ރިޕޯޓް

ބްރެކްސިޓް: އީޔޫގެ ތަޅު ކީހާލައި ރާއްޖެއަށް ދޮރު ހުޅުވޭނެ

ޔޫރަޕްގެ އިއްތިހާދުން އިނގިރޭސި ވިލާތް ވަނީ ވަކިވެފަ އެވެ. އެ ނިންމުމާއެކު ދެން ވަންނާނީ އީޔޫން ނެއްޓިފައި އޮންނަ ގައުމަކަށްވުމުގެ ޕްރޯސެސްއެއްގެ ތެރެއަށެވެ. އެ މަރުހަލާގެ މަސައްކަތްތަކުގެ ބޮޑު ބައެއް މިހާރު ފުރިހަމަ ވެފައިވާއިރު ލަފާ ކުރެވޭ ގޮތުން އީޔޫން ވަކިވެފައިވާ ގައުމެއްގެ ގޮތުގައި އިނގިރޭސިން މުގުރު ޖަހާނީ 2019 އިގަ އެވެ. އެއަށްވުރެ ލަހެއް ނުވާނެ އެވެ. ވަންޏާ ވާނީ އަވަހެވެ. ބްރެކްސިޓްގެ ވާހަކަ ދުނިޔޭގެ މީޑިއާގައި މިހާރު މަޑުވެފައި އޮތްނަމަވެސް "އާފްޓާ ޝޮކް" ގައި ދޭދޭ ގައުމުތަކާއި އިނގޭރިސީންނާ ދެމެދު އޮންނަ ވިޔަފާރި އާއި އިގްތިސޯދާއި ސިޔާސީ ކަންކަން ހިނގައިދާނެ ގޮތަކާމެދު ކުރާ ބަހުސް އެއްވާނެއްގައި އަދިވެސް އެބައޮތެވެ. "ލަންޑަން އިވްނިން ސްޓޭންޑަޑް" އާއި "ޓެލެގްރާފް" އަދި "ގާޑިއަން" ފަދަ ނޫސްތަކަށް ބަލާއިރު އެކްސްޕާޓް ލެވެލްގައި އަންނަ ކޮލަމްތަކުގައި އެ ބަހުސް އެބައޮތެވެ. ބީބީސީ ރޭޑިއޯގެ ބަހުސް ޝޯތަކުގައި އެ އަޑު ގަދައެވެ.

ކޮލަމިސްޓް، އެނަލީސްޓުން އެންމެ ބޮޑަށް ސުވާލު އުފައްދާ ދިމާއަކީ އިނގިރޭސިވިލާތާ އެއް ލައިނެއްގައި ދަތުރުކުރާ އެކަމަކު ކުދި އަދި މެދުފަންތީގެ ގައުމުތަކަށް ބްރެކްސިޓްގެ ސަބަބުން ވާނެ ގެއްލުންތަކާއި ފައިދާ އެވެ. ހަމައެއާއެކު އެ ލައިނުގައި ހިމެނޭ ކޮމަންވެލްތު ގައުމުތަކަށް ކުރާނެ އަސަރެވެ. ރާއްޖެއަކީ އެ ސަފުގައި އޮތް ގައުމެކެވެ. އެކަމަކު ކޮމަންވެލްތަކީ މިހާރު ރާއްޖެއަށް އިޝޫއެއް ނޫނެވެ. އެ ބަހުސްގެ ތެރެއަށް ރާއްޖެ އެންމެ ބޮޑަށް ވަދެގެންދާނީ ވިޔަފާރީގެ ގުޅުމުގެ ތެރެއިންނެވެ. އެހެން ކަމުން މިއީ ރާއްޖޭގެ ޓްރޭޑް އެނަލިސްޓުންނާއި އެ ދާއިރާގެ ނޫސްވެރިން ބަލަން ޖެހޭ ދިމާއެކެވެ.

އިނގިރޭސި ވިލާތުގެ ވަރަށް ގިނަ ކޮލަމިސްޓުން މި ބަހުސްގެ ތެރެއަށް ވަންނަ އިރު ބްރެކްސިޓާއެކު ގައުމުތަކަށް އޮތް ގެއްލުމާއި ފައިދާ ގުޅުވައިލަނީ ވަރުން އަޅުވާ ގައުމެއްގެ ފޮރިން ޕޮލިސީގެ ތެރެއިންލާފައި ގޮހެވެ.

މި ވާހަކަ ރާއްޖެއިން ވެސް ދައްކަން ޖެހެ އެވެ؛ ރާއްޖޭގެ ފޮރިން ޕޮލިސީ ބައްޓަން ކޮށްފައި އޮންނަ ގޮތާއި އީޔޫގެ "ވެލިއު ބައިންޑިން"ގެ ތެރޭން ލާފައި ގޮސް ނޫނީ ރާއްޖެއަށް ވާނީ ގެއްލުމެއްތޯ ފައިދާއެއްތޯ ސުވާލު ކުރާކަށް ނުވާނެ އެވެ.

ކުޑަޔަސް ބޮޑަސް ގައުމުތަކުން ފޮރިން ޕޮލިސީ ބައްޓަން ކުރަނީ އެކި ގޮތަށެވެ. މައިގަނޑަކީ ލިޔެ ޝާއިއު ކޮށްފައި އޮންނަ ހާރިޖީ ސިޔާސަތެއް، ނުވަތަ ފޮރިން ޕޮލިސީއެކެވެ. އޭގައި އަސާސީ ސިޔާސަތު ބައްޓަން ވާނެ ގޮތާއި އިސްކަންދޭ ކަންކަން ހިމަނާފައި އޮންނާނެ އެވެ.

ތިރީސް އަހަރު ވެރިކަން ކުރެއްވުމަށް ފަހު އަދިވެސް ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ ހަރަކާތްތެރި، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދުވަސްވަރުގައި ގެންގުޅެފައި ވަނީ ވަކި ފަރާތަކަށް ނުޖެހުމުގެ ސިޔާސަތެއް، ނުވަތަ "ނޮން އަލައިމެންޓް" ސިޔާސަތެކެވެ.

ބަޔަކު މީހުން ދިމާއަށް ބަޑިތަޅައި ގަނެ ގަތުލުއާންމު ހިންގުފަދަ ފަދަ ވަރަށް ނާދިރު ހާލަތެއްގައި ނޫނީ ރާއްޖެއިން ބަހެއް ނުކިޔާނެ އެވެ. އެފަދަ ކަމެއްގައި ނޫނީވިއްޔާ ރާއްޖެ އޮންނަނީ އެކަމެއްގައި ވަކި ފަރާތަކަށް ނުޖެހި އެވެ. އެއީ އެއްވެސް ބަޔަކާ މައްސަލަ ނުޖެހި ތިބޭ ވަރަށް ކުދިކުދި އާރެއް ބާރެއް ނެތް ބައެއްގެ ގޮތުގައި އަމިއްލައަށް ގަބޫލު ކޮށްގެން ތިބޭ ތިބުމެވެ.

ރާއްޖެ ނޫނަސް އެ ސިޔާސަތުގައި ހިފަހައްޓައިގެން ތިބޭ ގައުމުތައް ވެއެވެ. ނަމަވެސް އެކަން ބަދަލުވަމުން އައިސް ހާރިޖީ ސިޔާސަތު ބައްޓަން ކުރުމުގައި "ނޮން އަލައިންމެންޓަ"ކީ މިހާރު ހާރިޖީ ސިޔާސަތުގެ "އޯލްޑް ފެޝަނެ" ކެވެ. ފޮރިން ޕޮލިސީގައި މިހާރުގެ ފެޝަނަކީ އިސްކަންދޭ އަސާސްތަކާ އެއްގޮތަށް ދާ ކަންކަމަށް ތާއީދު ކުރުމެވެ. ނޫން ކަމަށްވަންޏާ ނޫނެކޭ "ހެވޭ، ވަރިހަމައޭ" ބުނެފައި ދުރަށް ޖެހިލުމެވެ.

ހިއުމަންރައިޓްސް އަކީ ވަރަށް ބޮޑު އިޝޫއަކަށް ވެއެވެ. އެއާއެކު ކްލައިމެޓް ޗޭންޖް ފަދަ، ޕޮލިސީ ލެވެލްގައި އިސްކަންދޭ ކަންކަން ހުރެއެވެ. އަންނަ ވެރިކަމެއްގެ ސަބަބުން އެކަން ކަމަށް ކުދިކުދި ބަދަލުތައް އާދެ އެވެ. ރާއްޖޭގައި ވެސް ކަން ހިނގަނީ މިހާރު އެގޮތަށެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބަރުމާގެ އަންގްސަންސޫކީ ގޭ ބަންދުން މިނިވަން ނުވެގެން އެކަމާ ވާހަކަފުޅު ދެއްކެވި އެވެ. އެއީ އޭރު އިސްކަން ދެވުނު އަސާސަކީ ހިއުމަން ރައިޓްސްއާ އެއްކޮޅަށް ތެދުވެ އެ ކަމަށް ވާކާލާތު ކުރުމެވެ. -- މިތާނގެ މާނަ އެހެން ދިމާއަކަށް ފުރޮޅާލައިގެން ނުވާނެ އެވެ.

ހަމަ އެގޮތަކަށް މައުމޫނު ދައުރުގައި ގެންގުޅުނު ކްލައިމެޓް ޗޭންޖުގެ އަޑު އުފުލުން މިހާރު ވަނީ އެހެން މަރުހަލާއަކަށް ގެންގޮސްފަ އެވެ. ނަޝީދު ދައުރުގައި ވެސް ފަހުން ރައީސް ވަހީދު ދައުރާއި މިހާރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއެކު ވެސް އޮތީ އެ ސިޔާސަތެކެވެ. ކުދި ގައުމުތަކުގެ އެފަދަ ގްލޯބަލް ޑިބޭޓެއް ނަމަ ރާއްޖެއިން އުޅެނީ މުޅިން އެހެން މަރުހަލާއެއްގައި ފްރޮންޓްލައިންގަ އެވެ. މިއީ ފޮރިން ޕޮލިސީ ބައްޓަން ކުރުމުގައި އޯލްޑް ފެޝަނުން އާ ޓްރެންޑަށް ކުރި ހިޖުރައިގެ ވައްތަރެވެ.

ޓެރަރިޒަމްގެ ކަންކަމުގައި ވެސް ވަކި އުސޫލުތަކެއް ރާއްޖެއިން ފޮލޯ ކުރެ އެވެ. އެކަމަކު އެހެން ގިނަ ގައުމުތަކުގައި ފޮރިން ޕޮލިސީ ގެންގުޅެނީ ރާއްޖެއިން ގެންގުޅޭ ހަމައިގެ ތެރެއަކު ނޫނެވެ.

ޔޫރަޕް، އީޔޫގައި ގެންގުޅެނީ އެމީހުން ގަބޫލު ކުރާ ވެލިއުސްތަކެކެވެ. މިސާލަކަށް ރައީސް ޔާމީން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ގޮތަށް ރާއްޖެއިން މަރުގެ ހުކުމް ތަންފީޒު ކޮށްފިނަމަ އީޔޫ، އެކަން ބަލައެއް ނުގަންނާނެ އެވެ.

ރާއްޖެއިން އެކަން ކުރަންޖެހެނީ ކީއްވެގެންކަން ޔޫރަޕަށް ކިޔައި ދިނުމުގެ މާނައެއް ވެސް ނޯންނާނެ އެވެ. ކިޔައިދޭން އުޅުމަކީ ވެސް މޮޔައަކު ކުރާނެ ކަމެކެވެ. ރާއްޖޭގެ ދީނާއި ގާނޫނާއި ޝަރީއަތުގައި އޮންނަ ގޮތް ކަމަށް ކިތަންމެ ވަރަކަށް ކިޔައި ދިނަސް އެއެއް ޔޫރަޕަކު ނުހިނގާނެ އެވެ. ކީއްވެގެން ހެއްޔެވެ؟

ސަބަބަކީ މަރުގެ ހުކުމް ތަންފީޒު ނުކުރުމަކީ އިއްތިހާދުވެފައިވާ މުޅި އީޔޫގެ ބައްރު، އެމީހުންގެ "ކޯ ވެލިއުސް" ތަކުގެ ތެރޭގައި ހިމަނާފައި އޮންނަ ކަމަކަށް ވާތީ އެވެ. އެމެރިކާއާ ހިލާފަށް ޔޫރަޕްގެ މުޅި ބައްރު އެކަށް ގަބޫލު ކުރަނީ މަރުގެ އަދަބު ނުދިނުމަށެވެ. އެ މީހުންގެ އުސޫލަކާ ހިލާފުވަންޏާ ނުވަތަ ރާއްޖެއިން މަރުގެ ހުކުމް ތަންފީޒު ކުރާނަމަ އެއީ އެމީހުން އެންމެ ކަޑަވާނެ ކަންތަކެވެ.

ފޮރިން ޕޮލިސީގެ ތެރެއިން ދެން އަންނަނީ "ފްރީޑަމް އޮފް ރިލިޖަން"، އެހެންނާ ދީނީ މިނިވަން ކަމެކެވެ. ޔޫރަޕަށް ފަތުރާލާފައި ވަނީ ލިބަރަލް ވިސްނުންތަކެވެ. އެ ވިސްނުމުގެ ތެރެއިން އެ މީހުންގެ އެކި އެކި މުއާހަދާތަކުގައި ރާއްޖެއިން ބައިވެރިވަނީ އެއަށް ރިޒަވޭޝަންތައް ލައިގެނެވެ.

ރާއްޖެއިން ޑިސްކްލައިމާއެއް ލާން ޖެހެނީ ރާއްޖޭގެ އިސްލާމް ދީނާއި ގާނޫނުއަސާސީ އާއި ޝަރީއަތް އެކަމަށް ތަން ނުދޭތީ އެވެ. އެކަންކަން ފިޔަވައި އެހެން ހުރިހާ ކަމަކަށް ރާއްޖެއިން ސަބްސްކްރައިބް ކުރާނެ އެވެ.

ބްރެކްސިޓާ ހަމައަށް މިއަންނަނީ އެވެ؛ ޔޫރަޕުން ދޭ އިނާޔާތް، "ޖީއެސްޕީ ޕްލަސް" ރާއްޖެއަށް ދިނުން ހުއްޓާލައި އެ އިއްތިހާދުގެ އެނޫން އިނާޔާތްތަކާއި އެހެން ކަންކަން ގުޅުވައި މަތިކުރުވަން ފެށީ ކުރިން އިޝާރާތް ކުރި ދެތިން ވައްތަރުގެ މުއާހަދާތައް ރާއްޖޭގެ ބަންޑާރަ ނައިބުގެ އޮފީހާއި ރައްޔިތުންގެ މަޖިލީހުން ދިރާސާކޮށް އޭގައި ރާއްޖެއިން އަޅުވާ ޑިސްކްލައިމާ ތަކާ ގުޅިގެނެވެ. ބަޔަކު އެކަމާ ރޫރޫ އެޅިއަސް ދިވެހިންގެ ނިންމުމެވެ.

ރާއްޖެ އާއި އެފަދަ އެހެން ގައުމުތަކުން ކިތަންމެ ވާހަކައެއް ދެއްކިއަސް އީޔޫގެ ވާހަކައަކީ މިއީ އެވެ؛ ޖީއެސްޕީ ޕްލްސް ލުއި ފަސޭހަ ދޭނީ 'ފްރީޑޮމް އޮފް ރިލިޖަން" އަށް ޖާގަ ލިބޭ މުއާހަދާތަކުގައި ބައިވެރިވާ ގައުމުތަކަށެވެ. އެވެސް އެއިން އެއްވެސް މުއާހަދާއެއްގެ އެއްވެސް ދިމާއަކަށް ޑިސްކްލައިމާއެއް ލުމަކާ ނުލަ އެވެ. މި ލައިނަށް އީޔޫއިން ކޮއްޕާގަޅުވާލައިގެން އުޅޭނީ އޭޝިޔާ އާއި އެފްރިކާގެ ގިނަ ގައުމުތަކާއި ހުރިހާ ކުދި ގައުމުތަކެވެ.

އޭގެ ތެރެއިން ވެސް ރާއްޖެއަކީ އެމީހުން "އަޅައިގަނެގެން، ހިތާވެގެން" އުޅޭ ގައުމެކެވެ. ކީއްވެގެން ހެއްޔެވެ؟

ސަބަބަކީ ރާއްޖެއަކީ އިސްލާމްދީނުގެ ސާފު ސިމްބަލްއެއްގެ ގޮތު ފެންނަ ގައުމަކަށް ވުމެވެ. އެމެރިކާ ފަދަ ދައުލަތްތަކުން އިޒްރޭލަށް ފައިސާ އާއި ހަތިޔާރު އޮއްސައި ބަލަހައްޓައިދޭ ގޮތަށް އަރަބި މުސްލިމު ގައުމުތަކުން ރާއްޖެ ވަށާލައި އައްޑަނައަކަށް ވެގެން ބަލަހައްޓައިދީ އިސްލާމީ އެންމެ ރީތި ސިމްބަލްގެ ގޮތުގައި ތަރައްގީކޮށްފާނެތީ އީޔޫ ވަރަށް ބިރު ގަނެއެވެ.

އިސް ނެގުމުގައި ރާއްޖެއަކީ ވަރަށް ފާޑެއްގެ ގައުމެކެވެ. ހުރިހާ މުއާހަދާއެއްގައި ސޮއިކޮށްފައި އޮވެއެވެ. އެކަމަކު ޑިސްކްލައިމާއެއް ލާތީ އީޔޫއިން ރާއްޖެއާމެދު ހިތްހަމަ އެއް ނުޖެހެ އެވެ. ދެން އަންގަނީ އެ ޑިސްކްލައިމާ ނަގާށެވެ. ކޮންމެ މުއާހަދާއެއްގައި ވެސް އެގޮތަށް އެދެ އެވެ. މިހާތަނަށް ރާއްޖެއިން ދޭ ޖަވާބަކީ "އެކަމެއް ނުވާނެ" އޭ އެވެ. އޭގެ ސަބަބުން އީޔޫގެ އިނާޔަތްތައް ރާއްޖެއަށް ލޮކްކޮށްލައި އެމީހުން "ކޮއްޕާ ގަޅުވާ" ގައުމުތަކުގެ ސަފަށް ރާއްޖެ ގެންގޮސް ލަނީ އެވެ. އީޔޫ އާއި ޖީއެސްޕީ ޕްލަސްގެ ހަގީގަތަކީ މިއީ އެވެ.

ދެން އޮތީ މި ދަންތުރައިން ނެއްޓޭނެ ގޮތެއް ހޯދުމެވެ. އެއީ ރާއްޖެއަށް ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެހެން ނަމަވެސް ބްރެކްސިޓާއެކު ބައެއް ރޮނގުރޮނގުން ރާއްޖެއަށާއި އެހެން ކުދި ގައުމުތަކަށް އެ ތަޅު ފުނޑާލެވޭ ގޮތް އެބަދަ މެދުވެރި އެވެ. އެނަލިސްޓުން މި ބަހުސް ކުރަނީ އެހެންވެގެނެވެ.

އިނގިރޭސި ވިލާތުގެ ޓްރޭޑް ކޮލަމިސްޓެއް ކަމަށްވާ ޑްރޭކް ޝޭއާ ވިދާޅުވި ގޮތުގައި އީޔޫ އިއްތިހާދުން އިނގިރޭސިން ވަކިވުމުން ކުދި ގައުމުތަކަށާއި މެދުފަންތީގެ ގައުމުތަކަށް ފައިދާތަކެއް ވެގެންދާނެ އެވެ. އޭނާގެ އެ އިބާރާތުގެ ތެރެއަށް ރާއްޖެވެސް ވަންނާނެ އެވެ. އެކަމަކު އޭގެ ހަގީގަތެއް ވޭ ހެއްޔެވެ؟

"އާދެ! އަޅުގަނޑުމެން މިދަނީ އެކަން ކަން ބަލައި ދިރާސާ ކުރަމުން ފެންނަ ފެނުމުގައި އޭގައި ވަރަށް ބޮޑު ހަގީގަތެއް އެބައޮތް،" ރާއްޖެއިން އިނގިރޭސި ވިލާތަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރު، އަހުމަދު ޝިއާން އިނގިރޭސި ވިލާތުގެ ލަންޑަނުގައި ހުންނަވައިގެން އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

ޝިއާން ވިދާޅުވި ގޮތުގައި ބްރެކްސިޓާއެކު އީޔޫގެ ޖީއެސްޕީ ޕްލަސް ލޮކްގެ ގިރިސް ހިކި، ރާއްޖެއަށް ވިޔަފާރީ ލޮކްގެ ތެރެއިން ނުކުމެވެނޭނެ ވިންޑޯއެއް އިނގިރޭސި ވިލާތުގެ ތެރެއިން ހުޅުވިގެންދާނެ އެވެ. މިއީ ޓްރޭޑް އެންޑް އިކްނޮމިކް އެނަލިސްޓުން ވެސް ސިފަ ކުރައްވާ ގޮތެވެ.

ރާއްޖޭގެ ޓްރޭޑް އެންޑް ޓެރިފްލައިން އޮންނަ ގޮތުން މިހާރު ރާއްޖެއަކީ އީޔޫގެ އިއްތިހާދުން ނެޓްކޮށް ތަކެތި ގަންނަ ގައުމެކެވެ. އަދި މިންވަރެއްގައި ވިއްކާ ވެސް ގައުމެކެވެ. ވިއްކާ މުދަލަކަށް މި އޮންނަނީ މަހެވެ. އެހެން ގޮތަކަށް ގެންގޮސް އީޔޫއަށް ވިއްކާ އެއްޗަކަށް ދެން އޮންނަނީ އޮންނަނީ ރާއްޖޭގެ ޓޫރިޒަމެވެ. އެހެން ބަލާއިރު އީޔޫއާއެކު ރާއްޖެއަށް ފްރީ ޓްރޭޑް މުއާހަދާއެއް ކުރަން އުނދަގޫ ވެއެވެ. އޭގެ މައިގަނޑު މައްސަލައަކީ އިސްލާމް ދީނާއި ޝަރީއަތާއި ގާނޫނާއި ދިވެހިން ގަބޫލު ކުރާ ހަމަތަކުގެ ތެރެއިން ރާވާފައި އޮންނަ ފޮރިން ޕޮލިސީއާ އީޔޫ ރުހޭ ގޮތް ނުވުމެވެ.

އަނެއް މައްސަލައަކީ ރާއްޖެއަކީ ކުޑަ ގައުމަކަށް ވެފައި ރާއްޖެއިން ވިއްކާ އެއްޗެއްހީގެ ބާވަތް މަދުވެފައި އޭގެ ވޮލިއުމް ކުޑަވުމެވެ. އެހެންވުމުގެ ސަބަބުން އީޔޫގެ މާ ބޮޑު ވިޔަފާރި ޝައުގުވެރި ކަމެއް ނޯވެ އެވެ. އޭގެ ބަދަލުގައި ވާހަކަ ގެންދަނީ އަބަދުވެސް "ފްރީޑޮމް އޮފް ރިލިޖަން" އާ ދިމާއަށެވެ.

ރާއްޖެއަށްވުރެ ޓްރޭޑްގައި ފުޅާ ބޮޑެތި ގައުމުތައް ވެސް އެ ލައިންގެ އޮވެއެވެ. އެހެންވެ އީޔޫއާއެކު ޓްރޭޑް ޑީލެއް ހެދުމަކީ ރާއްޖެއަށް ކުރިން ވެސް މިހާރު ވެސް އަދި މާދަމާ ވެސް އެހާ ފަސޭހަ ކަމަކަށް ނުވެއެވެ.

ޓްރޭޑް ޑީލެއް ނުހަދާ ކަމަށް ވަންޏާ ރާއްޖެއަށް ދާން ޖެހެނީ ޑަބްލިޔޫޓީއޯ ރޫލްސްގެ ތެރެއަށެވެ. އޭގެ މާނައަކީ ރާއްޖެ ދާން ޖެހޭނީ ތަންކޮޅެއް ނެގެޓިވް ނޫނީ ރާއްޖެއަށް ފައިދާ ނުވާ ގޮތަކަށެވެ. އެއީ އެހެން ދިމަދިމާ ތޮރުފައި ފޫދުއްވާލައިގެނެވެ. އެއީ ރާއްޖެއަށް ކެރި ކުޅަދާނަ ވާވަރަށްވުރެ އުނދަގޫ އަދި ނަފާ ކުޑަ ގޮތެކެވެ.

"އީޔޫއިން އިނގިރޭސި ވިލާތް ވަކިވުމުން ކުރިން އޮތް އުނދަގޫ މަގު ދޫކޮށްލާފައި ރާއްޖެއަށް ވަކީން ގޮސް އިނގިރޭސި ވިލާތާއެކު އިށީނދެ އެކަންކަން ކޮށްލެވޭނެ. އޭރަށް ވާނެ ގޮތަކީ އީޔޫން [މިހާރު ކުރާ ޖެއްސުންތަކުގެ ތެރެއިން] މިިގަންނަ ހުރިހާ އެއްޗެއް އިނގިރޭސި ވިލާތުން ގަނެވޭނެ ކޮންމެހެން އީޔޫއަށް ދާކަށް ނުޖެހޭނެ،" ޝިއާން ވިދާޅުވި އެވެ. "އޭގެ މާނައަކީ އަޅުގަނޑުމެން ސީދާ ބިޒްނަސް ޓް ބިޒްނަސް ރިލޭޝަންޝިޕެއް އުފެއްދޭނޭ. ދިވެހި ވިޔަފާރިވެރިން އިނގިރޭސިވިލާތުން އެއްޗެހި ގަނެވޭނެ މާ އަގުހެޔޮ ބާޒާރަކުން މާ ހަރަދު ކުޑަކޮށް ... މިއަށް ފޯކަސް ކުރަން ޖެހެނީ،"

ރައީސް ޔާމީންގެ އެއް އަމާޒަކީ ޓްރޭޑްގެ ސައިޑުން ފްރީ މާކެޓް ކުރިއަރުވުމަށް ކުރެވެން ހުރި ކަންކަން ކުރުމެވެ. އެއަށް ބަލައިގެން ބްރެކްސިޓާ ދިމާވި ދަނޑިވަޅުގައި ރާއްޖެއިން މިހާރުވެސް ވަނީ ފްރީ ޓްރޭޑް އެގްރިމެންޓަކަށް ދާން އިނގިރޭސި ވިލާތަށް ދައުވަތު ދީފައެވެ. ކޮމަންވެލްތުން ވަކިވުމާ ގުޅިގެން ދެ ގައުމުގެ މެދުގައި ހިއްލި ދާ އޮބެން ދާއިރު އެއީ ކާމިޔާބު ވެދާނެ ކަމެކެވެ.

މިއަ އަހަރު ކުރިކޮޅު ރާއްޖޭގެ އިކްނޮމިކް މިނިސްޓަރާ އިނިރޭސި ވިލާތުގެ ޓްރޭޑް މިނިސްޓަރުވަނީ މަޝްވަރާތަކެއް ވެސް ކުރިޔަށް ގެންގޮސްފަ އެވެ. އެ މަޝްވަރާތަކުގައި ބެލީ އިނގިރޭސިވިލާތް އީޔޫއިން ވަކިވުމުން ރާއްޖެއާ އެކުގައި ޓްރޭޭޑް ޑީލެއް ހެދުމަށެވެ. އަދި އެންމެ އަވަހާ އެފަދަ ޑީލަކަށް ދެވޭނެ ގޮތަކީ ކޮބައިތޯ އެވެ. އެކަން ރާއްޖެއަށް ވެސް އަދި އެހެން ގައުމަކަށްވެސް ކާމިޔާބު ވާނީ އިނގިރޭސި ވިލާތް އީޔޫން ވަކިވުމުގެ ހުރިހާ ކަމަކަކުން އަވަދިވެގެނެވެ. ރާއްޖެ އާއި އިނގިރޭސި ވިލާތާ ދެމެދު ރަނގަޅު ގުޅުމަކާއެކު އެހިސާބަށް ދެވިއްޖެ ނަމަ ރާއްޖެއަށް ލިބޭނެ ވަރަށް ބޮޑު އެޑްވާންޓޭޖްތަކެއް ވެއެވެ. ހާއްސަކޮށް ވިޔަފާރީގަ އާއި ޓްރޭޑް ކުރުމުގައި އީޔޫން ރާއްޖެއަށް ދުއްޕާން ކުރަން އަޅުވައިގެން އުޅޭ ތަޅު ކީހާލުމުގަ އެވެ.

"މިހާރު ދެ ގައުމުގެ މެދުގައި އޮތީ ވަރަށް ގާތް ގުޅުމެއް މިއިން ޒަމާނަކުވެސް ރާއްޖެއާ މެދު ނެތްވަރުގެ ގާތް ގުޅުމެއް އެބައޮތް މިހާރު. އަޅުގަނޑު ޔަގީން ކުރަން މި ގުޅުމާއެކު 2019 ނިމެންވާއިރަށް ރާއްޖެއަށް އިނގރޭސީންނާއެކު ފްރީ ޓްރޭޑް އެގްރީމެންޓަކަށް ދެވޭނެ ކަމަށް. މިހާރު އޮތީ ވަރަށް ޕޮޒިޓިވް އިންޑިކޭޝަންތަކެއް އިނގިރޭސި ސަރކާރުން ދީފައި، އަޅުގަނޑަށް ހަމަ ޔަގީން ބްރެކްސިޓަކީ ރާއްޖެއަށް ފައިދާއެއް،" ޝިއާން ވިދާޅުވި އެވެ.

މިކަން ހަގީގަތަކަށް ވެގެން އަތުވެއްޖެ ނަމަ ޔޫރަޕަށް އަހަރެއްގެ ތެރޭ މިހާރު ރާއްޖެއިން އެކްސްޕޯޓް ކުރާ 11 މިލިއަނެއްހާ ރުފިޔާގެ މަސް ރާއްޖެއިން އިނގިރޭސި ވިލާތަށް އެކަނި އެކްސްޕޯޓް ކޮށްގެންވެސް އެ ނަމްބަރު ހޯދޭނެ އެވެ. އިނގިރޭސި ވިލާތުގެ މާކެޓަކީ އެއަށްވުރެ މާ ބޮޑު މާ ފަސޭހަ ހަރަދު ކުޑަ މާކެޓެކެވެ. ރާއްޖެއަށް ބަލާއިރު 150 އާއި 200 މިލިއަނާ ހަމައަށް ވެސް ރާއްޖެއަށް ވިޔަފާރި ފުޅާ ކުރެވިދާނެ އެވެ.

"އެހެން ގޮތަކަށް ބުންނަންޏަށް ރާއްޖެއަށް ދެވަނަ އޭރިއާއަކުން ދޮރެއް ރާއްޖޭގެ އިގްތިސޯދުގެ ތެރެއަށް ހުޅުވިގެންދާނެ، ޓްރޭޑްގެ ސައިޑުން. ހުސްއެކަނި މަހުގެ އެކްސްޕޯޓަށް ބެލިޔަސް އެހެންވީމާ ރާއްޖެއަށް އޮތް ފުރުސަތަށް ބަލަންޏާ އިނގިރޭސީން އީޔޫން ވަކިވުމަކީ ރާއްޖެއަށް އެއްޗެއް ލިބުން. އޭގެ ފައިދާ ހޯދަން ރާއްޖެއިން އެބަ މަސައްކަތް ކުރަން،"

ބްރިކްސިޓަކީ އިޔޫގެ މޭގަނޑު ކުދިކުދިވެގެން ދިޔަ ކަމެކެވެ. ހަމަ އެހެންމެ އީޔޫން ރާއްޖެއަށް އަޅުވާފައި ލޮކް، ބްރިކްސިޓާއެކު ނެއްޓުމަކީ ނުވަތަ ދޫވެގެން ދިއުމަކީ އީޔޫގެ ދަތް ބާރުވެ ކަޑަވާނެ ސަބަބެކެވެ.