން މިންނުއަށް ވެސް ހީވާނެ މުޅި ދުނިޔޭގެ ހުރިހާ އުފަލެއް ހާޞިލުވެއްޖެޔޭ. އަންހެނަކަށް ލިބޭނޭ ވަރަށް ބޮޑު ނިޢުމަތެއް މީ"

ސުހައްތަގެ ވާހަކަ މެދު ކަނޑާލުމުން އަހަރެންގެ ހިތުގައިވާ އެއްޗެއް ސުހައްތައަށް ހާމަކުރީމެވެ. ބަލިވެ އިންކަން އެނގިހުރެ ބަނޑުގައި އޮތް ނުއުފަންނަ ފުރާނައިން ސަލާމަތްވުމީ ކޮންކަހަލަ ކަމެއްތޯ އަހާލީ ޖެހިލުންވެ އިނދެއެވެ. އަހަރެންގެ ސުވާލުން ސުހައްތަގެ މޫނުމަތީގެ ކުލަ ބަދަލުވެގެން ދިޔައެވެ. ހީވީ އަހަރެންގެ ފަރާތުން އުންމީދު ނުކުރާވަރު އެއްޗެއް ބުނެވުނީހެނެވެ. މަޢުނަވީ ބެލުމަކުން ސުހައްތަ ބަލަން އިރުކޮޅަކު އިނެވެ. އަހަރެން ހާސްވާގޮތްވިއެވެ.

ސުހާ: "އެއީ އެއްގޮތަކަށް ވެސް ކޮށްގެންވާނޭ ކަމެއްނޫން. މެރީ ކުރުމުގެ ކުރީން ބަނޑުބޮޑުވެގެން ވެސް ނުވާނެ. އެއީ ބޮޑު ފާފައެއް. މިންނުއަށް އެނގޭނެކަން"

އަހަންނަށް ފުރިހަމަ ޖަވާބެއް ސުހައްތަ ދިނެވެ. އެއްވެސް ކުށެއްނެތް ފުރާނައެއް ނައްތާލަން ވިސްނާއިރު އެ ފުރާނަ އެޅުއްވި ރަސްކަލާނގެ ކުރިމަތި ކުރައްވާފާނެ އަޒާބަކަށް ބިރުވެތިވުމަށް ސުހައްތަ ހަނދާންކޮށްދިނެވެ. އަހަރެންގެ ހިތަށް އިތުރަށް ބިރުވެރިކަން ވަދެގެން ދިޔައެވެ. ސުހައްތަ އަލަތު ދަރިފުޅަށް ބަލިވެ އިންއިރު އޭނީ ކިހާ އުފަލުންކަން އަހަންނަށް އެނގެއެވެ. އެހެންނަމަވެސް އަހަރެންނަށް އެ އުފާ ކުރުމުގެ ހައްޤެއް ނެތެވެ. ބަލިވެ އިނީ އެކަމަށް އަހަރެން ތައްޔާރު ވެސް ނުވަނީހެވެ. ސުހައްތަ ބުނި ފަދަ އުފާވެރި އިހުސާސްތަކެއް އަހަންނަށް ދުވަހަކު ވެސް ކުރެވޭނެއެކޭ އަހަރެންގެ ޟަމީރު އެއްބަހެއްނުވެއެވެ. އަހަރެންގެ ރަހިމުގައި އަށަގަންނަ ދަރިފުޅު އެހާ ޚާއްޞަ ވެދާނެއެކޭ އަހަރެންގެ ހިތެއް ނުބުނެއެވެ. މި ދަރިފުޅު ދުނިޔެއަށް އުފަންވެއްޖެނަމަ އޭނަގެ ބައްޕަ ފަދަ ނުބައި ޢަމަލުތައް ކުރާމީހަކަށް ވެދާނެއެވެ. އެފަދަ ދަރިއަކު މިދުނިޔެއަށް އަހަރެން އުފަންކުރަންވީބާއެވެ. ފިކުރުތަކުން އަހަރެންގެ ބޮލުގައި ރިހެން ފެށިއެވެ. އެހެންވެ ސުހައްތަ ގާތުގައި ދަނީ ކަމުގައި ބުނެ ކޮޓަރިއަށް އައީއެވެ.

އަހަރެން އަޒާންގެ މަތިން ވަރަށް ހަނދާންވެއެވެ. ކީއްވެކަމެއް ނޭގެއެވެ. މިރޭ ވަކިން ބޮޑަށް ހަނދާންވަނީއެވެ. ދެތިން ފަހަރަށް ފޯނުވެސް ނެގުނެވެ. އަޒާނަށް ގުޅާލާ އެއަޑު އަހާލާ ހިތުންނެވެ. އޭނަ ނުގުޅީ ކީއްވެބާއެވެ. އަހަރެން އޭނައަށް އެފަދަ ޖަވާބެއް ދިނީ ކީއްވެގެންތޯ އޮޅުން ފިލުވަން އޭނަ ބޭނުންނުވަނީ ކީއްވެބާއެވެ. އެހެންނޫންނަމަ މިހާރު އަހަރެންގެ ފޯނުގެ ރިންގުގެ އަޑު ސިކުންތަކަށް ވެސް ކެނޑިގެން ނުދާނެކަން ކަށަވަރެވެ. ދޮރުގައި ޓަކި ޖަހާލުމާއިއެކު ހައިކަލް ވަނެވެ. އަހަންނަށް ކުއްލިއަކަށް ތެދުވެވުނެވެ. އޭނާ ފެނުމުން ވަގުތުން މޫނު ހަދާލެވުމާއެކު ލޯއަޅާލެވުނެވެ. މިއަދު އޭނާ ނޫން އެހެންމީހަކު އަހަންނަށް އެހީވެދެން ނެތްކަން އެނގޭއިރުވެސްމެއެވެ. އެކަމަކު އޭނާއަށް އަހަރެންގެ ފުށުން ފެންނަ ނަފުރަތާއި ރުޅިވެރިކަން އިހްސާސް ނުވާފަދައެވެ. އޭނާ އައިސް އަހަންނާ ކުރިމަތިވާނޭހެން އެނދާއި ދެތިން ފިޔަވަޅު ދުރުގައި ހުއްޓިލިއެވެ.

ހައިކަލް: "ކޮބާ މިންނު ޖަވާބަކީ؟ އަހަރެން ބުނި ކަންތަކާމެދު ވިސްނައިފިންތަ؟"

ހައިކަލް އެ އައީ އަހަރެންގެ ނިންމުން އޮޅުންފިލުވާން ކަން އެނގުނެވެ. އެހެންނަމަވެސް އޭނާއަށް ވަކި ޖަވާބެއް ނުދެވުނެވެ. އެއްޗެއް ބުނާކަށް ދޫ ހަރަކާތެއް ވެސް ނުކުރިއެވެ. އަހަރެން އަނގައިން ނުބުނުމުން ހައިކަލް އައިސް އެނދުގެ މަގަތުން އިށީނެވެ. އަހަންނަށް ފުރަގަސް ދީގެން އިނދެ އޭނާ އެތައް ވާހަކައެއް ދެއްކިއެވެ. އެތައް އިރަކު އެގޮތުގައި ވާހަކަދައްކަން އިނދެފައި އޭނާ ދިޔައީއެވެ.

ޖެހިގެން އައި ދުވަހުގެ ހަވީރު އަހަރެން ގޯތިތެރެ ކުނިކަހަން އޮއްވައި މީހަކު ދޮރާށި ހުޅުވާލާފައި ސަލާމް ގޮވާލިއަޑަށް ބަލާލީމެވެ. ދޮރާށި ދޮށުގައި ހުރީ އަޒާން ރަންކިއުމަށް އަހަރެންގެ ގާތަށް ފޮނުވި ފިރިހެން ކުއްޖާއެވެ. އޭނާގެ ލޮލުގައި ރުޅިވެރިކަން ވީއިރު އެ ތުންފަތުގައިވީ މަލާމާތުގެ ހިނިތުންވުމެކެވެ. އޭނާ އަހަންނަށް ދިއްކޮއްލީ މަޑު ނޫކުލައެއްގައި އޮތް ކާޑެކެވެ. އޭގައި ހިފުމާއެކު އަހަންނާ ދިމާލަށް ފަހުން ދެރަވާނެއޭ އޭނާ ބުނެލިއެވެ. އަދި އަހަރެންގެ ރީތިކަމާ މައުސޫމުކަމަކީ ފިރިހެނުންގެ ތެދުވެރި ހިތްތައް ކަތިލަން ބޭނުންކުރާ ހަންޖަރެއް ކަމުގައި ބުންޏެވެ. އެކަމަކު ދެން އިތުރަށް އަޒާންގެ ހަޔާތަށް އަހަރެންގެ ހިޔަނި ވެސް އެޅޭން އޭނާ ނޭދޭކަން ހާމަކުރިއެވެ. އޭނާ އައީ އަޒާންގެ ކައިވެނި ހަފުލާއަށް ދަޢުވަތު ދޭންކަމަށްވިޔަސް އޭނާއަށް ރަނގަޅީ އެ ހަފުލާގައި ވެސް އަހަރެން ބައިވެރިވާން ނައީވިއްޔާކަމުގައި ފާޅުކުރީ ނުރުހުންވެ ހުރެއެވެ. ދުވަހަކު ކޮޅުން ވެސް އަޒާން ފެންނަ ހިސާބަށް ވެސް ނޭރުމަށް އޭނާ އިންޒާރު ދިނެވެ. އެއްއަތުގައި އޮތް އިލޮށިފަތި އަތުން ދޫވެގެން ވެއްޓުނީއެވެ. އަނެއްއަތުގައި އޮތް ކާޑަށް ބަލާލުމާއެކު އަހަރެންގެ މޭ ފުންވޭނަކުން ތޮރުފާލި ކަހަލައެވެ. ވަގުތުން މޭގައި އަތްއަޅާ އޮބާލެވުނެވެ. ދެ ކަންފަތުގައި ވެސް އަތްއަޅާން ބޭނުންވިއެވެ. ނަމަވެސް އެ ޒުވާނާ ކީ ހުރިހާ އެއްޗެއް އަޑުއަހަން ހުރެވުނީއެވެ. ދެ ލޯ މަރާ ބާރުކޮށްލެވުނީ ބޯމައްޗަށް ބަރު ހިލަގަނޑެއް ވެއްޓުނު ފަދަ އިހުސާސެއް ކުރެވިގެންނެވެ. އަހަރެންގެ ހިތުގެ ހިނގުން ވެސް ހުއްޓުނީއެވެ. ހުތުރު ބަހުން މުޚާޠިބުކުރުމަށްފަހު އެ ޒުވާނާ ނުކުމެގެން ދިޔައެވެ. ރޭގަނޑު އަށްގަނޑިބައިގައި އަޒާންގެ ކައިވެނި ކުރެވޭނެކަމަށް ބުނެފައެވެ. ދެވަނަފަހަރަށް އަޒާންގެ ކައިވެނީގެ ދަޢުވަތު ކާޑަށް ބަލާލީމެވެ. ހުޅުވާލާފައި ބަލާލާނެ ހިތްވަރެއް ނުލިބުނެވެ. ނޭވާހުއްޓެމުން ދިޔަ ކަހަލައެވެ.

ސުހާ: "މިންނު!"

ސިޓިންރޫމު ދޮރުމަތީގައި ހުރި ގޮނޑީގައި އިށީނދެލައިގެން ސުހައްތަ އިންކަން ހަނދާންވީ ދެނެވެ. ނަފުސު ހަމައަކަށް އަޅުވާލުމަށް ފުންނޭވާއެއް ލާން އުޅުނު ހިނދު ތުރުތުރެއް އުފެދިގެންދިޔަ ދެ ތުންފަތުން އާހުގެ އަޑު ބޭރުވިއެވެ. ދެ ލޮލަށް ބޮނޑިވެގަތް ކަރުނަ ކޯތާފަތާ ހަމައަށް ފޯރުމުގެ ކުރީން އަވަސް އަވަހަށް ދެ ލޯ ފުހެލާފައި ވެއްޓުނު އިލޮށިފަތި ނެގީމެވެ. ލިބުނު ޤަބޫލުކުރަން ދަތިވި ޚަބަރާއި ހިތަށް ކުރި އަސަރު ފަރުދާކުރަމުން ސުހައްތައަށް ދޮގެއް ހަދާލީއެވެ. ރައްޓެހި ކުއްޖެއްގެ ކައިވެނި ޕާޓީއަށް ދިއުމަށް ދަޢުވަތު ލިބުނީ ކަމުގައި ބުނެއެވެ.

ސުހާ: "ދީބާ ސުހައްތަ ބަލާލަން. ކޮންއިރަކު ދާން އޮތީ؟"

އެކިއެކި ބަހަނާތައް ދައްކައިގެން އެ ކާޑު ނުދައްކާވޭތޯ މަސައްކަތްކުރީމެވެ. އަހަރެން އޮފީހުން ނަގައިގެން އުޅޭ ޗުއްޓީއާ ބެހޭގޮތުން ސުހައްތަ ސުވާލު ކުރީ ދެނެވެ. އޮފީހުގެ ރައްޓެހި ކުދީން ނޫނީ އަހަރެންގެ ރަޙުމަތްތެރިންނެއް ނުތިބޭނޭކަން ސުހައްތައަށް ވިސްނުނީއެވެ. އެކަން ފޫބައްދަން ޖެހުނީ ދޮގަކުންނެވެ. ދޮގަކަށްފަހު ދޮގެކެވެ. އަހަންނަށް މި ދިމާވި ކަންތައްގަނޑުގެ ސަބަބުން ދޮގުހަދަން ވެސް މަޖުބޫރުވަނީއެވެ. މިހާ ދަށުދަރަޖައަކަށް އަހަރެން ވައްޓާލި މީހަކީ ހަމަ ހައިކަލްއެވެ.

ސުހާ: "މިހާރު ސުހައްތައަށް ވެސް ގޭގެ މަސައްކަތްތައް ކުރާން ބައިވެރިވެވެނީ މަދު ފަހަރަކު. މިންނުއަށް މާ ބުރަވަނީހެން ސުހައްތައަށް ހީވޭ. އޮފީހަށް ދަމުން ގޭގެ ހުރިހާކަމެއް ކުރަމުން... މިންނުއަކީ އަދި ޅަކުއްޖެއްކަން އެނގޭ. އަރާމު ބޭނުންވާނެކަން ވެސް. މިހާރު އަބަދު ބަލިކޮށް ތި ހުންނަނީ އެހެންވެ ދޯ. މިންނުއަށް އަރާމު ނުލިބޭތީ ދޯ... ކީއްކުރާނީ... މަންމަ ގޭގައި އުޅުނަސް ފަސޭހަވާނޭ ގޮތަށް ކިތަންމެ ކުޑަކަމެއް ވެސް ކޮށްނުލާނެ"

އަހަންނަށް މާބޮޑަށް ބުރަވާތީ އަހަރެން ބަލިވަނީކަމުގައި ސުހައްތަ ހީކުރެއެވެ. އެހެންވިޔަސް އެއީ ހަޤީޤަތެއް ނޫންތާއެވެ. މަންމަގެ ނަން ސުހައްތަ ކިޔާލުމާއެކު އަހަރެންނަށް ފުން އަސަރުތަކެއް ކުރެވުނެވެ. އިތުރަށް ނަފްސު ބަލިކަށިވީހެން ހީވީއެވެ. އިލޮށިފަތި އެއްފަރާތުގައި ބަހައްޓާލުމާއެކު އައިސް ސުހައްތަ ގާތުގައި މަޑުކޮށްލީމެވެ. ސިޓިންރޫމު ދޮރުކަނީގައި ޖެހިލައިގެންނެވެ. ޒަމާންތަކަކަށްފަހު އަހަރެން އަލުން އެ ސުވާލުކުރީމެވެ. މަންމަ އަހަރެންދެކެ ލޯބިނުވަނީތޯ ސުހައްތަގެ ގާތުގައި އަހާލީމެވެ.

ސުހާ: "އެއްކަލަ މިންނު! ކީއްވެތަ މިހާރު އަނެއްކާ އަލުން ތި ސުވާލު ތި ކުރަނީ؟"

އަހަރެންނަށް ހިތުގެ އުދާސްތައް ބޭރެއް ނުކުރެވުނެވެ. އުމުރުން ބާރަ އަހަރުވަންދެން އަހަރެން އަބަދުމެއް ސުހައްތައާއި ކުރާ ސުވާލަކީ އެއީއެވެ. މަންމަ އަހަރެންދެކެ ލޯބިނުވަނީ ކީއްވެގެން ހެއްޔެވެ. އަހަރެން ހުތުރީކީ ނޫންވިއްޔާއެވެ. އަހަރެންނަކީ މުރާލި ދަރިއެކެވެ. މަންމަބުނި ކޮންމެ ކަމެއްވެސް އަހަރެން ކޮއްދެނީ އުފަލާއެކުއެވެ. މިއަދު އަހަންނަށް މިޝަކުވާ އަލުން ކުރެވެނީއެވެ. އެ މަންމަގެ ލޯތްބަށްއެދި ފެންބޮވައިގަންފައިވާ ވަރުންނެވެ. އަނެއްކާ އަހަރެންމީ މަންމަގެ ދަރިއެއްނޫންބާއެވެ.

ސުހާ: "މިންނު ގާތުގައި ބުނަމެއްނު ތިހެން ނުބުނާށޭ. މި ސުހައްތައަކީ މަންމަގެ ދަރިއަކަށްވާއިރު ތީ ވެސް މަންމަގެ ދަރިއެއް. އެއްލޭ ހިނގާ. އެއް ރަހިމަކުން އުފަންވި ދަރިއެއް... ކޮންމެ މަންމައެއް ވެސް ދަރީންދެކެ ލޯބިވާނެ. އެކި މައިން ލޯބިވާނީ އެކިގޮތަށް. އަހަރުމެން ހުރިހާ ކުދީންދެކެ ވެސް މަންމަ ލޯބިވާނެ"

ހިތަށް އެރި އެއްޗެއް ދުލުން ބޭރުވެއްޖެކަން އެނގުނީ ސުހައްތަ ވާހަކަދައްކަން ފެށުމުންނެވެ. އެ ވާހަކަތަކުން އަހަންނަށް އެއްވެސް އަސަރެއް ނުކުރިއެވެ. ހިތަށް ކުޑަ ވެސް ފިނިކަމެއް ނުލިބުނެވެ. މަންމައަކަށް ދަރިއަކު ގޮވާލުމުން އަޑު ނީވެދާނެ ހެއްޔެވެ. ގައިމު ވެސް މަންމައަކީ ހުރިހާ ހިއްސެއް ސަލާމަތުން ހުރި މީހެކެވެ. ވީއިރު އަހަރެންނާ ދިމާއަށް ބަލާލަން ވެސް އެ މަންމަ އެއްފަހަރު ވެސް ހިތަށް ނާރައެވެ. އިތުރަށް އެއްޗެއް ބުނެވިދާނޭތީ އަހަރެން ހިނގައިގަތީ ކޮޓަރިއަށް ދަނީކަމުގައި ބުނެފައެވެ.

މާޔޫސްވަމުންދިޔަ ވަރަކަށް އުދާސްކަން އަހަރެން ވަށާލަމުން ދިޔައެވެ. އަހަރެން ކޮޓަރީގައި އަޒާންގެ ކައިވެނީގެ ދައުވަތު ކާޑަށް ބަލަހައްޓައިގެން އޮތީމެވެ. ދެލޯ ފުސްވެ އިތުރުއެއްޗެއް ނުފެންނަންދެންނެވެ. އަހަރެންގެ ދެލޯ ކަރުނުން ފުރުނީއެވެ. އަބަދުގެ އަބަދަށް އަޒާން ގެއްލުނީއެވެ. ނޭފަތުގައި ކާޑުޖައްސާލެވުނީ އަޒާންގެ މީރު ވަސް ދުވާފާނެކަމަށް ހީކޮށެވެ. މޭގައި ކާޑު ބޮނޑިކޮށްލެވުނެވެ. ހިތުގައި އަޅާވޭނާއެކު ހަޅޭލަވަން ބޭނުންވިއެވެ. މަރުވާންބޭނުންވިއެވެ. އަހަރެންގެ އެކަނިވެރިކަން އިހްސާސްވަމުންދިޔައެވެ. ހަތަރުފާރު އައިސް އަހަރެން ފިއްތާލަނީއެވެ. ފުއްމައިގެން ތެދުވެވުނެވެ. ވަށައިގެން އެނބުރެވުނެވެ. ހަދާނޭގޮތެއް ނޭނގި ފައި ހުރި މީހަކު ހެންނެވެ. ދާނޭ ދިމާއެއް ނޭނގިފައި ވެއެވެ. އަހަރެން މޮޔަވީއެވެ. ހަމަހޭ ކުޑަވަގުތުކޮޅަށްވިޔަސް ގެއްލުނީއެވެ. ހައިކަލްދެކެ އިންތިހާއަށް ރުޅި އާދެވުނީ އެ ރުޅި ކޮންޓްރޯލު ކުރާނޭ ގޮތެއް ނޭނގިއެވެ. ލޮލުގައި އަޅައިގަތީ ތަޅުންމަތީ ހުރި އިސްތިރިއެވެ. ބުއްދިފިލާފައިވާ މީހަކު ފަދައިން ކަރަންޓަށް ޖަހާފައިވާ އިސްތިރި ދޮންކުރުމަށްފަހު ގެނެސް އަމިއްލަ ބަނޑުގައި ޖެއްސީ ހައިކަލްގެ ނިޝާން ވަގުތުން ފޮހެލުމަށެވެ. ކުރާނެ ކަމެއް ނޭގިގެންނެވެ. އެރޭ އަހަރެން ބިންފަޅާ އަޑިއަށް ނޫނީ އުޑުފަޅާ މައްޗަށްވިޔަސް ގެންދަވާނެ ނަމައޭ ހިތަށްއެރީއެވެ. ދޮންވެފައިވާ އިސްތިރީގެ ހޫނުކަން އިހްސާސްވި ހިނދު އިސްތިރި އަތުންވެއްޓިއްޖެއެވެ. ހެދުމާއެކު ބަނޑުގެ ހަންގަނޑު އޮޅިގެން އެރިކަމުގައި ވިޔަސް އަހަރެންގެ ހިތުގައި އަޅަމުންދިޔަ ވޭނާ އެ ދިލަޔާ އަޅާވެސް ނުކިޔޭނެއެވެ. ތަޅުންގަނޑު މައްޗަށް ވެއްޓުނީ މީހާ ކުދިކުދިވާހެން ހީވެގެން ދެފައިން ވަރުދޫވެގެންނެވެ.

އުއްޑުން ތަޅުންގަނޑުމަތީ އޮށޯވެލައިގެން އަހަރެން އޮތީމެވެ. މަތީގައި އެނބުރެމުންދިޔަ ފަންކާވެސް އަހަންނަށް ވަކިނުވެއެވެ. ދެލޮލަށް ޖަމާވަމުން އައި ކަރުނައިންނެވެ. ނޭވާލާން އުނދަގޫވީ ހިތުގެ ގިސްލުން އަވަސްވުމާއިއެކުއެވެ. އަހަރެން އެހާލުގައި އޮއްވައި ހައިކަލް ވަނެވެ. އޭނަ އަހަރެންގެ ދެކޮނޑުގައި ހިފާނަގައި ތަޅުވައިގަތެވެ. އަހަރެން އަތްދަނޑިމައްޗަށް ލައިގެން ގެންގޮސް ކާރަކަށް އެރުވިކަން އެނގެއެވެ. އަހަރެން ހައިކަލްގެ ގައިގާ ތަޅައިގަތީމެވެ. އޭނަ އާއި ދިމާލަށް އެއްޗެހި ކީމެވެ. ނަމަވެސް އަހަންނަށް ރަނގަޅަށް ވާހަކައެއް ނުދެއްކެއެވެ. ހައިކަލް އަހަރެން ގެންދިޔައީ ގެއަކަށެވެ. ކޮޓަރިއާ ހަމައަށް ގެންދިޔައީ ވެސް އޭނާގެ އަތްދަނޑިމަތީގައެވެ. ކޮޓަރިއަކަށްވެއްދުމަށްފަހު އެނދުމަތީ ބާއްވާލިއެވެ. އަހަރެން ތެޅިފޮޅިގެންފައި ތެދުވާން އުޅުނީމެއެވެ. ހައިކަލް ދައްކާ ވާހަކަ އަޑުއަހާކަށް ބޭނުމެއް ނުވިއެވެ. އަހަންނަށް އުޅެވުނީ ހަމައިން ނެއްޓިފައިވާ ޖަނަވާރެއް އުޅޭހެންނެވެ. ހައިކަލްގެ މޫނު ނޮޅާލާ އޭނާގެ ގައިގާ ވަކިދަމާލަން ބޭނުންވިއެވެ. ތެޅިފޮޅެމުން ދަނިކޮށް ކުއްލިއަކަށް ހައިކަލް އަހަރެންގެ ކަންފަތްމަތީ ޖެހިއެވެ. އަދި ހަޅޭއްލަވައިގަތެވެ. އެ ކޮޓަރިތެރޭ އޭނާގެ އަޑު ގުގުމައިގެން ދިޔައެވެ. އަހަންނަށް ރޮމުން ރޮމުން އޭނައަށް ބަލާލެވުނެވެ. ހަމަހޭވެރިކަން ލިބުނީ ދެނެވެ.

ހައިކަލް: "މިންނު! އަހަރެން ނޫޅެމޭ މިންނުއަށް ކަމެއްކުރާކަށް. ބަނޑަށް ތިހެން ނުހެދިޔަސް ތިކަމުން ސަލާމަތްވެވިދާނޭ އަހަރެން ނުބުނަންތަ؟ ކުރީން ވެސް ބުނީމެއްނު އަމިއްލަ މީހާއަށް އެއްވެސް ގެއްލުމެއް ނުދޭށޭ"

ހައިކަލްގެ އަޑުގައި ހުރީ ހަރުކަށިކަމެވެ. ނަމަވެސް އެ މޫނުގައި ކުޑަކޮށް ވެސް ނުރުހުމުގެ އަސަރެއް ނެތެވެ. އަހަރެން ތުންފިއްތާލަމުން މޫނު އަނބުރާލައިގެން އޮތީއެވެ. ހައިކަލް ފޯނުކޯލެއް ކުރިތާ ވިއްސަކަށް މިނެޓުފަހުން ފިރިހެނެއް އެ ކޮޓަރިއަށް އައިސް ވަނެވެ. އޭނަގެ މޫނުމަތިން ފެންނަނީ ހާސްކަމެވެ. ހައިކަލް އެ ޒުވާނާއަށް ޖެމިންގެ ނަމުން މުޚާޠިބު ކުރިއެވެ. ފެންނަ ފެނުމަށް ހީވަނީ އެ ދެމީހުންނަކީ ގާތް ދެ މީހުން ހެނެވެ. އޭނައަށް އަހަރެން ދައްކާލިއެވެ. އޭނަގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ކިހނެއްވީކަމެއްތޯ ހައިކަލް ގާތު އެހިއެވެ. ހައިކަލް އަހަންނަށް ބަލާލިއެވެ. އަހަރެން އޮތީ އެ ސުވާލަށް ހައިކަލް ޖަވާބު ދޭނެ އިރެއްގެ އިންތިޒާރުގައެވެ. ނަމަވެސް އޭނާ އެއްވެސް އެއްޗެއް ނުބުންޏެވެ. ޖެމިންގެ އަތަށް ހުދު ރަބަރު އަންގިއެއް ލައްވާލުމަށްފަހު އަހަރެންގެ ފިހިފައިވާ ސަރަހައްދަށް ފަރުވާދޭން އޭނާ ފެށިއެވެ.

ޖެމިން އަހަރެންގެ ބަނޑު ރީތިކޮށް ބެންޑޭޖު ކުރިއެވެ. އޭރު އަހަންނަށް ކުޑަކޮށް ތަދުވާންފަށައިފިއެވެ. ޖެމިން އަހަންނާ އެއްވެސް ސުވާލެއް ނުކުރެއެވެ. އަހަރެންގެ މޫނަށް ބަލާލުމަށްފަހު ހިނިތުންވެލިއެވެ. އޭނާގެ މަސައްކަތް ނިމުމުން އަހަރެންގެ ގަޔަށް އިންޖެކްޝަނެއް ޖެހިއެވެ. އެއަށްފަހު ޖެމިން ގޮވައިގެން ހައިކަލް ދުރަށް ދިޔައެވެ. އެ ދެމީހުން ވަރަށް ގިނަ ވާހަކަދެއްކިއެވެ. އަހަންނަށް އަޑުނީވޭ ވަރަށް މަޑުންނެވެ. އަހަރެން ވަށައިގެން ބަލާލީމެވެ. އަހަރެން އޮތީ ވަރަށް ރީތި ކޮޓަރިއެއްގައެވެ. ބޮޑު ބޮޑު އެނދެއްގެ މަޑުމަޑު ތަންމައްޗެއްގައެވެ. އަހަރެން އޮތީ ހައިކަލް ގާތު އެއީ ކޮންތަނެއްތޯ އަހަންބޭނުންވެފައެވެ. އެކަމަކު އަހަރެންގެ ހަށިގަނޑުން ހީވަނީ ވަރުދޫވާހެނެވެ. މަޑުމަޑުން ދެލޯމެރެމުންދިޔައިރު ހީވަނީ އެމަޑުތަންމަތީގެ ތެރެއަށް އަހަރެން ގެނބެމުންދާހެނެވެ. އެއްވެސް ކަމަކާ ވިސްނާ ފިކުރުކުރުމުގެ ބާރެއް ވެސް ނެތެވެ.

އެތަށް ދުވަހަކަށްފަހު އަހަންނަށް އަރާމު ނިންޖަކުން ނިދާލެވުނުހެން ހީވިއެވެ. އަހަރެން މަޑުމަޑުން ދެލޯ ހުޅުވާލީމެވެ. އެނދު ކައިރީގައި ގޮނޑިއެއް ބައިންދައިގެން އޭގައި ނިދިޖެހިފައި ހައިކަލް އިނެވެ. އަހަރެންގެ އަތްތިލާގައި ހިފާލައިގެން އިނދެއެވެ. އަހަރެން އޭނާގެ އަތުގެ ތެރެއިން މަޑުމަޑުން އަތްތިލަ ނެގީމެވެ. ގިނައިރަކު ހިމޭންކަމުގައި ނޯވެވުނެވެ. (ނުނިމޭ)